ރިޕޯޓް އޭ ޒުވާނާއެވެ! އަދި އެއްފަހަރު ވިސްނާލާށެވެ. (2 ވަނަ ބައި)

އޭ ޒުވާނާއެވެ! އަދި އެއްފަހަރު ވިސްނާލާށެވެ. (2 ވަނަ ބައި)

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އޭ ޒުވާނާއެވެ. މާތްﷲ ވަނީ އެކަލާންގެ ހެއްދެވި ހުރިހާ މަޚްލޫޤުންގެ މައްޗަށް އާދަމުގެ ދަރީން މާތް ކުރައްވާފައެވެ. މިހެންކަމާއި އެކު އާދަމުގެ ދަރީންނަށް ﷲ ދެއްވި ނިޢުމަތްތަކަކީ އެހެން އެއްވެސް މަޚްލޫޤަކަށް އެކަލާންގެ ދެއްވާފައިވާ ނިޢުމަތްތަކަށްވުރެ މާގިނަ ނިޢުމަތްތަކެވެ. އެއީ މޮޅު ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ގުނި ނަމަވެސް ޢަދަދު ނުކުރެވޭނެހާ ގިނަގުނަ ނިޢުމަތްތަކެކެވެ. ނަމަވެސް މިއާއިމެދު ގިނަ ބަޔަކު ވަނީ ޣާފިލު ވެފައެވެ.

އޭ ޒުވާނާއެވެ. ތިބާ ދުނިޔެއަށް އައީ އެކަނިވެރި ހާލުގައެވެ. ނަމަވެސް ހަޤީގަތުގައި ތިބާ އެކަނިވެރިއެއް ނުވެއެވެ. އެހެނީ ޖަލާލުވަންތަ ﷲ ތިބާވީ ކޮންމެ ތަނެއްގައި ތިބާ އާއި އެކުގައިވެއެވެ. ދުނިޔޭގައި ކާމިޔާބު ދިރިއުޅުމެއް ތިބާއަށް ލިބުމަށްޓަކައި ޢިލްމުގެ ފުރުސަތު ތިބާއަށް ލިބުނެވެ. އެއީ އެކަމަކުން އެތަށް އިންސާނުންނެއް މަޙްރޫމްވެފައިވާކަމެކެވެ. ޢިލްމު ހޯދުމުގެ ކުޅަދާނަކަން ލިބިގެންނުވާ އެތަށް މިލިޔަން މީހުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަވެއެވެ. ނަމަވެސް ﷲ ތިބާއަށް އެ ނިޢުމަތް ދެއްވިއެވެ. އެހެނެއްކަމަކު އެ ނިޢުމަތް ތިބާ އިސްރާފު ކުރިއެވެ. ތިބާ ހޯދަން މަސައްކަތް ކުރަނީ ދުނިޔަވީ ޢިލްމެވެ. މަސައްކަތް ކުރަމުން ތިޔަ ގެންދަނީ މޮޅު މީހަކަށްވުމަށެވެ. މޮޅު ސްޓާރަކަށްވުމަށެވެ. ހޯދަން މަސައްކަތްކުރަނީ މިފަދަ ކަންކަމަށް ހިތްވަރުދޭ ޢިލްމެވެ. ﷲ އާއި އެކަލާންގެ ރަސޫލާ (ސައްލަﷲ ޢަލައިހި ވަސައްލަމް) އާއި ބެހޭގޮތުން އެއްވެސް އެއްޗެއް ތިބާއަށް ނޭނގޭހާލު ޢިލްމުގެ ނޫރުން ތަނަވަސްވެގެންވީ ތިބާގެ ހެޔޮ ވިސްނުމުގެ އެހީގައި އެންމެ މާތް ފޮތުން އެންމެ އަކުރުން ކިޔުންވެސް ތިބާއަށް ވީ ބޮޑު ކަމަކަށެވެ.

