އޭރަކު އެއޮންނަ ސަރުކާރެއްގެ ސިޔާސަތު ހިންގަވަން ތިއްބަވާ ވަކިބައެއްގެ ވިސްނުމުގެ މައްޗަށް ތައްޔާރުކުރާ ޤާނޫނުތަކާއި ޤަވާއިދުތައް ރައްޔިތުންގެ މައްޗަށް ލާޒިމުވެގެން ދިއުމީ ވަރަށް ބިރުހުރި އަދި ނުރައްކާތެރިކަމެއް ކަމުގައި ޖަމްޢިއްޔަތުއްސަލަފުން ބުނެފިއެވެ.
މިފަދައިން އެޖަމްޢިއްޔާއިން ބުނެފައިވަނީ ދީނީ އެއްބައިވަންތަކަމާއި ބެހޭ ޤަވާއިދު ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގެޒެޓްކުރެވިގެން ދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު އާއި ޙަވާލާދީ ބައެއް މީޑިއާތަކުން ހާމަކުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް އެ ޖަމްޢިއްޔާއިން އިއްޔެ ފޮނުވި ސިޓީއެއްގައެވެ.
ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ސޮއިކުރައްވާ ފޮނުވާފައިވާ 2 ޞަފްޙާގެ އެސިޓީގައި ބުނެފައިވަނީ ދީނީ އެއްބައިވަންތަކަމުގެ ޤަވާއިދަކީ މީގެ ކުރިންވެސް އަނިޔާވެރިކަމުގެ މަގަކުން ދިވެހި ރައްޔިތުންނާއިމެދު މުޢާމަލާތް ހިންގިފައިވާ ޤަވާއިދެއް ކަމަށެވެ. އަދި އެހެންވުމާއެކު އެފަދަ އެއްޗެއް ނެރުމުގައި ރާއްޖެ އަށް ވަންނަމުންދާ އެހެން ދީންތަކުގެ އޮއިވަރާއި، ގޮންޖެހުންތަކުން ދިވެހިދީބު ޙިމާޔަތްކުރުމަށް ވުރެ ބޮޑަށް އިސްލާމްދީނަށް ލޯބިކުރާ ފަރާތްތަކަށް ދަތިކޮށް، އިސްލާމީ ރޮނގުން ދިވެހި މުޖްތަމަޢު ހޭލުންތެރި ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހުރަސް އެޅޭނޭހެން ބައްޓަންވެފައި އޮތުމަކީ ހަމަ އިހު ދިޔަ މަހުން ޤައުމުގެ މިސްރާބު ކަތިވެ، އިހުނަށްވުރެވެސް ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން ލިބިދިނުމަށް އެކަށައެޅޭނޭ އެއްޗެއް ކަމުގައި ދެކޭ ކަމަށެވެ.
އިތުރަށް އެސިޓީގައި ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބެއްލެވުމުގެ ދަށުން ޤަވާއިދު ޑްރާފްޓް ކުރެއްވިކަން ހާމަވުމާއި ވިދިގެން އޭގައި ކޮންމެހެން ހުންނަން ޖެހޭ 11 ނުކުތާއެއް ލިޔެ، އެޖަމްޢިއްޔާއިން އަމިއްލަ ގޮތުން އިސްލާމިކް މިނިސްޓްރީ އަށް 13 ޑިސެމްބަރ 2009 ގައި ލަފާ ހުށަހަޅާފައި ވާނެ ކަމަށެވެ.
އެހެންނަމަވެސް އެކަމުގައި ކަމާބެގޭ ފަރާތްތަކުން އެއްވެސް މަޝްވަރާއެއް އެ ޖަމްޢިއްޔާ އާއި ޙިއްޞާކުރައްވާފައި ނުވާ ކަމަށާއި އެކަމާއިމެދު ކަންބޮޑުވުން ހިތާމައާއި އެކު ފާހަނަގަކުރާ ކަމަށެވެ.
