ދިއިސްލާމް ފުރިހަމަ ދައުލަތަކަށް ފަލަސްޠީނުވާނެބާ؟ (2 ވަނަ ބައި)

ފުރިހަމަ ދައުލަތަކަށް ފަލަސްޠީނުވާނެބާ؟ (2 ވަނަ ބައި)

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިޖަލްސާ މިބޭއްވެނީ އެކޮމެޓީގެ މެންބަރު ޤައުމުތަކުގެ މަންދޫބުން، ފަލަސްޠީނުގެ މައްސަލަ ޢަރަބިޤައުމުތަކުން، އެންމެފުރަމަތަމަ މަރުޙަލާގައި އދ އަށް ވަކިން ޚާއްޞަކޮށް ސެކިއުރިޓީކައުންސިލަށް ހުށަހެޅުމުގެ މުހިންމުކަމަށާއި ޖެނެރަލް އެސެމްބްލީއަށް ހުށަހަޅާނީ ދެވަނަ މަރުޙަލާގައިކަމަށް ތާކީދުކޮށް ބަޔާންކުރާތީ އަރަބި ދައުލަތްތައް މިކަމުގައި ޙަރަކާތްތެރިވާންވީ ގޮތާމެދު ވާހަކަދެއްކުމަށެވެ. އެއީ އެމެރިކާވީޓޯބޭނުން ހިފައިފި ނަމައެވެ.

ކެތެރިން ކުޑަވަގުތުކޮޅަކަށް ބައިވެރި ވިއިރު  ހާމަކުރީ ވަކިގޮތެއް މިކަމުގައި ކަޑައެޅިފައިނެއްކަމަށެވެ. ވީމާ އަދި ޔޫރަޕިއަން ޔޫނިއެއްގެ ވަކި ޚާއްޞަ މަވްޤިފެއް ފަލަސްޠީނު މިނިވަންދަވްލަތަކަށް ވުމާމެދަކު ނެތެވެ. ނަމަވެސް މިޞްރުގެ ޚާރިޖީ ވަޒީރު މުޙަންމަދު ކާމިލް ޢަމްރޫއާ ބައްދަލުވެ ބުނެފައިވަނީ ޔޫރަޕިޔަން ޔޫނިޔަންގެ މަވްޤިފް މިމައްސަލައިގައި ވަރަށްސާފުކަމަށާއި  އެއީ މިމައްސަލައިގެ ޙައްލަކީ ދެފަރާތުން ވާހަކަދެއްކުމަށްޓަކައި އެއްތަންވެ ޙައްލަކަށްއައުންކަމުގައެވެ. ފަލަސްޠީނުމީހުންނާއި އިޒްރޭލުގެ މީހުން އެކުގައި ދިރިއުޅުމަށްޓަކައި މި މައްސަލަ ޙައްލުކުރެވޭނެ މަގަކީ ވާހަކަދެއްކުންކަމުގައެވެ.

މިމައްސަލާގައި ވާހަކަދައްކައި ޗީފް ޞާއިބު ޢުރައިޤާތު އިޒްރޭލުގެ ނިންމުމަށް ވަރަށްބޮޑަށް ދެކޮޅު ހަދައިފައިވެއެވެ. އިޒްރޭލުންވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ސެކިއުރިޓީކައުންސިލަށް މިމައްސަލަ ގެންދިޔުމަށް ގޮވާލައިފައެވެ. މިމައްސަލައިގައި ޔޫރިޕިޔަން ޔޫނިޔަންނާއި އެމެރިކާގެ މައުޤިފުގެ އަލީގައި އެކަންނުވާނެކަމަށާއި އެކަންކުރަން ނޫޅުމަށް ބާރުއަޅާފައިވެއެވެ. މީގެއިތުރުން ފަލަސްޠީނު ދައުލަތް އިޢުލާނުކުރުން މަނާކުރުމަށްޓަކައި މަޝްރޫޢެއް އެކުލަވައިލައިގެން މަސައްކަތް ކުރަމުން އާދެއެވެ.

