އިއްޔެ (26 މެއި 2011) އަކީ އަޅުގަނޑު ކިޔާވާ ކޯހުގެ ފުރަތަމަ ސެމިސްޓަރގެ އިމްތިހާނު ފެށުނު ދުވަހެވެ. ހެނދުނު 9 ޖެހުމުގެ ކުރިން ޓެސްޓަށް ދާން ގެއިން ނުކުތީ ވަރަށް ފޮނި އުންމީދާ އެކުއެވެ. އިމްތިހާނު ނިމުމަށްފަހު، ދުވަހުގެ ކުރިއަށް ހުރި ތާވަލްތައް ވެސް ހިތުތެރޭގައި ރާވާލީމެވެ. ޓެސްޓް ނިންމާފައި ގެއަށް އައިސް ކުރިއަށް ހުރި އިމްތިހާނުތަކަށް ފިލާވަޅުތައް މުޠާލިއާ ކުރާނެގޮތްވެސް ވަނީ އުއްމީދުކޮށް ކަނޑައެޅިފައެވެ.
ފުރަތަމަ އިމްތިހާނަކަށް އޮތީ "އެންވަޔަރމެންޓަލް އެންޑް ސޯޝަލް އިޝޫ އިން މޯލްޑިވްސް" މިމާއްދާއެވެ. އިމްތިހާނު ހޯލަށް ފޯނު ނުވެއްދޭތީ ފޯނު ގޭގައި ބާއްވާފައި ދިއުމަށް ގަސްތުކުރެވުނެވެ. ނަމަވެސް އެކުރެވުނު ގަސްތުގެ މައްޗަށް ޢަމަލް ނުކޮށް، ދިޔައީ ފޯނު ހިފައިގެނެވެ. އިމްތިހާނު އޮތީ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ ހަތަރު ވަނަ ފަންގިފިލާގައެވެ. އިމްތިހާނު ހޯލަށް ވަނުމުގެ ކުރިން ފޯނު އެހެން ކުއްޖެއްގެ ދަބަހުގެ ތެރެއަށް ލީމެވެ.
ގާތްގަނޑަކަށް ތިން ގަޑިއިރުގެ އިމްތިހާނަކަށްފަހު އިމްތިހާނު ހޯލުން ނުކުމެ ފޯނު ނަގައި ފޯނު ހުޅުވާލީމެވެ. ތިން ގަޑިއިރު ތެރޭގައި އެތައް ބަޔަކު އެކި ވަޤުތު ތަކުގައި ގުޅާފައި ހުރިކަން އެނގުނީ މިސްކޯލް މެސެޖް އައުމުންނެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ފޯނު ވައިބްރޭޓް ވާން ފެށިއެވެ. ރައްޓެއްސަކު ގުޅާފައި އަޅުގަނޑު އުޅޭ ގެ ކައިރީގައި އަލިފާން ރޯވެގެން އުޅޭ ވާހަކަ ބުންޏެވެ. އެހެން ބުނުމަކުންނެއް އެހާ ބޮޑަކަށް ހާހެއް ނުވެއެވެ.
އެފޯނު ކޯލް ނުނިމެނީސް އެހެން ފަރާތަކުން ގުޅަން ފެށިއެވެ. ވަޤުތުން އެފޯނަށް ޖަވާބު ދިނީމެވެ. "ކޮންތާކު؟ ކޮންތާކު؟" އަވަސް އަރާފައި ހުރި ރާގެއްގައި އެކުވެރިއަކު ގުޅާފައި ބުންޏެވެ. އަޅުގަނޑު ހުރިތަން ބުނީމެވެ. "ތިގޭގައިތަ އަލިފާން ރޯވެގެން އުޅެނީ؟" އެކުވެރިޔާ ކުރީ ސުވާލެކެވެ. "ނޭނގެ. ގެ ކައިރީގައި ހުރި އެހެން ގޭއްގަ ރޯވީ" އަހަރެން ބުނީމެވެ.
