ރިޕޯޓް ބާރު ހުރި ފަރާތްތަކުން ކުޑަކުދިންނަށް އަނިޔާވެރިވުން ކަންބޮޑުވާ ދަރަޖައަކަށް !!!

ބާރު ހުރި ފަރާތްތަކުން ކުޑަކުދިންނަށް އަނިޔާވެރިވުން ކަންބޮޑުވާ ދަރަޖައަކަށް !!!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

ލޯ މައްޗަށް ފެންނަމުންދާ ޙަޤީޤަތެކެވެ. ބާރު ހުރި ފަރާތްތަކުން މި ދިވެހި މުޖްތަމަޢުގައި ކުޑަކުދިންނަށް އަނިޔާވެރިވަމުން އެބަދެއެވެ. އެކި ސިފަސިފައިގައެވެ.

މާދުރުގެ ވާހަކައެއް ނޫނެވެ. ހިނގަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވާލުގެ ގަޑިއެކެވެ. އިއްޔެގެ ހަވީރުގެ ވަޤުތެވެ. ދަޢުލަތުގެ މީޑިއާ ޗެނަލެއް ކަމަށްވާ "އެމްއެންބީސީ ވަން" އިން ފެނިގެން ދިޔައީ އިންތިހާ އަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. އެ މީޑިއާ އިން ކުޑަ އަންހެން ކުދިން ނަހަމަގޮތުގައި ބޭނުންކޮށްގެން ބެލުންތެރިންގެ މުނިފޫހިފިލުވައި ދެނީ ޔޯލައެވެ. އެއީ ސްކޫލްގައި ކިޔަވާ ކުޑަ ކުޑަ އަންހެން ކުއްޖެކެވެ. ކުއްޖާ ލައްވާފައި ހުރީ ކަސްބީ އަންހެނުން އަޅާ ފަދަ ނިވާކަންކުޑަ ހެދުމެކެވެ. ޝައިޠާނީ މިއުޒިކާއި ލޯބީގެ ލަވައަށް އެކުއްޖާ ގަންބުވާލައި، ކުއްޖާ އަތްފަޔާއި ބޯހޫރުވަމުން ނައްޓުވަމުން ދިޔައެވެ.

އަސްތާ! ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ! ކުޑަކުދިންނަށް ބާރު ހުރި މީޑިއާގެ މުއައްސަސާތަކުން ވެސް އަނިޔާވެރިވަނީ އެވެ. އެކުދިން ނަހަމަ ގޮތުގައި ބޭނުންކުރަނީ އެވެ. އެކުދިންނަށް ގޯނާ ކުރަނީއެވެ. ނަމެއްގައި އެ މީޑިއާ އިން ބުނަނީ އެއީ ކުޑަކުދިންގެ ހުނަރު ދައްކާލަނީ ޔޯލައެވެ. އަޖައިބެއް ފަހެ ނުވާނެ ހެއްޔެވެ؟ ކުޑަކުދިންގެ ހުނަރު ދެއްކުމަށްޓަކައި އެކުދިން ކަސްބީ އަންހެނުން ފަދައިން ނިވާކަން ކުޑަ ހެދުން ލައްވާފައި ސްޓޭޖް މައްޗަށް އަރުވާ، ޝައިޠާނީ މިއުޒިކާއި ލޯބީގެ ލަވައަށް ނައްޓުވާ އެކުދިން ލައްވާ ހުތުރު ވައްތަރު ޖައްސުވަން ޖެހޭ ހެއްޔެވެ؟

ކުޑަވެސް ޝައްކެއް ނެތެވެ. މިއީ ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމެވެ. އެކުދިންނާމެދު އިޙްމާލުވުމެވެ. އެކުދިންނަށް އަނިޔާވެރިވުމެވެ. އެކުދިން މަގުފުރެއްދުމެވެ. މިކަމުގައި އެކުދިންގެ މައިންބަފައިންގެ ވަރަށް ބޮޑު އިޙްމާލެއް ވެއެވެ. ސަބަބަކީ މިފަދަ ކަންތައްތަކުގައި ކުޑަކުދިން ބައިވެރިކުރުވުމުގައި އެންމެ އިސްދައުރެއް ޢަދާކުރަނީ އެކުދިންގެ މައިންބަފައިން ކަމަށް ވާތީއެވެ.

މިއަދު ދިވެހި މުޖުތަމަޢުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ އަކީ އިންތިހާއަށް ކަން ބޮޑުވާ ވަރަށް ޢާއްމުވަމުންދާ މައްސަލައެކެވެ. މިފަދަ މައްސަލަތައް އުފެދެން ޖެހޭ ޙަޤީޤީ ސަބަބުތައް ބަލާ ހޯދައި އެފަދަ ނުބައި ކަންކަން ހުއްޓުވުމަށްޓަކައި ފިޔަވަޅު އަޅަން އެބަޖެހެއެވެ.

