ރިޕޯޓް ޙަޔާތުގެ ހަނދާން ނައްތާލެވިފައިވާ މަޤްޞަދު...

ޙަޔާތުގެ ހަނދާން ނައްތާލެވިފައިވާ މަޤްޞަދު...

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަފޫ

 

ޒަމާންތައް ފާއިތުވެ ދިޔަ އިރު އިންސާނާ ވަނީ އެތަކެއް ރާސްތާތަކެއް ކަޑައްތުކޮށް، އެތައް ދަތުރުތަކެއްކޮށްފައެވެ. ނަމަވެސް އެމަގަކުން އެންމެ މީހަކު ފިޔަވާ އެހެން އެކަކު ވެސް ކޮށްފައި ނުވާދަތުރެއްވެއެވެ. އެއީ ދުވަހަކު ވެސް އިންސާނަކު ދުއްވާފައިނުވާ ސަވާރީއެއްގައެވެ. އެއްވެސް ފުރާނައެއް ދެކެފައިނުވާ މަގަކުންނެވެ. ޚަލްޤުތަކުންގެ ތެރެއިން އެއްވެސް މަޚްލޫޤަކު ފައިތިލަ ޖައްސާލައިފައި ނުވާ ތަނަކަށެވެ. އެއީ އިންސާނަކު ޚާލިޤުވަންތަ މަތިވެރި ރަސްކަލާނގެ އާއި ބައްދަލްކުރުމަށް ކޮށްފައިވާ ދަތުރެކެވެ. އެއީ މާތްﷲ އެންމެހާ ޢާލަމްތަކަށް ހެޔޮ ރަޙްމަތެއްކަމުގައި ފޮނުއްވި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އުޑުތަކުގެ އެންމެ މަތީ އުޑަށް އެރުއްވުމަށް ކުރެއްވިދަތުރުފުޅެވެ. އިސްރާ އާއި މިޢްރާޖުގެ މަތިރެވި ދަތުރުފުޅެވެ.

ޖިބްރީލް ޢަލައިހިއްސަލާމް އަށް ވެސް ވަޑައިގެންނެވިފައިނުވާ ހަތް ވަނަ އުޑަށް، މިދަތުރުފުޅުގައި ﷲސުބަޙާނަހޫ ވަތަޢާލާ އެކަލާނގެ ލޯބިވެވޮޑިގެންވީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެންދެވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މިބިންމަތީގައި މާތްﷲގެ ޙަޟްރަތުން އައިސްފައިވާ ކޮންމެ ވަޙީ ބަސްފުޅެއްމެ ޖިބްރީލްގެފާނު މެދުވެރިކުރައްވާ ފޮނުއްވާފައި ވީއިރު ވެސް، އެއް އަމުރުފުޅު ވަނީ ޖިބްރީލްގެފާނު މެދުވެރިކުރައްވާ ނުފޮނުއްވަވައެވެ. މިއަމުރުފުޅުގެ މުހިންމުކަމާއި މަތިވެރިކަމުގެ ބޮޑުކަމުން، މާތްﷲގެ ވަޙީގެ މަލާއިކަތާގެ ފަރާތްޕުޅުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިއަހަށް އެއަމުރުފުޅު ވާޞިލްކޮށްދެއްވުމުގެ ބަދަލްގައި، އެކަލާނގެ މަތިވެރި ޙަޟްރަތަށް އެކަލޭގެފާނު ވަނީ މިއަމުރުފުޅަށްޓަކައި އުފުއްލަވާފައެވެ.

އެއީ ނަމާދުގެ އަމުރު ފުޅެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް އެންމެ ފުރަތަމަ ބާވާލެއްވީ ފަންސާން ނަމާދެވެ. ނަމަވެސް އެކަލޭގެފާނު މުސްލިމް އުންމަތުގެ މަތިން އެބުރަ ލުއިކޮށްދެއްވުމަށް އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދެންނެވި ހިނދު، އެކަލާނގެ ދީލަތިވަންތަ ރަޙްމަތްފުޅުން ފަންސާސް ނަމާދުގެ މަތިވެރި ދަރުމަ ފަސް ނަމާދުކުރުމުން ލިބޭފަދައިން ލުއި ކޮށްދެއްވިއެވެ.