އެކުޑަ ވަޤުތުކޮޅު ތެރޭގައިވެސް އެތައް ކޯލްތަކެއް އައެވެ. ގޭގައި އަލިފާން ރޯވެގެން އުޅޭ ޚަބަރު ދިނުމަށެވެ. އެއްވެސް މީހަކު އެހެން ބުނުމަކުން އެހާ ހާހެއް ނުވެއެވެ. އަހަރެން ގެއަށް ދިއުމަށް މިސްރާބް ޖެހީމެވެ. ގެ ހުރިމަގަށް ވަންނަން ދިޔައިރު މުޅި ސަރަޙައްދު ވަނީ ހަލަބޮލިވެފައެވެ. ފުލުހުން ވަނީ އެ ސަރައްޙައްދު އެއްކޮށް ބަންދުކޮށްފައެވެ. ގޭގެ އެހެން މީހުން ތިބީ ތިމާގެ މީހުން އުޅޭ އެހެން ގެއެއްގައެވެ. ގޭގެ އެހެން މީހުންނާ ބައްދަލުވުމުން އެނގުނީ އަލިފާން ރޯވި ވަޤުތު ގޭގެ އެންމެން މަގުމައްޗަށް ނުކުތުމުން މީހަކަށް ގެއްލުމެއް ނުލިބި ސަލާމަތްވިކަމެވެ. ނަމަވެސް ގޭގައި ހުރި އެއްވެސް އެއްޗެއް ސަލާމާތް ނުވާވަރަށް އަލިފާންގަނޑު ރޯވެފައިވާ ވާހަކަ ބުނުމުން ވަރަށް ދެރަވިއެވެ.
ކިޔަވަން ބޭނުންކުރާ ހޭންޑްއައުޓްތަކާއި، ރިވިޝަން ޕޭޕަރތަކާއި، އެސައިންމެންޓްތައް ވެސް އަނދާ ހުލިވީއެވެ. އަދި ކޮމްޕިއުޓަރާއެކު ކޮމްޕިއުޓަރުގައި ހުރި ކިޔަވަން ބޭނުންކުރާ ހުރިހާ އެއްޗިއްސެވެސް އަނދާ ހުލިވީއެވެ. ދުވަހަކީ އިމްތިހާނު ފެށުނު ދުވަހެވެ. އަންނައުނާއި، ބޭނުން ކުރާ އެހެން ސާމާނުތަކައި މުހިންމު ލިޔެކިއުންތައްވެސް އަނދާ ހުލިވީއެވެ. ލިބުނު ގެއްލުމާއެކު ދިރިއުޅުން ސުމަކުން އަލުން ފަށަން ޖެހުނީއެވެ. ބުރަ މަސައްކަތެކެވެ. ނަމަވެސް މި ހިތާމައިގައި ތިމާގެ މީހުންނާއި މުދައްރިސުންނާއި އެކުވެރި ރަޙްމަތްތެރިންގެ ފަރާތުން ލިބުނު އެހީތެރިކަމަކީ ހަނދާން ނައްތާލެވޭނެ ކަންތައްތަކެއް ނޫނެވެ.
މި ކުރިމަތިވި ހިތްދަތި މުޞީބާތުގެ ވަޤުތުގައި އެހިތެރިކަން ދެއްވި ހުރިހާ ފަރާތްތަކެއްގެ އަގު ވަޒަން ކުރަމެވެ.
މިކުރިމަތިވި ހިތާމައިގައި އެހިތެރިކަން ދެއްވި ފަރާތްތަކަށް، އެފަރާތްތަކުން ވެދެއްވި އެހީތަކަށް އަގު އަދާކުރުމަށް، މިހެން ލިޔެވޭ ލިޔުމަކީ އޭގެ އަގު އަދާ ނުކުރެވޭނެ އެއްޗެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ.
