ފަލަސްތީނުގެ ނިކަމެތި ކުށެއްނެތް ކުޑަ ކުދީންނާއި އަންހެނުން އަދި ފިރިހެނުންނާއި މުސްކުޅިން އެއްވެސް ރަހްމެއްނެތް ގޮތުގައި އަބައިމީހުންގެ ބިމުން ބޭރުކޮށްލެވުނު ދުވަހަކީ އިސްލާމީ އުއްމަތް ދުވަހަކުވެސް ހަނދާން ނެތޭނޭ ދުވަހެއްނޫންކަން ކަށަވަރެވެ. އެދުވަހުގެ ހަނދާންތައް އިސްލާމީ އުއްމަތުން ފާހަގަ ކުރަނީ ބޮޑެތި ޕާޓީތައް ބާއްވައި މަޖާކުރާ އުސޫލަކުން ނޫނެވެ. އާދެ އިސްލާމީ އުއްމަތް އެންމެ ހިތާމަވެރިކަމާއި އެކު ދުށް ދުވަކީ 1948 ވަނަ އަހަރުގެ 15 ވަނަ ދުވަހެވެ. އިސްލާމީ އުއްމަތް މި ދުވަސް ފާހަގަ ކުރަނީ ލޭ ކަރުނައިންނެވެ. ކޮންމެބޭފުޅަކުވެސް ހިތައް އަރުވާލަ ބައްލަވާށެވެ. މި ގައުމުގަ މިއުޅޭ ތިން ލައްކައެއްހާ މީހުން މިގައުމުން ބޭރުކޮށްލެވޭ ދުވަހަކާއި ދޭތެރޭ ހަމަގައިމުވެސް އެއީ މިގައުމުގެ އެއްވެސް ދިވެއްސަކު ދެކެން ބޭނުންވާނޭ ދުވަހެއްނޫނެވެ. ނިކަން ހިތާއި ހިތުން މިފަދަ ދުވަހަކާއި މެދު ވިސްނާލަބައްވާށެވެ. މިސާލަކަށް ތިޔަބޭފުޅުންގެ މައިންބަފައިން ތިޔަބޭފުޅުންގެ ގެއިން ނެރެލާ އެއްލާލީއެވެ. އެވަގުތު ތިމާ ކުރާ ހިތާމަ އިހުސާސް ކޮށްލައްވާށެވެ.
އާދެ، ވައްނާނެ ގެދޮރެއް އަޅާލާނެ ޔާރެއް ބާރެއް އަހުލެއް ވަހުލެއް ނެތި ފަލަސްތީނުގެ 700000 (ހަތްލައްކަ) މުސްލިމުން އެބައިމީހުންގެ ގެދޮރުން ނެރެ އަދި އެ ގެދޮރުތައް ތަޅާ ސުއްނާފަތިކޮށް މުޅިގައުމުގައި އިންސާފެއްނެތި އަތްގަދަކޮށްގެން ގައުމުގެ ރައްޔިތުން ބަނޑައްޖައްސައި، ގެދޮރެއް ނެތްގޮތުގައި ދޫކޮށްލި ބައެއްގެ ހިތުގައި ކުޑަވެސް ރަހުމެއް ނުވޭބާއެވެ؟ ހަމަގައިމުވެސް ރަހުމެއްވާނަމަ މިފަދަ ބޮޑު ޖަރީމާއެއް ނުހިންގާނެއެވެ.
63 އަހަރު ފުރުނީއެވެ. ގާތްގަނޑަކަށް އިންސާނެއްގެ އަންދާޒާ އުމުރެވެ. އެ ނިކަމެތި ފަލަސްތިނުގެ ލޮބުވެތި މުސްލިމުން އެހޭދަކުރަނި 63 އަހަރު ވީއިރުވެސް އެ ނިކަމެތި ކަންމަތީގައެވެ. ނިކަމެތި ކަން އިހްސާސްކުރެވޭނީ އެފަދަ ނިކަމެތި ހާލެއްގައި ނުރައްކާތެރި ހަޑިމުޑުދާރު ބައެއްގެ އަތްދަށުގައި ޖެހޭ ވަގުތުއެވެ. މިއަދު އަޅުގަނޑުމެން އެންމެހާ ދިވެހީން އެންމެހާ އިންސާނުން މި ނިކަމެތިކަން އިހްސާސް ކުރަންވެއްޖެއެވެ. ލޮބުވެތި ރައްޔިތުނޭވެ. 63 އަހަރު ވަންދެން ފަލަސްތީނުގެ ރައްޔިތުން އޮއްސަމުން އެދާ ލޭ ކަރުނަތަކާއި މެދު ވިސްނަވާ މިއަދުގެ ދުނިޔޭގެ ކަންކަމާއި މެދު ލޯ ހުޅުވާށެވެ.
އޭ ލޮބުވެތި މުސްލިމު ރައްޔިތުންނޭވެ ފަލަސްތީނު ރައްޔިތުން ހޭދަކުރަމުންދާ ނިކަމެތި ދުވަސްތަކުގައި ފަލަސްތިނުގެ މުސްލިމު ރައްޔިތުންނާއިއެކު ޖާނާއި މާލުން ބައިވެރިވާށެވެ.
އާދެ، ރާއްޖެ މިދާ މިސްރާބާއި ދިމާލަށް ވިސްނަވާލައްވާށެވެ. ފަލަސްތީނުގެ ރައްޔިތުން 1948 އިން މިއަދާއި ހަމައަށް އިހާނެތިގޮތުގައި އަޅުވެތިކޮށް ފަލަސްތީނުގެ މުސްލިމު ރައްޔިތުން ގެއިން ނެރެލާ އެބައިމީހުންގެ ބިމުން އެބައިމީހުން ނެރެލަމުންދާ ހައްދުފަހަނަ އަޅާފައިވާ ޓެރަރިސް އިސްރާޢީލާއިއެކު ގާތް ގުޅުމެއް ބާވަމުންދާކަމީ މިއަދު އިސްލާމީ އުއްމަތް ހިތާމަ ކޮށް ޖާނުން ގުރުބާން ވެގެން ނަމަވެސް ހުއްޓަން ވެއްޖެ ކަމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...