ފަންސާސް ނަމާދު ފަރުޟުކުރެއްވުމުގައި މުސްލިމެއްގެ ޙަޔާތުގައި ނަމާދުގެ މަޤާމް ބަޔާންކޮށްދެއްވުން ފަދަ ބޮޑެތި ޙިކްމަތްތަކެއްވާނެ ކަމުގައި މިޙާދިޡާ ތަފްސީރުކުރައްވާފައިވާ ޢިލްމުވެރިން ބަޔާންްކުރައްވާފައިވެއެވެ. ދުވާލަކު ފަންސާސް ނަމާދު އަދާކުރަންޖެހިއްޖެ ނަމަ އަޅުގަނޑުމެންގެ ޙާލަތު ތަޞައްވަރުކޮށްލައްވާށެވެ! އެހެންވެއްޖެނަމަ ނަމާދު ކުރުން ނޫން  އެހެންކަމެއް އަޅުގަނޑުމެންގެ ދިރިއުޅުގައި ކުރެވޭނެބާއެވެ؟ ނަމަވެސް މާތްﷲ މިވަނީ އަޅުގަނޑުމެންގެ މައްޗަށް ލުއި ފަސޭހަކަމާއި ރަޙުމަތުގެ މަގު ފަހިކޮށްދެއްވާފައެވެ.

އަޅުގަނޑުމެންގެ ޙަޔާތުގެ މަޤްޞަދު ޙާޞިލްކުރުމުގެ މަގު މިހާ ތަނަވަސްކޮށްދެއްވާފައި ވާއިރު ވެސް، އެމަޤްޞަދު ހަނދާންހުންނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންބާއެވެ؟ ނަމާދުކުރުން މިވަނީ އަޅުގަނޑުމެންގެ "ޓައިޓް ޝެޑިއުލް"ގެ ތެރެއިން ވަޤުތުކޮޅެއް ހުސްވެއްޖެނަމަ ކޮށްލާ ކަމެއް ކަމުގައި ވެފައެވެ. ނަމާދުގެ ވަށައިގެން "އެނބުރޭ" ފަދަ ގޮތަކަށް އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓައްވެފައެއް ނުވެއެވެ. ނަމަވެސް ދިރިއުޅުމުގެ ވަށައިގެން "އެނބުރި އެނބުރި" ހުންނަ އެއްޗަކަށް ވެފައި މިވަނީ ނަމާދެވެ. ކުރަން ހިތުގައި ހުރި ހުރިހާ ކަމެއް ކޮށް ނިމެންދެން، އަޅުގަނޑުމެންގެ "ކޮނޑުގައި ނަމާދު އަޅުވައިގެން" އުޅެމުއެވެ. އޮފީހުގައި ނުވަތަ ކްލާހުގައި ހުއްޓާ ބަންގި ގޮވައިގެން ނަމާދުވަޤުތު ފާއިތުވެ ދިޔަ ނަމަވެސް މަޑުކޮށްލެވެނީ، ގެއަށް ވަދެވުނު އިރަކުން ނަމާދާއި ދޭތެރޭ ވިސްނާލުމަށެވެ. ގޭގެ މަސައްކަތެއްގައި އުޅެނިކޮށް ބަންގި ގޮވި ނަމަވެސް ނަމާދާއި ދިމާއަށް މިޞްރާބުޖެހެނީ ކުރަން ހުރި ހުރިހާ ކަމެއް ނިމުނު އިރަކުންނެވެ. ކުޅެން އިން ގޭމް "ވިން"ވަންދެން، ނުވަތަ އަވައިގައި ޖެހިފައި އިނދެވުނު ފިލްމުގެ އެންމެ ފަހު ތަންކޮޅާއި ޖެހެންދެން، އަޅުގަނޑުމެން ޚަލްޤުކުރެއްވުމުގެ އެންމެ ބޮޑު މަޤްޞަދު ލަސްކޮށްލެވޭކަމީ ކިހާ ހިތާމަހުރި ކަމެއްތޯއެވެ؟