މިފަދަ ހިތްދަތި ވަޤުތެއްގައި ގާތްތިމާގެ މީހުންނާއި ދުރުތިމާގެ މީހުންގެ ފަރާތުން ލިބުނު އެހީތެރިކަމަކީ ދުވަހަކުވެސް އޭގެ އަގު އަދާނުކުރެވޭނެ ކަންތައްތަކެކެވެ. ވަންނާނެ ހިޔާވައްސެއް ނެތް ހިނދު އެލޯބިވާ އަޚުންނާއި އުޚްތުންގެ ފާރަތުން ލިބުނު އެއްބާރުލުމަކީ ޤަލަމުންނާއި ދުލުން ބަޔާންކުރުމަށް ދަތިކަމެކެވެ. ދުޢާ އަކީ މާތް ﷲ އެހުރިހާ ފާރަތްތަކަށް ހެޔޮ ޖަޒާ ދެއްވާ، މިކަމުގެ ފުރިހަމަ ބަދަލު ހެޔޮގޮތުގައި ދެއްވުމެވެ.
ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) ގެ އެހީތެރިކަން
އަޅުގަނޑު ކިޔަވަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) ގެ ޑިޕްލޮމާ އިން ޖާނަލިޒަމް ކޯހުގައެވެ. އެންމެ ހިތްދަތިވާން ޖެހުނު ކަމަކީ ކިޔަންވަން ބޭނުން ކުރާ ހުރިހާ އެއްޗިއްސެއް އަނދާ ހުލިވީމައެވެ. އަވަހަށް އެފް.އޭ އަށް ގޮސް މިވާހަކަ އެތަނުގެ ކަމާބެހޭ ފާރަތްތަކަށް އެންގީމެވެ. މިކަމާއި ގުޅިގެން އެފަރާތްތަކުން ލިބުނު އެހީތެރިކަމަކީ ކޮޅުނެތްކޮޅަށް އެފަރާތްތަކަށް އޭގެ ޝުކުރު ޙައްޤުވާ ނަމަވެސް އަދާ ނުކުރެވޭ ވަރުގެ އެހީތެރިކަމާއި އެއްބާރުލުމެކެވެ. ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ ކޯހުގައި ކިޔަވައިދެއްވާ ތިން މުދައްރިސާ އިން ކަމުގައިވާ ނަޝީ މިސް އާއި، އައްޒަ މިސް އަދި އައިންތު މިސްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަކީ އޭގެ އަގު އަދާ ނުކުރެވޭނެ ވަރުގެ އަގު ހުރި މަސައްކަތެކެވެ. އިމްތިހާން ފެށިފައި ވަނިކޮށް، ކިޔަވަން ބޭނުންކުރާ ހުރިހާ އެއްޗިއްސެއް އަނދާ ހުލިވެ، އެހުރިހާ އެއްޗެހި އަލުން ފޮޓޯ ކޮޕީ ހެއްދުމާއި އަލުން ހަމަކޮށްދިނުމަށް މިމުދައްރިސުންގެ ފަރާތުން ލިބުނީ ބަޔާންކުރަން ދަތި އަގު އަދާ ނުކުރެވޭވަރުގެ އެއްބާރުލުމެކެވެ. ދުޢާ އަކީ މާތް ﷲ އެ ތިން މުދައްރިސާއިންގެ ހޮޔޮ ކަމުގެ އަޖުރު ގިނަ ކުރައްވާ، ދިރިއުޅުމުގައި ކާމިޔާބު ދެއްވައި ބަރަކާތް ލެއްވުމެވެ.
އެފް.އޭ އިން ލިބުނު އެހީތެރިކަމާއި އެއްބާރުލުމުގެ ލިސްޓް އަދި ނިންމާނުލެވޭނެއެވެ.