އޭ ޒުވާނާއެވެ. ދުނިޔެއަށް ނަޒަރެއް ހިނގާލާށެވެ. މިއަދުގެ މިވަގުތުގައިވެސް ކާނާބޯން ނުލިބި ބަނޑަށްޖެހިފައިވާ އެތައް މިލިޔަން މީހުން ދުނިޔޭގައި އެބައުޅެއެވެ. އެމީހުންގެ ޙަޔާތުގެ މިހާރުގެ ކޮންމެ ސިކުންތެއްވެސް ރޮއި އާދޭސް ކުރަމުން އެދަނީ ކާނެ ކާއެތިކޮޅަކަށެވެ. ބޯލާނޭ ފެންފޮދަކަށެވެ. ބަތްފުކެއްހާ މިންވަރުވެސް ކާން ނުލިބި ހައިހޫނުކަމުގައި މަރުވެގެންދިޔަ މީހުންގެ ޢަދަދު ދެނެވޮޑިގަތުންބޮޑީ ﷲ އެވެ. ރޯދާ ވީއްލާނޭ ކަދުރުކޮޅެއްހާ މިންވަރުވެސް ނުލިބިވާ އެތައް މުސްލިމުން މި އުޑުގެ ދަށުގައި ވާކަން ތިބާއަށް އެނގޭހެއްޔެވެ. ﷲގެ ތަނަވަސް ރަޙްމަތާއި އެކު ކާބޯތަކެތީގެ މި ނިޢުމަތުން އެކަލާންގެ ތިބާ މަހުރޫމް ނުކުރެއްވިއެވެ. ތިބާއަށް އެކަލާންގެ މީރު ކާއެއްޗެތި ދެއްވިއެވެ. އެހެނެއްކަމަކު އެ ނިކަމެތި މީހުން އެހާލުގައިވަނިކޮށް ތިބާ ތިޔަދަނީ ކާއެއްޗެހި އިސްރާފްކުރަމުންނެވެ. އަދި ރޯދަ ހިފުމުގެ ބަދަލުގައި ތިބާ އިޚްތިޔާރު ކުރަނީ ކޮންމެ ދުވަހަކުވެސް ކައިގެން ބަނޑުފުރައިގެން ހުރުމަށެވެ.

އޭ ޒުވާނާއެވެ. މިއަދު ތިބާ އިންޓަނެޓްގެ ޒަރިއްޔާއިން ދުނިޔޭގެ ކަންކޮޅުތައް ބަލަމުންދާއިރު އެއާއި މެދު ތިބާގެ ވިސްނުންބެހެއްޓީ ކޮންފަދައަކުން ހެއްޔެވެ. އެންމެ ފަހުގެ މޮޅު އިންޓަނެޓް ކަނެކްޝަނުން ތިބާގެ ދިރިއުޅުން ފަސޭހަވެފައިވާއިރު އެ ފަސޭހަތަށް ވެގެން ގޮސްފައިވަނީ ﷲގެ މަތީން ތިބާ ހަނދުމަ ނައްތައިލި ފަސޭހަތަކަށެވެ. މުޅި ދުވަހު އިންޓަނެޓްގައި ތިބާ ވަގުތު ހޭދަކުރާއިރު އެ ނިޢުމަތް ތިބާއަށް ދެއްވި ﷲ ހަނދުމަ ކުރުމަށް އެކަލާންގެ ގެކޮޅަށް ޒިޔާރަތް ކުރުންވަނީ ތިބާއަށް ދަތި ކަމަކަށެވެ. އަދި ކީއްހެއްޔެވެ. ﷲ އަށްޓަކައި އެންމެ ސަޖިދައެއް ޖަހާލުންވެސް ތިބާއަށްވަނީ ބޮޑުކަމަކަށެވެ.

އަދި މިވަރުންވެސް ނިމުނީއެއް ނޫނެވެ. މިސްކިތަށް އެރުމަށް ތިބާގެ ޟަމީރު ދެކޮޅު ހަދާއިރު ﷲ އަށް ބިރުވެތިވެ އެކަލާންގެ ދަރުމައަށް އެދިގެން މިސްކިތަށް އަރާ މީހުންނަށްވެސް ތިބާ ހުރަސް އަޅަމުއެވެ. އަޅުވެރިންނާއި ދީންވެރިންނަށް ތިބާ ޖޯކުޖަހަމުއެވެ. ޝަރުޢީ މައްސަލަތަކުގެ ތެރެއަށް ވަދެގަނެ އިލާޙީ ހުކުމްތަކަށް ތަކަށް ތިބާ ފާޑުކިޔަމުއެވެ. ސުންނަތަށް މަލާމާތްކޮށް އޭގެ އަހުލުންނަށް ފުރައްސާރަކުރަމުއެވެ. އަދި އެފަދަ މީހުންނަށް ނަންނަން ހަދައި އެ ފަރާތްތަކުގެ ޢިއްޒަތުއް ނަފްސަށްވެސް ތިބާ އަރައިގަނެވެ. ދީނީ ޝިޢާރު އިއްވުމަށް ބޭއްވޭ އިންތިޒާމުތަކަށް ހަޖޫޖަހާ އެފަދަ ކަންތައްތައް ކުރާ މީހުންނަށް ހަސަދަވެރިވެސްވަމުއެވެ. އަދި ﷲ އަށްޓަކައި ހެޔޮ ޢަމަލު ކުރާ މީހުންނާއި ދިމާކޮށް އެމީހުންނަށް ޖިސްމާނީ އަނިޔާކޮށް އެމީހުންގެ މުދާތަކަށް ގެއްލުންދެމުން ތިބާ ތިޔަ ގެންދަނީ ހިތުގައި ޒައްރެއްގެ މިންވަރުވެސް އިންސާނިއްޔަތުކަމެއް ނެތިގެން ހެއްޔެވެ. ނުވަތަ ތިޔައީ ވަރަށް ބާރުގަދަ ފަރާތްކަމުގައި ޤަބޫލު ކުރެވޭތީ ހެއްޔެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.