މިއީ މުސްލިމުންގެ ތެރެއިން ނަމާދު ކުރާ ބައެއް މީހުންގެ ޙާލަތުކަމުގައި ވާއިރު، ދުވަހަކު ނަމާދާއި ގާތްނުވާ، ނުވަތަ ނަމާދުކުރަން ނޭނގޭ "މުސްލިމުން" އަޅުގަނޑުމެންގެ ތެރޭގައި އުޅޭކަމާއި މެދު ހުރި ހިތާމައެއްގެ ކޮޅެއް ނެތެވެ. ޒިނޭ ކުރުމުން އިސްލާމްދީނުން ބޭރުވާކަމުގައި މިހާތަނަށް އެއްވެސް ޢިލްމުވެރިއަކު ވިދާޅުވެފައެއްނުވެއެވެ. ވައްކަންކުރުމާއި، ރާބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ އިސްލާމްދީނުގައި ޙައްދުކަނޑައެޅިފައިވާ ކުށްތަކަކީ، ތިމާ ކާފަރުވާ ކަންކަން ކަމުގައި އެއްވެސް ބޭކަލަކު ސިފަކުރައްވާފައެއެްނުވެއެވެ. ނަމަވެސް ބައެއް ޢިލްމުވެރިންގެ އަރިހުގައި ނަމާދު އަޅާ މީހާ، މުރުތައްދުވެފައިވާ މީހާ އާއި އެއްފަދައެވެ. މިރައުޔުގެ އަސްލެއްކަމުގައި އެބޭކަލުން ބައްލަވާފައިވާ އެއް ދަލީލަކީ އަލް އިމާމް އަޙްމަދު ރިވާކުރައްވާފައިވާ މިޙަދީޡްފުޅެވެ. " މުސްލިމަކާއި ކާފަރަކާއި ދެމެދުގައިވާ ފަރަޤަކީ ނަމާދެވެ. ފަހެ ނަމާދު އަޅައިފި މީހާ ދީނުން ބޭރުވެއްޖެއެވެ.".

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްެ މިފަދަ ބީދައަކުން ޞިފަކުރައްވާފައިވާ ކަމެއްގެ ނުބައިކަން ތަޞައްވަރުކޮށްލައްވާށެވެ! ޝައިތާނާ މާތްﷲއަށް އުރެދުމުގެ ގޮތުން ކުރިކަންތަކާއި މެދު ހިނދުކޮށްޅަކަށް ވިސްނަވާލަބައްލަވާށެވެ! ﷲ ސުބަޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމަކަށް އޭނާ ދެކޮޅެއް ނަހަދައެވެ. ނަމަވެސް މަލާއިކަތެއްގެ ދަރަޖައިން ޝައިތާނަކަށް އޭނާ ބަދަލްކުރެއްވުނީ ސަލާމްލެއްވި އާދަމްގެފާނަށް ހަމަ އެންމެ ސަޖިދައެއް ޖެހުމަށް އުރެދުމުންނެވެ. އަޅުގަނޑުމެން މާތްﷲގެ ކިބަފުޅުގައި އަދާކުރުުމަށް މިފުރަގަސްދެނީ ކިތަށް ސަޖިދަކަމާއި މެދު ވިސްވަނާލަބައްލަވާށެވެ!

މާތްﷲއަށް އުރެދުމަކީ ކޮންފަދަ ނުބައިކަމެއްތޯއެވެ؟ ނަމަވެސް ނަމާދުކުރުމާއި މެދު އަޅުގަނޑުމެން ދެކެނީ ކިހާ އާދައިގެ ނަޒަރަކުންތޯއެވެ؟ ޤިޔާމަތްދުވަހުގައި އަޅުގަނޑުމެންނާއި އެންމެ ފުރަތަމަ ސުވާލުވެވޭނެ ކަމަކީ ނަމާދުކަމުގައި ވާއިރު، އަޅުގަނޑުމެންގެ ތާވަލުގެ އެންމެ ފުލުގައިވާ ނަމްބަރު ކަމުގައި ވެފައި މިވަނީ ނަމާދެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރައްވާފައިވެއެވެ. " ޤިޔާމަތްދުވަހު އިންސާނާ އާއި އެންމެ ފުރަތަމަ ސުވާލުކުރެއްވޭނީ އޭނާގެ ނަމާދާއި ބެހޭ ގޮތުންނެވެ. ފަހެ، އެމީހެއްގެ ނަމާދު ރަނގަޅުވެއްޖެ މީހަކީ ކާމިޔާބު ލިބެނިވި މީހެކެވެ. ނަމަވެސް އޭނާގެ ނަމާދު ރަނގަޅުނުވެއްޖެ ނަމަ އޭނާ ގެއްލެނިވެ، ހަލާކުވެގެންވީ މީހުންގެ ތެރެއިން ވާހުއްޓެވެ." _ (އައްތިރްމިޒީ) _