"މިވާހަކަ މިހެން ފާހަނގަ ކުރަން ޖެހުނީ ޤާނޫނުތަކާއި ޤަވާއިދުތައް ހެދުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ޙިއްޞާ ވަރަށް ބޮޑަށް އޮންނަން ޖެހޭނެ ވާހަކަ އާއި، އަދި އެފުރުޞަތު ދެއްވާނެ ކަމުގައި ތިޔަ ފަތާތްތަކުން ޢާއްމު ގޮތެއްގައި ދަޢުޥާ ކުރައްވަވަމުން ދާތީއާއި ވެސް އެކީގައެވެ. ޚާއްޞަކޮށް މި ޖަމްޢިއްޔާ އަކީ އެ ޤަވާއިދާއި ސީދާ ގުޅުންހުރި ދާއިރާތަކުގައި ޢާއްމުކޮގޮތެއްގައި ޙަރަކާތްތެރިވަމުންދާ ޖަމްޢިއްޔާއެއް ކަމުންނާއި، މި ޤަވާއިދާއި މެދު ކުރީންވެސް ދެކެވިފައިވާ ގޮތަށް މިހާރުވެސް ދެކުމުގެ ފުރުޞަތު އޮތީތީއެވެ. މިފަދަ ޙައްސާސް ކަމެއްގައި ހާމަކަންބޮޑުކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާނުކޮށް، ކަމާއި ގުޅުން ހުރި ދާއިރާގެ މިނިވަން ފަރާތްތަކާއި ޙިއްޞާކުރުމަކާއި ނުމެލައި، އޭރަކު އެއޮންނަ ސަރުކާރެއްގެ ސިޔާސަތު ހިންގަވަން ތިއްބަވާ ވަކިބައެއްގެ ވިސްނުމުގެ މައްޗަށް ތައްޔާރުކުރާ ޤާނޫނުތަކާއި ޤަވާއިދުތައް ރައްޔިތުންގެ މައްޗަށް ލާޒިމުވެގެން ދިއުމީ ވަރަށް ބިރުހުރި އަދި ނުރައްކާތެރި ކަމެއް ކަމުގައި ޖަމްޢިއްޔާއިން ފާހަނގަކުރަމެވެ." ސަލަފްގެ ސިޓީގައި ވެއެވެ.
ސަލަފުން ބުނެފައިވަނީ ވަކިން ޚާއްޞަކޮށް އެ ޤަވާއިދުގެ އެންމެ ފަހުގެ މަރްޙަލާތަކުގައި ފަރުމާކުރުމަށް ޙަވާލުވެފައިވާ ފަރާތްތަކަކީ ދިވެހި ރައްޔިތުންނަށް އެ ދާއިރާގައި އިތުބާރު ނުކުރެވޭ ފަރާތްތަކެއް ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ޤާނޫނު އަސާސީ އިން އިސްލާމީ ޝަރީޢަތް ބޭރުކުރުމަށް ރައްޔިތުންގެ މަޖްލީހުގެ މުޤައްރިރުކަމުގައި ހުންނަވައިގެން މަސައްކަތްކުރެއްވި އިބްރާހީމް އިސްމާޢީލް ވެސް އެކަމުގައި ޝާމިލްވެފައިވާ ކަމަށެވެ. އޭގެ އިތުރުން އިސްލާމް ދީނަށް ޙަސަދަވެރި، އިސްލާމުންގެ ޢަދާވާތްތެރި ބޭރުގެ ބައެއް ފަރާތްތަކުގެ ނުފޫޛްތައް ވެސް އެ މައްސަލާގައި ވަދެފައިވާ ކަމުގެ ޚަބަރު އެ ޖަމްޢިއްޔާއިން ސީރިއަސް ކަމާއެކު ދިރާސާކުރަމުންދާ ކަމަށެވެ.
"ހަމައެއާއި އެކު ޤާނޫނު އަސާސީ އިން ރާއްޖޭގެ ވަކިބަކި ފަރުދުންނަށާއި، ދިވެހި މަދަނީ ޖަމްޢިއްޔާތަކަށް ލިބިދީފައިވާ މިނިވަންކަމާއި، ޙައްޤުތަކަށް އުނިކަން ލިބޭނޭހެން ނުވަތަ ހަނިވާނޭހެން މި ޤަވާއިދު ފަރުމާކޮށްފައި ނުވަތަ މާނަކޮށް، ތަރުޖަމާވާ ގޮތަށް އޮތުމަކީ އެކަމާއި މެދު ދައުލަތާއި އެކު ޤަވާއިދު އެކުލަވައިލި ފަރާތްތައް ވެސް ކުށްވެރިވާންޖެހޭނެ ކަމެއް ކަންވެސް ކުރިޔާލައި ހަނދުމަކޮށް އަރުވަމެވެ." އެސިޓީގައި ވެއެވެ.
ސަލަފްގެ ސިޓީ ނިންމާލަމުން ރައީސް ނަޝީދަށް ދަންނަވާފައި ވަނީ އެކަމުގައި އެ މަނިކުފާނުގެ ސިޔާސަތަކީ ކޮބައިތޯ ހާމަކޮށް ދެއްވުމަށާއި، ހަމަމަގުން ޤަވާއިދުގެ ކަންތައް ސީދާ ކުރައްވައި، ދިވެހިރާއްޖޭގެ އިސްލާމީ ސިޔާދަތަށް ޢިއްޒަތާއި ވަރުގަދަކަން ލިބޭނޭ ގޮތުން އެކަމުގައި ޢަމަލުކުރެއްވުމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...