ރާއްޖޭގެ ޚަބަރުދިއިސްލާމް

ޤައުމީ ދިފާޢީ ބާރުގެ ވަޒީފާގައި އުޅެމުން ބިން ފަސާދަކުރި މުޖުރިމުންނަށް ޙައްޤު އަދަބު ދިނުމަށް ޖަމްޢިއްޔަތުއްސަލަފުން ރައީސް ނަޝީދަށް ގޮވާލައިފި

ޤައުމީ ދިފާޢީ ބާރުގެ ވަޒީފާގައި އުޅެމުން ފޭރުމުގެ ނުބައި ޖަރީމާ ހިންގައި، ބިން ފަސާދަކުރި މުޖުރިމުންނަށް ޙައްޤު އަދަބު ދިނުމަށާއި، އެކަން ދެންތިބީންނަށް ހުރި ޢިބްރަތެއް ކަމުގައި ހެދުމަށް ޖަމްޢިއްޔަތުއްސަލަފުން ދިވެހިރާއްޖޭގެ ސިފައިންގެ އެންމެ އިސްވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ގޮވާލައިފިއެވެ.

މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރޭ އިރާކޮޅު ފަރީދީމަގުގައި ހުންނަ މ.ޕިންކްރޯސް އަށް ވަދެ އެގޭގައި ތިބި ބަންގްލަދޭޝްގެ ބަޔަކަށް ބިރުދައްކައި ގަދަކަމުން އެމީހުންގެ އަތުގައި ހުރި ފައިސާތަކެއް އަތުލަން އުޅެނިކޮށް ސިފައިންގެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއި ގުޅިގެން ސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަރުޢީ ގޮތުންނާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ ގޮތުންވެސް އެބަޔަކަށް ޙިމާޔަތް ލިބިދޭން ޖެހޭ ބިދޭސީ މެހުމާނުންގެ ޙުރުމަތް އެމީހުން ކަނޑާލާފައިވާ ކަމަށެވެ. އަދި ޝަރުޢީ އިންތަކުންނާއި، ޤާނޫނީ، އަސްކަރީ އަދި ބައިނަލްއަޤްވާމީ އިންތަކުންވެސް ބޭރުވެ އެމީހުން ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށެވެ.

"ނިކަމެތި ރައްޔިތުންނަށް ބިރުދައްކައި، އެމީހުންގެ މުދާ ފޭރި، ބިންމަތީގައި ފަސާދަ އުފައްދާ، ދިވެހިރާއްޖޭގެ އެންމެ ޒިއްމާދާރު، އަބުރުވެރި އެންމެބޮޑު ޤައުމީ މުއައްސަސާގެ ކަރާމާތް ފުރަތަމަ ފަހަރަށް ނަގާލައި، ސިފައިންގެ ޔުނީފޯމް ނާޖާއިޒު ގޮތުގައި ބޭނުންކޮށް، އެފޭރާމުގެ އިތުބާރުވަންތަކަން ކިލަނބުކޮށް، އެމުއައްސަސާފެ ތާރީޚާއި އަބުރަށް ބުރޫއަރުވައި، ބައިނަލްއަޤްވާމީ މުޖްތަމަޢުގައިވެސް ދިވެހިރާއްޖޭގެ ތާރީޚް ހަޑިވާނޭ ފަދައިން ކަންކޮށް، ޤައުމެއްގެ ޙައްޤުގައި ކުރެވޭނެ އެންމެ ބޮޑު ޖަރީމާ އެމީހުން ވަނީ ހިންގާފައެވެ." ސަލަފުން ރޭ ނެރުނު އެ ބަޔާނުގައި ވެއެވެ.

އެ ޖަމްޢިއްޔާ އިން ބުނެފައިވަނީ ޣަދަރުވެރިންނާއި ފަސާދަކުރާ މީހުންގެ ނުބައިކަމުން އެހެނިހެން އަޅުތަކުންނަށާއި މުޖްތަމަޢަށް އަމާންކަމާއި ހިތްހަމަޖެހުން ލިއްބައިދީ، ފަސާދަކުރުމުގެ އިތުރު ފުރުޞަތަކަށް ތަންނުދީ، އެފަދަ މުޖުރިމުންގެ ބިރުވެރިކަމުން ބިންމަތި އަމާންކޮށްދިނުމަކީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނު ވެސް ލާޒިމް ކުރާ ކަމެއް ކަމަށެވެ.

ބިންމަތީގައި ފަސާދަ އުފައްދާ މީހުންނަށް މާތް ﷲ ބާވައިލައްވާފައިވާ ޝަރީޢަތުގައިވަނީ ކަނޑައެޅިފައިވާ އުޤޫބާތަކީ ކޮބައިކަން ހަނދާން ކޮށްދިނުމުގެ ގޮތުން، ކީރިތި ޤުރުއާނުގެ މާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގައި ﷲ ޥަޙީކުރައްވާފައިވާ އާޔަތާއި އެއާޔަތުގެ މާނަ ސަލަފްގެ ބަޔާނުގައި ހިމަނާފައިވެއެވެ.