ފެކަލްޓީ އޮފް އާޓްސް އޮފީހުގެ އެންމެހާ މުވައްޒަފުންގެ ފަރާތުން ލިބުނު އެހިތެރިކަމަކީ ވެސް ފާހަނގަނުކޮށް ދޫކޮށްލާ ވަރަށް ވުރެވެސް އަގު ހުރި މަސައްކަތެކެވެ.
އަދި ފެކަލްޓީ އޮފް އާޓްސްގެ ދިވެހި ޑިގްރީ ކޯހުގެ 2009 ވަނަ އަހަރުގެ ބައިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމަކީ ޝުކުރުވެރިކަމާއެކު ފާހަނގަ ކުރާ ކަމެކެވެ. އެކޯހުގެ ބައިވެރިންގެ ފަރާތުން ދުވަހަކުވެސް ހަނދާން ނައްތާނުލެވޭ ވަރުގެ ޙަރަކާތެއް ފާހަނގަ ކުރެވުނެވެ. އެއީ ދުވަހަކުވެސް ހަނދާން ނައްތާލެވޭނެ ވަޤުތުކޮޅެއް ނޫނެވެ. ދުޢާ އަކީ އެކޯހުގެ ހުރިހާ ބައިވެރިންނަށް ﷲ ހެޔޮ ޖަޒާ ދެއްވައި އެ އެކުވެރިންގެ މަސައްކަތުގައި ބަރަކާތްލެއްވުމެވެ. އަދި އޭގެ ބަދަލު ފުރިހަމަ ގޮތުގައި އެފަރާތްތަކަށް ދެއްވުމެވެ.
އަޅުގަނޑާއެކު ޑިޕްލޮމާ އިން ޖާނަލިޒަމް ކޯހުގައި ކިޔަވަމުންދާ އަޅުގަނޑުގެ ގާތް އެކުވެރިން
އެ އެކުވެރިންނަކީ އަޅުގަނޑަށް މިދިމާވި ހިތްދަތި ވަޤުތުތަކުގައި އެންމެ ބޮޑަށް އެއްބާރުލުން ދިން ފާރާތްތަކެވެ. އެއީ އެ އެކުވެރިންގެ ފަރާތުން ލިބުނު ހަމްދަރުދީ އާއި ވެދިން އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި، އެބަޔަކަށްޓަކައި އަޅުގަނޑު ފަޚްރުވެރިވާ، އެއް އާޢިލާއެއްފަދަ ލޯބިވާ އެކުވެރިންނެވެ. އެ އެކުވެރިންނަށްޓަކައި އަޅުގަނޑުގެ ހިތުގައިވަނީ ހޮޔޮ ދުޢާއެވެ. އެކުވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަކީ އަގުނުކުރެވޭ ވަރުގެ މަދަދާއި އެހީތެރިކަމެކެވެ. ދުޢާ އަކީ މާތް ﷲ އެހުރިހާ އެކުވެރިންނަށް ހެޔޮ ގޮތް މެދުވެރި ކުރައްވައި ހެޔޮ ޖަޒާ ކޮޅުނެތްކޮޅަށް ދެއްވުމެވެ.
ދީނީ ޢިލްމުވެރިންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން
އެފަރާތްތަކަކީ މުޞީބާތުގެ ވަގުތުގައި ކެތްތެރިވުމަށާއި ހުރިހާ ޙާލެއްގައިވެސް ﷲ އަށް ވަކީލްކުރުމަށް އަޅުގަނޑަށް ހިތްވަރުދިން ފަރާތްތަކެވެ. އަދި މި މުޞީބާތުގެ ވަގުތުގައި އަޅުގަނޑަށް ޘާބިތުވެ ހުރުމަށް ދެއްވި އަގުހުރި ނަޞޭޙަތްތަކާއި، ހިތްވަރު ދިނުމަށް އިސްލާމީ ތާރީޚްގެ އަލީގައި ގެނެސްދެއްވި ވައުޟްތަކަކީ ހުރިހާ ގޮތަކުންވެސް އަޅުގަނޑަށް ފައިދާހުރި ކަންތައްތަކެވެ. އަދި ދިރިއުޅުން އަލުން އާރާސްތުކުރުމަށް ދެއްވި ހިތްވަރަކީވެސް އެހުރިހާ ކަމެއް ހިތުގެ އަޑިން އަޅުގަނޑު އަގު ވަޒަންކުރާ ކަންތައްތަކެވެ. ޚާއްޞަކޮށް އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބުދުލް މަޖީދު ޢަބުދުލް ބާރީއާއި ޢާއްމުކޮށް މިކަމުގައި އެއްބާރުލުން ދެއްވި ހުރިހާ ޢިލްމުވެރިންނަށް ޝުކުރު އަދާކުރަމެވެ. އެފާރާތްތަކަކީ މިއަދު މިބިންމަތީގައި ތިބި އަޅުގަނޑު އެންމެ ޤަދަރުކުރާ ފާރާތްތަކެވެ. ދުޢާ އަކީ އެބޭފުޅުންނަށް ހެޔޮޖަޒާ ދެއްވައި ދިރިއުޅުމުގައި ބަރަކާތްލެއްވުމެވެ.
ވަޒީފާ އަދާކުރާ އޮފީހުގެ ވެރިންނާއި މުވައްޒަފުން
މިހާދިޘާ އާއި ގުޅިގެން އަޅުގަނޑު ވަޒީފާ އދާކުރާ އޮފީހުގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ވެދިން އެހީތެރިކަމަށް ކޮޅުނެތްކޮޅަށް އެފަރާތްތަކަށް ޝުކުރު އަދާކުރަމެވެ. ދުޢާއަކީ އެކުވެރިންނަށް ކާމިޔާބު ދެއްވައި ހެޔޮގޮތް މެދުވެރި ކޮށްދެއްވުމެވެ.
ދިއިސްލާމްގެ މެނޭޖްމަންޓް
މިހާދިޘާ އާއި ގުޅިގެން ދިއިސްލާމްގެ މެނޭޖްމަންޓުން ލިބުނު އެހީތެރިކަމަށްޓަކައި އެނޫހުގެ މަސްޢޫލުވެރިޔާ އަށާއި އެޑިޓަރަށް ނުހަނު ޝުކުރު ރައްދުކުރަމެވެ. ޚާއްޞަކޮށް ޢަލީ އަހްސަންގެ ފަރާތުން އަދި ޢާއްމުކޮށް ދިއިސްލާމްގެ ލިޔުންތެރިންގެ ފަރާތުން ވެދިން އެހީތެރިކަމަށް ޝުކުރު އަދާކޮށް، އެހުރިހާ އަޚުންނަށް ހެޔޮ ދުޢާ ކުރަމެވެ.
އަޅުގަނޑަށް މިދިމާވި ހިތާމައިގެ ދަނޑިވަޅުގައި އެކި ގޮތްގޮތުން އެހީތެރިވެދިން ހުރިހާ އެކުވެރި ރަޙްމަތްތެރިންނަށާއި ޢާއްމުގޮތެއްގައި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް ހެޔޮ ދުޢާ ކުރަމެވެ.
ދުޢާ އަކީ މާތް ﷲ އެހުރިހާ ފަރާތްތަކަށް ހެޔޮ ރަޙްމަތްލައްވައި ހެޔޮކަމުގެ މަގަށް މަގު ދެއްކެވުމެވެ.
އަދި މުޞީބާތުގެ މިވަޤުތުގައި އަޅުގަނޑަށާއި، އެގޭގައި ދިރިއުޅުނު ހުރިހާ ފަރާތްތަކަށް ކެތްތެރިކަން ދެއްވައި މިމުޞީބާތުން އަވަހަށް ސަލާމަތްވެ، މިއަށްވުރެ ފުރިހަމަ ދިރިއުޅުމެއް ދެއްކެވުމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...