އިޒްރޭލުގެ ޒަމާންވީ ރަހުމަތްތެރިޔާކަމުގައިވާ 'ތުރުކީ'އިން އިޒްރޭލަށް ބަހުގެ ހަމަލާއެއް ދީފިއެވެ.
އިޒުރޭލުގެ އަމަލުތައް ހުންނަ ގޮތާއި މެދު ހިތްހަމަ ނުޖެހިގެން ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުގާން ވިދާޅުވެފައިވަނީ 'މެދުއިރުމަތީގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ހުރަހަކީ އިޒްރޭލު'ކަމަށެވެ. ތުރުކީއަކީ ޒަމާނުންސުރެ އިޒްރޭލާއި އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމަކަށް ވީނަމަވެސް ފަހަކަށް އައިސް އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަށް ތުރުކީއިން ދަނީ ފާޅުގައި ފާޑު ކިޔަމުންނެވެ.
ތުރުކީގެ ބޮޑުވަޒީރު އުރުދުގާން ވިދާޅުވާ ގޮތުގައި 'ފަލަސްތީނާއި ދެކޮޅަށް ފޮސްފަރެސް ބޭނުންކުރާނަމަ އެކަމެއް ކުރާ ބަޔަކަށް ތުރުކީއިން ހިތްވަރާއި ސާބަސް ދޭން ނެތިން'ކަމަށެވެ. މީގެ އިތުރުން އުރުދުގާން ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހަރުކަށިއިބާރާތުން ކުށްވެރިކޮށްފައެވެ.
ތުރުކީގެ އިސްލާމީ ޝަހުސިއްޔަތު ނައްތާލުމަށް ކާފަރުން ކުރަމުން ދިޔަ މަސައްކަތުން ތުރުކީ އިސްލާމް ދީނާއި ބީރަށްޓެހި ގައުމެއްގެ ގޮތުގައި އޮތުމަށް ފަހު މިހާރު އިސްލާމީ ދަންމަރު އަނެއްކާވެސް ދަނީ ތުރުކީގައި ފެތުރެމުންނެވެ. އެގޮތުން ބުރުގާ އެޅުން ހުއްދަވުން ހިމެނެއެވެ.
ތުރުކީގެ ބޮޑުވަޒީރު އުރުދުގާން ވަނީ އިޒްރޭލްގެ ބޮޑުވަޒީރާއި އެއް ސްޓޭޖެއްގެ މަތީގައި ތިބުމައްފަހު އޯޑިއަންސްގެ ކުރިމަތީގައި އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހިންގާ އުދުވާނަށް ފާޑުކިޔާ މައިދާން ދޫކޮށް ޤައުމަށް ވަޑައިގެންފައެވެ. މިކަމާއި ގުޅިގެން ބައެއް އިސްލާމީ ޤައުމުތަކުން ވަނީ އުރުދުގާން އަކީ 'ބަތަލެއް'ކަމަށް ސިފަކޮށްފައެވެ. އަދި ތުރުކީއިން އިޒްރޭލުގެ ވެރިޔެއްގެ ކުރިމަތީގައި އެފަދަ ބަސްތަކުން 'ރައްދު' ދެއްވުމުން ރައްޔިތުންވަނީ އެކަމަށް 'ހޫނު މަރުހަބާއެއް' ކިޔާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...