އިތުރަށް ސަލަފުން ބުނެފައި ވަނީ ދިވެހި ޤައުމީ ދިފާޢީ ބާރުގެ މުއައްސަސާގެ ތާރީޚާއި އަބުރު ނުޠާހިރުވިޔަނުދީ ޙިމާޔަތް ކުރުމަކީ ޤައުމުގެ އަމާންކަމާއި ސީދާ ގުޅިލާމެހިފައިވާ އެހާމެ ނާޒުކު ކަމެއް ކަމަށެވެ. އެހެން ކަމުން، އެކަމާއި މެދު ފަރުވާ ކުޑަކޮށްލައިފިނަމަ ދެން ޤައުމުގައި ނިކުމެގެން ދާނޭ ނަތީޖާތަކުގެ ޒިއްމާ ފުރިހަމަ އަށް ބޮލުގައި އަޅާން ޖެހުމުގެ ކުރީން ފުރިހަމަ އަށް ޒިއްމާ ނެގުމަށް ސިފައިން އެންމެ މަތީ ވެރިޔާ އަށާއި، ރައްޔިތުންގެ މަޖްލީހަށާއި، އެމްއެންޑީއެފް އަށާއި އަދި ދިވެހި އެންމެހާ ރައްޔިތުންނަށް ސަލަފުން އިލްތިމާސް ކޮށްފައިވެއެވެ. އަދި އެންމެހާ ކުށްވެރީންވެސް އެންމެހާ ކުށްތަކުން ތައުބާވެ، ލަފާ މީހުން ކަމުގައި ވެތިބެގެން ނޫނީ ދުނިޔެ ދޫކޮށް ނުދިއުމަށް ސަލަފުން ނަޞޭހަތްތެރިވެފައި ވެއެވެ.

ސަލަފުން މިފަދައިން ބުނެފައިވާއިރު، މީހުންނަށް ބިރުދައްކައި ފައިސާ ފޭރެމުގެ ޖަރީމާ ހިންގަމުންދަނިކޮށް އަތުލައިގަތް ސިފައިންގެ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ މިދިޔަ މަހު 30 ގައި ނެރުނު ބަޔާނެއްގައި ބުނެފައެވެ.

އެ ޖަރީމާގައި ސިފައިންގެ ތިން މީހަކު ބައިވެރިވެފައިވާ ކަން މިހާތަނަށް އެމްއެންޑީއެފް އާއި ފުލުހުން ވަނީ ބުނެފައެވެ. އޯގަސްޓް 29 ވަނަ ދުވަހުގެ ރޭ އެކަން ހިންގަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޅ. ހިންނަވަރު، އާރާމުގެ، ލާންސް ކޯޕްރަލް އަލީ އިބްރާހީމް (26 އ) އާއި ލ.މުންޑޫ، ފިނިފެންމާގެ، ޕްރައިވެޓް ޙުސައިން މާހިރު (23 އ) ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާތަކަކާއި ޑޮލަރުތަކެއް އެމީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެރޭ ބަންގްލަދޭޝް މީހުން އުޅޭ ގެއަށް ތިން މީހުން ވަދެފައިވެއެވެ. ނަމަވެސް އެތަނުން ކުލަހެދުމުގައި ހުރި މީހާ ވަނީ އެ ސަރަހައްދުން ފިލާފައެވެ. އަދި އޭނާ ފިލައިގެން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ވެސް އިއްޔެ ގެންގޮސްފައިވާ ކަމަށާއި، އެއީ ސިފައިންގެ މީހެއް ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އެމްއެންޑީއެފް އިން ބުނެފައި ވަނީ އެމީހާ އަކީ ކ. ގާފަރު، ނޫވިނަ، ޕްރައިވެޓް ސާއިބު އިބްރާހީމް ކަމަށެވެ.

އެގޭގައި އުޅޭ ބައެއް ބަންގްލަދޭޝް މީހުން ބުނެފައިވާ ގޮތުގައި، ވޭތުވެދިޔަ ރޯދަ މަސް ފެށުނު ފަހުން ސިފައިންގެ ތިން މީހުން އެކި ފަހަރު މަތިން އެގެއަށް ވަދެ 30,000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ވަނީ ފޭރިގަނެފައެވެ.

ޤައުމީ ދިފާޢީ ބާރުގެ ވަޒީފާގައި އުޅެމުން ބިން ފަސާދަކުރި މުޖުރިމުންނަށް ޙައްޤު އަދަބު ދިނުމަށް ގޮވާލާ ޖަމްޢިއްޔަތުއްސަލަފުން ނެރުނު ބަޔާން

ގުޅުންހުރި

1 ޚިޔާލު

  1. ައަލަކަށް ނޫން މުޢައޮސަސާގެ ހުރުމަތް ކަނޑާލީ……މިހާރުވެސް ވަގު ޑޮލަރުގެ ވިޔަފާރި ކުރާ ރާބޯ މީހުން އެބަތިބި..ވަގު ޑޮލަރަށް ޔޮޓް ގަނެގެން އެބައުޅޭ..މިކަންތައް ވަރަށް ބޮޑު ސިފައިންގެ ތެރޭގަ.

Your email address will not be published. Required fields are marked *