އިނގިރޭސި ވިލާތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އިތުރުވެފައިވާކަމުގައި އެގައުމުގެ ފުލުހުންގެ ރިޕޯޓެއް ބުނެފިއެވެ. މިގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން 2009-2010އަށް 23000 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ވާކަމަށް ވެއެވެ. މިއީ 2008-2009 ގެ ރެކޯޑާ އަޅާ ބަލާއިރު 8 ޕަސެންޓް އިތުރު އަދަދެކެވެ.
ރިޕޯޓް ބުނާގޮތުން 2010ވަނަ އަހަރު ކޮންމެ 20 މިނެޓެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާއެއްކުރެއެވެ. މިގޮތުން ގޯނާ ލިބޭ ކުދިންގެ 25 ޕަސެންޓް ކުދިންނަކީ 12 އަހަރުން ދަށުގެ ކުދިންނެވެ. އަދި 5 އަހަރުން ދަށުގެ އެއްހާހަށްވުރެ ގިނަކުދިން މީގެ ތެރޭގައި ހިމެނެއެވެ.
މިކަމާބެހޭގޮތުން ވާހަކަ ދައްކަމުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ނެޝަނަލް ސޮސައިޓީ ފޯރ ދަ ޕްރިވެންޝަން އޮފް ކްރުލްޓީ ޓު ޗިލްޑްރަން (އެން.އެސް.ޕީ.ސީ.ސީ) އިން ބުނެފައިވަނީ މިކަމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށެވެ. އަދި ކަން ހުއްޓުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމުގައެވެ. ގޯނާ ލިބޭ ކުދިންނަށް އެހީވުމުގައިވެސް ގިނަބައެއްގެ އެހީތެރިކަން ބޭނުންވާކަމުގައެވެ.
"ކޮންމެ އަހަރަކު އެތައް ހާސްބަޔަކު އެބަ އާދޭ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކުގެ މައްސަލަ ހިފައިގެން. އެކަމަކު އޭގެތެރެއިން ގިނައީ ވަރަށް ޅައުމުރުގެ ކުދިން، އެހެންވެ އެހީ ހޯދާނެ ގޮތެއް އެމީހުންނަކަށް ނޭނގެ. އަނެއްބަޔަކީ އެމީހުންނަށް ކުރާ ގޯނާތަކުގެ ވާހަކަ ކިޔައިދޭން ބިރު ގަންނަ ބައެއް. އެހެންވެ އެމީހުން އެކަން ސިއްރު ކުރޭ. އަހަރެމެން މި ގޮވާލަނީ އެއްވެސް މީހަކު ތިކަން ސިއްރުކުރާނެކަމެއް ނެތޭ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރާށޭ." އެން.އެސް.ޕީ.ސީ.ސީ ގެ އިސްފަރާތެއް ކަމަށްވާ ޖޯން ބްރައުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...