ދިއިސްލާމް މުއްސަންޖަކު ހުސްއަތާ

މުއްސަންޖަކު ހުސްއަތާ

މުއްސަންޖަކު ހުސްއަތާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއީ ކެނެޑާގައި ދިރިއުޅޭ ޢަރަބި އަޚަކު އޭނާގެ ރަޙްމަތްތެރިއެއްގެ މުއްސަނދި ބައްޕަ އާއި ބެހޭގޮތުން ކިޔައިދީފައިވާ ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. އޭނާގެ ރަޙްމަތްތެރިޔާގެ ބައްޕައަކީ ވަރަށް ބޮޑު މަހުޖަނެކެވެ. އޭނާގެ މިލްކުގައި ނުހަނު ގިނަ ބިލްޑިންގްތަކާއި މުދާތައް ހުއްޓެވެ. ދުވަސްތައް ވޭތުވަމުންގޮސް އެންމެފަހުން އެމުއްސަނދި މަހުޖަނުވެސް މުސްކުޅިވެ ވަރަށް ބޮޑަށް ބަލިވެ ޙާލުދެރަވެއްޖެއެވެ. އަދި ޙަޔާތުގެ އެންމެފަހު ދުވަސްތައް ގުނަންފެށިއެވެ. އޭނާ މަރުވުމުގެ މަދު ދުވަސްކޮޅެއްކުރިން އެމުސްކުޅިޔާ ތަކުރާރުކޮށް ކިޔަންފެށިއެވެ. (اَنَا فَقِيْرٌ ، اَنَا فَقِيْرٌ) މާނައަކީ: [އަހަރެންނަކީ ފަޤީރެކެވެ. އަހަރެންނަކީ ފަޤީރެކެވެ.] އޭނާ ގާތަށް ޒިޔާރަތްކުރާ އޭނާގެ ދަރީންނަށް މިމަންޒަރު ފެނުމުން އެމުސްކުޅިޔާއަށް އޭނާގެ ހުރިހާ މުދަލެއް ދެއްކިއެވެ. އެއީ އޭނާއަކީ ފަޤީރެއްނޫންކަން އަންގައިދިނުމަށެވެ. ނަމަވެސް އެމުސްކުޅިޔާ ތަކުރާރުކޮށް ކިޔަމުންގެންދިޔައެވެ. [އަހަރެންނަކީ ފަޤީރެކެވެ. އަހަރެންނަކީ ފަޤީރެކެވެ.] އޭނާގެ ދަރީން މިކަމާ ކަންބޮޑުވެގެން އެހިސާބުގައި ދިރިއުޅުއްވާ ޢިލްމުވެރިޔަކު ބައްޕަ ކައިރިއަށް ގެނައެވެ. ޢިލްމުވެރިޔާ، އެބަލިމީހާގެ ކައިރީ ވަގުކޮޅެއް ހޭދަކޮށްލުމުން ޢިލްމުވެރިޔާއަށް ވިސްނުނީ މުސްކުޅިޔާ އެބުނަނީ އޭނާ މުދަލުގެ ގޮތުން ފަޤީރު ވާހަކައެއް ނޫންކަމެވެ. އަދި ކިއެއްތަ! އޭނާ އެބުނަނީ ހެޔޮ ޢަމަލުގެ ގޮތުން އޭނާއަކީ ފަޤީރެއްކަމެވެ. އެހެނީ އޭނާގެ މުޅި ޙަޔާތް ވޭތުކޮށްފައިވަނީ މުދާ ގިނަކޮށް ޖަމާކުރުމަށެވެ. މިއަދު މަރުގެ ދާނަށް ވެއްޓުމުން ﷲ އަށްޓަކައި ވަގުތު ދޭން ޖެހޭނެކަން އޭނާއަށް ވިސްނުނީއެވެ. ކޮންމެއަކަސް އެމީހާ މަރުވެގެން ދިޔައިރުވެސް އޭނާ ކިޔަމުން ދިޔައީ (އަނަ ފަޤީރް) އަހަންނަކީ ފަޤީރަކީމެވެ. އަހަންނަކީ ފަޤީރަކީމެވެ.

ލޮބުވެތި އަޚުންނާ އުޚްތުންނޭވެ! އަޅުގަނޑުމެންގެ ޙަޔާތުގެވެސް ގިނަ ވަގުތުތަކެއް ވޭތުވެގެން މިދަނީ ފައިދާއެއްނެތް ބޭކާރު ގެއްލުންދެނިވި ކަންކަމަށެވެ. އެހެންކަމުން ތިމާގެ ޙަޔާތުގެ އެންމެ ސިކުންތެއްވެސް ﷲ އަށް އުރެދުމަށް ހޭދަނުކުރަމާތޯއެވެ. އޭގެ ބަދަލުގައި ގިނަގިނައިން ހެޔޮޢަމަލުކޮށް އަބަދީ ޙަޔަތާއި ކުރިމަތިލާއިރު ހެޔޮޢަމަލުގެ ގޮތުން މުއްސަނދި މީހަކަށް ވަމާތޯއެވެ. އެހެންނޫނީ އެވިޔަފާރިވެރިޔާ ފަދައިން އަހަންނަކީ ފަޤީރެކޭ ބުނަންޖެހިދާނެއެވެ. ﷲ ތަޢާލާ، އަޅުގަނޑުމެންނަށް ހެޔޮ ނިމުމެއްދެއްވާށިއެވެ! އާމީން!

ޓެގް

ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.