އެދުވަހުން ސުވަރުގޭގެ އަހުލުވެރިން ޖަހަންނަމައިގައި އަނދައަނދާ ތިބި ކާފަރުންގެ ގާތުގައި، އެމީހުން ނަރަކައަށް ވެއްދުނީ ކޮން ސަބަބަކާއި ހުރެތޯ ސުވާލުކުރާނެއެވެ. އެހިނދު އޭގެ ޖަވާބުގެ ގޮތުގައި އެބައިމީހުންގެ ދުލުން ބޭރުވާނޭ ފުރަތަމަ ޖުމްލަ ކީރިތި ޤުރުއާނުގައި މާތްﷲ ބަޔާންކުރައްވާފައިވެއެވެ. އެބައިމީހުން ބުނާނެއެވެ. " ނަމާދު ޤާއިމްކުރާ މީހުންކަމުގައި ތިމަންމެން ނުވީމުއެވެ."(74:42-43

" ނަމާދު ޤާއިމްކުރާ މީހުންކަމުގައި ތިމަންމެން ނުވީމުއެވެ." ނުވަތަ، " ވަޤުތުން ވަޤުތަށް ނަމާދު ޤާއިމްކުރާ މީހުންކަމުގައި ތިމަންމެން ނުވަމުއެވެ." ނުވަތަ، "މުޅި އުމުރުގައި ވެސް ނަމާދުކޮށް އުޅުނު ބަޔަކު ކަމުގައި ތިމަންމެން ނުވާ"ކަމުގައި ބުނަން މަޖުބޫރުވާނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުންނަށް ބާއެވެ؟ ގިނަ ބަޔަކު ނަމާދު އެޅުމުގެ ޢުޒުރެއްކަމުގައި ދައްކަނީ ވަޤުތުނުވުމެވެ. ނަމަވެސް ފެންވަރާ، ފާހާނާކޮށް، ކައިބޮއެ ހެދުމަށް ވަޤުތުނުވަނީ މިއުޒުރުގެ އަހުލުވެރިންގެ ތެރެއިން ކިތަށް މީހުންނަށް ބާއެވެ؟ ކްލާހުގައި ހުއްޓާ، ނުވަތަ އަވަދިނެތި އޮފީހުގައި އުޅެނިކޮށް، ނުވަތަ އަރާމު ނިދީގައި އޮއްވާ، ތެދުވެ ވުޟޫކޮށްލައިގެން ނަމާދުކުރުމަކީ "ވަޤުތު ހޯދަން" ޖެހޭކަމެއްކަމުގައި މިވަނީ ކީއްވެތޯއެވެ؟ ޙަޤީޤަތަކީ އަޅުގަނޑުމެންގެ ޖިސްމުގެ އެދުންތައް، ނަފްސުގެ ޙާޖާތްތަކުގެ މައްޗަށް އިސްކުރެވޭކަމެވެ. ބަނޑުހައިވުމުން އަޅުގަނޑުމެން ނުކައި ނުހުންނަނީ ބަނޑަށް މަރުވެދާނެކަމުގެ ބިރަށްޓަކައެވެ. ނަމަވެސް މާތްﷲ އާއި ކުއްތަންވުމުން ދުރުހެލިވެއްޖެ ނަމަ ފުރާނަ މަރުވެދާނެކަމަށްޓަކައި އަޅުގަނޑުމެންނަށް ބިރުގަނެވޭބާއެވެ؟ ޙަޤީޤަތަކީ އަޅުގަނޑުމެން ފަރުވާތެރިކަމާއި އެކު މިބަލަހައްޓާ ހަށިގަނޑަކީ ފަނާވަނިވި ވަޤުތީ އެއްޗެއްކަމުގައި ވީހިނދު، އަޅާނުލާ މިދޫކޮށްލާ ފުރާނަ އަކީ ދާއިމަށް ދެމިގެންވާ އެއްޗަކަށް ވާކަމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.