ކަސްބީ އަންހެނުން ހެދުން އަޅާ ފަދައިން ކުޑަ އަންހެން ކުދިން ހެދުން އެޅުވުން މިއަދު މުޖްތަމަޢުގައި މިވަނީ ޢާއްމުވެފައެވެ. އެކުދިން މަގުމައްޗަށާއި ތަންތަނަށް ގެންދަނީ މިނީސްކާޓް، ބިކިނީ ނުވަތަ ސްކިނީ ފަދަ ކަސްބީ އަންހެނުން އަޅާ ފަދަ ނިވާކަން ކުޑަ ހެދުމެއް އަޅުވައިގެންނެވެ. ކުޑަކުދިންނަށް ޓީވީ އިންނާއި އެފަދަ ވަޞީލަތްތަކުން ފާޙިޝް ލަވަތަކާއި ޑްރާމާ އާއި ފިލްމު ދެއްކުމާއި އަޑުއިއްވުމަކީ މައްސަލައެއް އޮތް ކަމަކަށް ނުވެއެވެ. އަދި އެވަރަކުން ނުފުދެއެވެ. އެކުދިން ލައްވާ ލޯބީގެ ލަވަތައް ކިޔުއްވާ ނައްޓުވާ ހެދުމަކީ ފަޚުރެއް ކަމުގައި ދެކޭ ބެލެނިވެރިން ވެސް މަދެއް ނޫނެވެ. ޓީވީ އިން އެފަދަ ފާޙިޝް ނުބައި އެއްޗެހި ދައްކާއިރު އޭގައި މިވެނި އުމުރަކުން ދަށުގެ ކުދިން ބެލުން އެކަށީގެން ނުވާފަދަ އަޑާއި މަންޒަރު އެކުލެވުން އެކަށީގެންވެޔޭ ބުނުމުން މީޑިއާގެ މީހުން އެމީހުންގެ ޒިންމާއިން ބަރީޢަވީ ކަމަށް ދެކެނީ ތޯއެވެ؟ އެފަދަ ނުބައި އެއްޗެހީގެ ޝިކާރައަކަށް ވެގެންދަނީ މުޖްތަމަޢުގެ ކިތައް ކިތައް ކުޑަކުދިން ތޯއެވެ؟

އެންމެ ތުއްތު އިރުއްސުރެ ޕްރީސްކޫލްގައި ވެސް އެކުދިން ނަހަމަ ގޮތުގައި ބޭނުންކުރެވެމުންދެއެވެ. އެގޮތަކީ އެހެންޏާ އެކުދިން ކުލާހުން ބޭރު ތަނަކަށް ގެންދިޔައަސް ގެންދަނީ ތުއްތު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އަތު ގުޅުވާލައިގެން ތިބެއެވެ. އެކުދިންނަށް ދަސްކޮށްދެވެނީ ކޮންމެވެސް ޝައިޠާނީ މިއުޒިކާއި ލަވައަށް ނެށުމަށެވެ. އެންމެ ތުއްތު އިރުއްސުރެ ދެޖިންސުގެ ކުދިން މަސްހުނިކޮށްގެން ސްޓޭޖް ޝޯތަކާއި "ނާޗަރަންގީ" ޒާތުގެ ކުޅިވަރު ކުޅުވައެވެ.

ކުޑަކުދިންގެ ހުނަރު ކުރިއެރުވުމުގެ ނަމުގައި އެކުދިން ލައްވާ އިސްލާމްދީނާއި ޚިލާފް ނުބައި ކަންތައްތައް ކުރުވާކަށް ނުޖެހެއެވެ. އިސްލާމީ މިންގަނޑުތަކުގެ މަތިން އެކުދިންނަށް ތަރުބިއްޔަތު ދިނުމާއި ހުނަރު އިތުރުކުރަން މައިންބަފައިންނާއި ސްކޫލްތަކުގެ މުދައްރިސުންނާއި މީޑިއާގެ މީސްތަކުންނާއި އެފަދަ އެންމެހާ ބާރުހުރި ފަރާތްތަކުން ދަސްކުރަން ވެއްޖެއެވެ. ކުޑަކުދިންނަށް ކުރެވޭ އެންމެހާ ބާވަތެއްގެ އަނިޔާތަކާއި ގޯނާތައް ހުއްޓުވަން އެންމެން މަސައްކަތް ކުރަން ވެއްޖެއެވެ.

ޓެގް

ގޯނާ އަނިޔާވެރިވުން ކުޑަކުދިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.