ފަލަސްޠީނުގެ ރަސްމީ ރޭޑިޔޯ "ފަލަސްޠީނުގެ އަޑު" އަށް ޗީފްނެގޯޝިއޭޓަރ ހާމަކޮށްދިންގޮތުގައި ފަލަސްޠީނު މުޅިން މިނިވަންވުމަކީ ފަލަސްޠީނުގެ ރަސްމީނިންމުމެކެވެ. ފަލަސްޠީނުން ނިންމާފައިވަނީ 1976 ގައި ބަޔާންކޮށްފައި ޙުދޫދުގެ މަތީގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދި ޤުދުސްގެ އިރުމަތީބައި އެ ދައުލަތުގެ ވެރިރަށް ކަމުގައިވުމަކީ މާކުރިން ނިމިފައިއޮތް ކަމެކެވެ. ފުރިހަމަ މެންބަރުކަމާއި މުޅިން މިނިވަން ދައުލަތަކަށްވެގެންދެވޭނީ ސެކިއުރިޓީ ކައުންސިލްގެ ދޮރުހުރަސްކޮށްގެންނެވެ. މިގޮތުން މި މައްސަލަ އދ ގެ ސެކެއްޓްރީ ޖެނެރަލް ބެންކީ މޫނަށް ހުށަހަޅާނީ ސީދާ ފަލަސްޠީނުގެ ރައީސެވެ. އެއަށްފަހު އެތާނގެ ސެކިއުރިޓީ ކައުންސިލާ ހަވާލުކުރުމަކީ އޭނާގެ ކަމެކެވެ. މިކަންކަން މިހާރުވީ ބައިނަލް އަޤްވާމީ ދާއިރާތަކަށް ހާމަކޮށްދެވިފައި ކަމުގައިވެސް ބުނެފައިވެއެވެ.

އަނެއްކޮޅުން ފަލަސްޠީނުގެ ނޭޝަނަލް ލިބަރޭޝަން މޯމެންޓްގެ ސެކްޓްރިއޭޓުން ރައްޔިތުންގެ ކިބައިން އެދެނީ މިކަމަށްވާގިވެރިވުމަށްޓކައި ސަރުކާރާ އެއްބާރުލައި މިހިނގާ ޝައްވާލުމަހުގެ 23 ވަނަދުވަހު - 21 ސެޕްޓެމްބަރ 2011 - ގައި ޤައުމީލޯބި ހާމަކުރުމަށްޓަކައި އެންމެން ނުކުތުމަށެވެ.

އެމެރިކާއާއި ޔޫރަޕިޔަން ޔޫނިއަން ފަލަޞްޠީނުމީހުން އެބައިމީހުންގެ ޒާތީ ވެރިކަން ބައިނަލްއަޤުވާމީ ދައުލަތެއްގެ ސިފަޖެއްސުމަށް އދ ގެންގޮސް އެދައުލަތަށް ދުނިޔޭގެ އާބަސް ހޯދުމަށާއި އެޖަމްޢިއްޔާގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ކުރާމަސައްކަތަށް ދެކޮޅު ހަދައެވެ.

އެމެރިކާގެ ކޮންގްރެއްސުން މިކަމާދެކޮޅު ހަދައެވެ. އަދި ޚުދު އެމެރިކާގެ ރައީސްވެސް ފަލަސްޠީނުގެ މިފިޔަވަޅު ސިފަކުރަނީ އަމަން އަމާންކަމާއި ޞުލްޙައިގެ މަގުން އެއްކިބާވުންކަމުގައެވެ. އަދި އޭގެ ސަބަބުން މައްސަލަ ޙައްލެއްނުވާނެކަމަށް ކަޑައެޅި ބުނެފައިވެއެވެ. ނިވްޔޯކްގައި މިކަމާގުޅިގެން ކުރަމުންދާ މަސައްކަތުން ނޫސްވެރިންގެ ސަމާލުކަށް ލިބިގެންދާނެ ކަމަށާއި ނަމަވެސް ފަލަސްޠީނުގެ ބިމުގައި ޙަޤީޤީ މައިދާނުގައި ކުރިއެރުމެއް ނުލިބޭނެކަމަށް ބުންޏެވެ. އިތުރަށް ހާމަކުރިގޮތުގައި މިކަމުގައި އޮތީ އެދެބައިމީހުން އިށީދެ ވާހަކަދައިގެން ޙައްލުކުރުމެވެ. ވާހަކަދެއްކުމަށް މަގުފަހިވާކޮންމެ ކަމަކަށް އެމެރިކާ ވާގިވެރިވާނެވެ. އޭގެއިދިކޮޅު އެއްވެސްކަމަކަށް ވާގިވެރިނުވާނެވެ. ހުރިހާބާރެއް އެކަން މަނާކުރަން ބޭނުން ހިފާނެވެ. މިއަށްވުރެ ސާފުކޮށް އެމެރިކާގެ ޚާރިޖީ ވަޒީރުގެ ބަސް މިއަށްވުރެ މާސާފުވެފައި ޙަޤީޤަތާގާތެވެ. ބުނެއެވެ. ފަލަސްޠީނުގެ މި މައްސަލަ އދ އަށް ހުށަހެޅޭ ހިނދު އެމެރިކާއަށް ލިބިފައިވާ ވީޓޯ ގެ ޙައްޤުގެ ބޭނުންކުރާނެވެ. ޔޫރަޕިއަށް ޔޫނިޔަންގެ މަވްޤިފަކީވެސް މިއެވެ.

