ދިއިސްލާމް ދިވެހިރާއްޖެ އޮތީ އިޒްރޭލާއި ދެކޮޅު ވިސްނުން ދޫކޮށްލުމަށް ތައްޔާރަށް ކަމަށް ބުނާ ލިޔުމެއް ވިކިލީކްސް އިން ފަޅާއަރުވާލައިފި

ދިވެހިރާއްޖެ އޮތީ އިޒްރޭލާއި ދެކޮޅު ވިސްނުން ދޫކޮށްލުމަށް ތައްޔާރަށް ކަމަށް ބުނާ ލިޔުމެއް ވިކިލީކްސް އިން ފަޅާއަރުވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިޒްރޭލްގެ ޒަޔަނިސްޓުންނާއި ދެކޮޅަށް މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މާލޭގައި މުޒާހަރާ ކުރަނީ - ފޮޓޯ : ދިއިސްލާމް

ދުނިޔޭގެ ޤައުމުތަކުގެ ސަރުކާރުތަކުގެ ސިއްރުތައް ބަރަހަނާކުރަމުންދާ މަޝްހޫރު ވެބްސައިޓެއް ކަމަށްވާ ވިކިލީކްސް އިން އާއްމު ކުރަމުންދާ ލިޔެކިޔުން ތަކުގެ ތެރެއިން ދިވެހިރާއްޖެ އޮތީ އިޒްރޭލާ ދެކޮޅު ވިސްނުން ދޫކޮށްލުމަށް ތައްޔާރަށް ކަމަށް ބުނާ ލިޔުމެއް ޢާއްމުވެއްޖެއެވެ.

އިޒްރޭލާއި ރާއްޖެއާއި ދެމެދު އުފެދެމުންދާ ވަރުގަދަ ގުޅުމާއި ދޭތެރޭ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ނުރުހުން ފާޅުކުރަމުންދާއިރު ވިކިލީކްސް އިން ޢާއްމު ކުރަމުންދާ ޑޮކިއުމެންޓްސް ތަކުން ހާމަވެ ފެންނަން އޮތީ ސަރުކާރުން ދިވެހިރައްޔިތުންގެ އަޑަށް ބީރު ކަންފަތެއްދީ  އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމަށް އަތުކުރި އޮޅާލަމުންދާ ކަމެވެ.  18 ނޮވެމްބަރ 2009 ގެ ޑޮކިއުމަންޓްގައި އަވަށްޓެރި ސްރީލަންކާގައި ހުންނެވި ރާއްޖޭގެ ހައިކޮމިޝަނަރ އަލީ ޙުސައިން ދީދީ އާއި އެކު އެމެރިކާގެ އެމްބަސީގެ އޮފިޝަލުން ބޭއްވެވި ބައްދަލު ކުރެއްވުމެއްގައި އިޒްރޭލާ ދެކޮޅަށް އދ. އިން ފާސް ކުރަން އުޅުނު ޤަރާރަކަށް ރާއްޖެއިން ތާޢީދު ނުކުރުމަށް އެމެރިކާއިން އެދިފައިވެއެވެ.

ވިކިލީކްސްގެ މި ޑޮކިއުމަންޓްގައި ޢަލީ ޙުސައިން ދީދީ ވިދާޅުވި ކަމަށް ބުނެފައިވަނީ ޤަރާރަށް ވޯޓް ދިނުމާއި މެދު ސަރުކާރުން ވަރަށް ފުންކޮށް ވިސްނަމުންގެންދާ ކަމަށެވެ. މި ޤަރާރާއި މެދު ދިވެހިރާއްޖެ އިން ޢަމަލު ކުރާނެ ގޮތެއް ކަނޑައެޅިގެން ވިދާޅުނުވި ނަމަވެސް ވަކި ކޮޅަކަށް ވޯޓް ނުދިނުން ނުވަތަ ވޯޓުގައި ބައިވެރި ނުވުން ކުރެ އެއްގޮތަކަށް ޢަމަލު ކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ. ރާއްޖެއާއި އިޒްރޭލާ ދެމެދު އަލުން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާކަން ފާހަގަކޮށް ޢަލީ ޙުސައިން ދީދީ ވިދާޅުވި ކަމަށް ވިކިލީކްސްގެ ޑޮކިއުމެންޓްގައި ވަނީ "ރަނގަޅު ގޮތެއް ވާނެ" ކަމަށެވެ.

ވިކިލީކްސް އިން ޢާއްމު ކުރަމުންދާ ޑޮކިއުމަންޓް ތަކުގެ ތެރެއިން ރައީސް މުޙައްމަދު ނަޝީދު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވިތާ ދެހަފްތާ ފަހުން ލޯނެއް ހޯއްދެވުމަށް އެމެރިކާގެ އެމްބަސީ އަށް ފޯނުކުރެއްވި ކަމަށް ބުނާ ލިޔެކިޔުން ތަކެއްވެސް ވަނީ އާއްމުވެފައެވެ.

ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީގެ ސިއްރު ލިޔުމެއްގައިވާ ގޮތުން 27 ނޮވެމްބަރ 2008 ގައި ރައީސް ނަޝީދު ސްރީލަންކާގައި ހުންނަވާ އެމެރިކާގެ އެމްބެސެޑަރ ރޮބާޓް ބްލޭކަށް ފޯނުކުރައްވައި 10-8 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ވެސް ވެއެވެ.

ކުރީ ސަރުކާރުން ކަންކޮށްފައިވާ ގޮތުގެ ސަބަބުން ބޮޑު ދަރަންޏެއް އާ ސަރުކާރަށް ވާރުތަ ވެފައިވާ ކަމަށާއި ކުރިމަތި ވެފައިވާ ދަތިކަމުން ސަލާމަތްވާން މާލީ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށް މި ޑޮކިއުމަންޓް ތަކުގައި ވެއެވެ.

"ކުރިއަށް އޮތް ދެ މަސް ދުވަހު ހަމަޖައްސާ ލެވިއްޖެނަމަ ދެން މައްސަލައެއް ނޯންނާނެ" ކަމަށް ރައީސާ ޙަވާލާދީ އެމެރިކާގެ އެމްބަސީން ބުނެފައިވާ ކަމަށް ވެސް ވިކިލީކްސް ގެ ޑޮކިއުމެންޓްގައި ވެއެވެ.

އައިއެމްއެފް ގައިވެސް އެހީއަށް އެދިފައިވާ ކަމަށާއި އެކަމަކު އެހީ ލިބެން އަދި މަސްތަކެއް ހޭދަވާނެ ކަމަށް އެމެރިކާގެ ސަފީރު އަރިހު ރައީސް ނަޝީދު ވިދާޅުވިކަމަށް ވެސް މި ޑޮކިއުމެންޓްގައި ވެއެވެ.

ޓެގް

ވިކިލީކްސް އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.