ހަމާސްގެ ޝޫރާ ކައުންސިލްގެ ވެރިޔާ، އަދި ހަމާސްގެ ފައުންޑަރ މެންބަރެއް ކަމުގައިވާ މުޙައްމަދު ޝަމާ މިދިޔަ ހުކުރު ދުވަހު އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވީ ބްރެއިން ސްޓްރޯކެއް ޖެހިވަޑައިގަތްތާ 3 ދުވަސް ފަހުންނެވެ.
ޝަމާ (76) ވަނީ އިސްތިއުމާރީންނާ ދެކޮޅަށް ޝެއިޚް އަޙްމަދު ޔާސީނާއެކު ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނުވަނީ ހައްޔަރުކުރެވި އަނިޔާވެސް ލިބިވަޑައިގެންފައެވެ. މި ގޮތުން 1988 ވަނަ އަހަރު 13 މަސްވަންދެން އެމަނިކުފާނު ހައްޔަރު ކުރެވިފައި ބެހެއްޓުނެވެ. އަދި އެމަނިކުފާނު ވަނީ ހަމާސާއި އިސްލާމިކް ޖިހާދުގެ ބައެއް އިސްވެރިނާއެކު ޑިސެމްބަރު 1992 ވަނަ އަހަރު ލުބްނާނުގެ ދެކުނުގައި އޮންނަ މަރްޖް އަލް ޒުހޫރަށް ޑީޕޯޓްކޮށްލެވިފައެވެ.
ޝަމާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1935 ވަނަ އަހަރު މަޖްދަލް ގައެވެ. 1948 ވަނަ އަހަރު ޒަޔަނިސްޓުން ފަލަސްތީނު ހިފުމާގުޅިގެން އެމަނިކުފާނުގެ އާއިލާއާއެކު ރެފިޔުޖީއަކަށް ވެވަޑައިގަތެވެ.
މުޙައްމަދު ޝަމާގެ ހަޔާތްޕުޅަށް ބަލާލައިއިރު އެމަނިކުފާނުވަނީ 1955 ވަނަ އަހަރުން ފެށިގެން 1996 ވަނައަހަރާ ހަމައަށް (ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކް އެޖެންސީ) UNRWA ގެ ސްކޫލުތަކުގައި ޓީޗަރެއްގެ ހައިސިއްޔަތުން ކިޔަވާދެއްވާފައެވެ. މީގެ އިތުރުން، ޝަމާ އަކީ ފަލަސްތީނުގެ އިޚްވާނުލް މުސްލިމީން ޖަމާއަތުގެ އިސްމެމްބަރެކެވެ. އެމަނިކުފާނު އިޚްވާނުލް މުސްލިމީންނާ ގުޅިވަޑައިގަތީ ފަންސާހުގެ އަހަރުތަކުގެ ކުރީކޮޅެވެ. އެއީ މިސްރުގެ ސަރުކާރުން އިޚްވާނުލް މުސްލިމީންގެ ޖަމާއަތް މަނާ ކުރުމުގެ ކުރިންނެވެ. ހަމައެއާއެކު، މަނިކުފާނު އަވަހާރަވަންދެން ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ޝޫރާ ކައުންސިލްގެ އެންމެ އިސްވެރިޔާގެ މަޤާމުގައި އޭނާ ދެމިހުންނެވިއެވެ.
ޢައްޒާގައި ހުކުރު ނަމާދަށްފަހު އޮމާރީ މިސްކިތުގައި ބޭއްވުނު ޖަނާޒާގައި އެތައްހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ.
ޕީއެލްސީ (ޕަލަސްޓީނިއަން ލެޖިސްލޭޓިވް ކައުންސިލް) ގެ ފަރާތުން އެންމެ ފުރަތަމަ ވާހަކަ ދެއްކެވި ފަރާތްކަމަށްވާ ޑރ. އަޙްމަދު ބަހާރު، ޝަމާއަށް ތައުރީފު ކުރައްވާ ވިދާޅުވެފައި ވެއެވެ. " އެއީ އަނިޔާ ލިބިފައިވާ މީހުންގެ ހައްގުގައި އެ ބޭފުޅެއްގެ ހަޔާތުގެ ބޮޑުބައެއް ހޭދަ ކުރެއްވި ފަލަސްތީނުގެ ލީޑަރެއް. އެއީ ރެއާ ދުވާލު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިވާ އިސްތިޔުމާރީންގެ ކުރިމަތީގައި އިސްލާހަށް މަސައްކަތް ކުރެއްވި ލީޑަރެއް، ބޭފުޅެއް، އުސްތާޛެއް "
މަސްދަރު: ޤައްސާމް ވެބްސައިޓް

ކޮމެންޓް (0)
ލޯޑް ކުރަމުން...