އެމެރިކާގެ އެންމެ އެކުވެރި އެއް އަރަބި ދައުލަތަކީ ސަޢުދި ޢަރަބިޔާއެވެ. ސަޢުދި އަރަބިޔާއިންވެސް މިކަމުގައި އެމެރިކާއާ ޚިޔާލު ތަފާތެވެ. ސަޢޫދީގެ އިންޓެލިޖެންސްގެ ކުރީގެ ރައީސް ވޮސިންޓަންގައި ސަޢޫދީގެ އެމްބެސެޑަރ އަލްއަމީރު ތުރުކީ އަލްފައިޞަލް މިކަމުގައި އަރަބިންނަށް އެއްބާރުލުން ދިނުމަށް އޮބާމާގެ ސަރުކާރުން އެދިފައިވެއެވެ. އަދި ހާމަކުރިގޮތުގައި އެމެރިކާއާމެދު އަރަބި އިސްލާމީ ދައުލަތްތަކުގައިވާ މަޙްދޫދު އިތުބާރު ގެއްލިގެންދާނެކަމަކަށް މިކަން ނަހައްދަވާށެވެ. ނިވްޔޯކުޓައިމްސްގައި ތުރުކީގެ ބަސްމަގު ބަޔާންކޮށްފައިވަނީ މިފަދައިންނެވެ. ފަލަސްޠީނުގެ މައްސަލައަކީ ޢަރަބިންގެ ގާތުގައި ވަރަށް މުހިންމު އަދި އަރަބިންގެ ދިރުމާއި ގުޅިފައިވާ މައްސަލައެކެވެ. އެކަން އެމެރިކާއިންވީޓޯކޮށްފިނަމަ އެކަމުގެ ނޭދެވޭ އަސަރު ހާމަވެގެންދާނެވެ. އެމެރިކާއާއި ސަޢޫދީގެ ގުޅުމަށްވެސް މިކަމުގެ އަސަރުފޯރާނެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައިވާ މުސްލިމުންގެ ނުރުހުމުގެ ޝުޢޫރުތައް ފާޅުވެގެންދާނެއެވެ. އިތުރަށް އިސްލާމީ ދުނިޔެއާއި އެމެރިކާގެ ގުޅުން ގޯސްވެގެންދާނެއެވެ.

އެންމެފަހުން އަލްއަމީރު ތުރުކީ އިންޒާރުދީ ބުނެފައިވެއެވެ. އެމެރިކާއަށް ލިބިފައިވާ ވީޓޯގެ ޙައްޤު މިކަމުގައި ބޭނުންކޮށްފި ޙާލަތުގައި މީގެ ކުރިން އެމެރިކާއާއެކު ސަޢޫދީ ގުޅުން ގާއިމުކޮށްފައިވާ ތާރީޚީ ގޮތުގެ މަތީން އެގުޅުން ދެމެހެއްޓުމަށް ސަޢޫދި ޢަރަބިޔާ ކުޅަދާނަވެގެންނުވެއެވެ.

ދުނިޔޭގެ ބާރުތައް ފަލަސްޠީނާ އިދިކީލިވެފައިވާ އިރު އިސްލާމީ އުންމަތުގައި މިކަން ސިޔާސީގޮތުން ނެގެހެއްޓޭނެ އެހާބޮޑު ބާރުތަކެއް އދ ގެ ތެރެއަކު ނުވެއެވެ. އިސްލާމީ އުންމަތްމިވަނީ އިޒްރޭލަށާއި އެމެރިކާއަށްވިކި ހުސްވެފައެވެ. ކުޑަޤައުމެއް ބޮޑުޤައުމެއްނެތެވެ. ސިޔާސީ ބޭނުންތަކަށް ދަހިލަވާ ވެރިންތައް އުންމަތް ބައިބައިކޮށް އުއްމަތުގެ ދަރިން ކަތިލަމުންދާ މިފަދަ ދަޑިވަޅެއްގައި އަމުދުން އިސްލާމީ އުއްމަތުގައި އެއްބައިވަންތަކަށް ގެއްލިފައިވާ ދުވަސްވަރެއްގައި ފަލަސްޠީނު ދެކެމުން މިއަންނަ ހުވަފެން ބިލާހަކަށްނުވެ ކާމިޔާބުވެއްޖެނަމަ އަހަރެމެންގެ ބޭނުން ފުދުނީއެވެ. ދުޢާއަކީ ﷲ ތަޢާލާ މުސްލިމުންގެ އުންމީދު ފުރިހަމަކޮށްދެއްވައި ފަލަސްޠީނުގައި މިނިވަން ދައުލަތެއް އުފެދޭނެގޮތް މިންވަރުކޮށްދެއްވުމެވެ. އިޒްރޭލް ނިކެމެތި ކުރައްވައި އިޒްރޭލް ގޮށްމުށުން މުސްލިމުންނާއި މަސްޖިދުލް އަޤްޞާސަލާމަތްކޮށްދެއްވުމެވެ. (ނިމުނީ)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.