ވަރަށް ގިނަ ވާހަކަތަކަކަށްފަހު އެންމެފަހުން މައިކްރޯސޮފްޓް އިން ސްކައިޕް ގަނެފިއެވެ. ފޭސްބުކް އިންވެސް މިދޭތެރެއަކުން ސްކައިޕް ގަންނަން އުޅޭކަމުގެ ވާހަކަތަކެއް އައީ ދެކެވެމުންނެވެ. އެއީ ފޭސްބުކް ވީޑިއޯ ޗެޓް ތަރައްޤީ ކުރުމަށެވެ. މިހާރުވެސް ފޭސްބުކް ނިއުސްފީޑް އާއި ފްރެންޑް ލިސްޓާއި ފޭސްބުކް ޗެޓްވަނީ ސްކައިޕް އަދި ލައިވް މެސެންޖަރ 2011 އަށް ވަނީ އިންޓިގްރޭޓްކޮށްފައެވެ. ފޭސްބުކްގެ ހިއްޞާ އެއްވެސް 2007 ވަނަ އަހަރު މައިކްރޯސޯފްޓް އިން ވަނީ 240 މިލިއަން ޑޮލަރަށް ގަނެފައެވެ.
ސްކައިޕް އުފައްދާފައިވަނީ 2003 ވަނައަހަރުއެވެ. ސްކައިޕްއަކީ ވޮއިޕް (ވޮއިސް-އޮވާރ-އިންޓަރނެޓް-ޕްރޮޓްކޯލް) ޚިދުމަތަށް އެންމެ ނަން މަޝްހޫރު އެއް ސޮޕްޓްވެއަރ އެވެ. ކޮމްޕިއުޓަރ އަދި ގިނަ ފޯންތަކުންވެސް ސްކައިޕް ބޭނުންކުރެވެއެވެ. ވީޑިއޯ ކޯލްކުރުމާއި އިންޓަރނެޓް މެދުވެރިކޮށް ފޯންކުރުމާއި އެސް.އެމް.އެސް ކުރުމާއި ޗެޓްކުރުމަށް ޚާއްޞަ ވިންޑޯސް، މެކް، ލިނަކްސް، އެންޑްރޮއިޑް، އައިފޯނަށް ސްކައިޕް ފްރޮގްރާމް ހިލޭޑައުންލޯޑް ކޮށްގެން ބޭނުންކުރެވޭނެއެވެ. ސްކައިޕް އަށް ފައިސާ ބޭނުންވަނީ އިތުރު ކެރިއާރ ތަކުގެ ފޯންތަކާއި، ލޭންޑްލައިނަށް ގުޅުމަށާއި ގްރޫޕް ވީޑިއޯ ކޯލް ކުރުމަށެވެ. ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ސްކައިޕް އިން ސްކައިޕް އަށް ހިލޭ ގުޅާލެވެއެވެ. އަދި ފައިލް ޓްރާންސްފާރވެސް ސްކައިޕް މެދުވެރިކޮށް ކުރެވެއެވެ. ސްކައިޕްގެ އާބާދީގައި 663 މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަޖިސްޓަރކޮށްފައިވެއެވެ. އެއީ މަހުން މަހަށް ޢާންމުކޮން ބޭނުންކުރާ 145 މިލިއަން މީހުންނާއި ފައިސާދައްކައިގެން ބޭނުންކުރާ 8.8 މިލިއަން ކަސްޓަމަރުންނެވެ.
ވޮއިޕްގެ މައި ކުންފުނި ގަތުމުން ދެން ސްކައިޕް އަށް ވެގެންދާނީ ކިހެނެއްތޯއެވެ. މައިކްރޯސޯފްޓް އިން ބުނަނީ އެކްސްބޮކްސް އާއި ކިނެކްޓް، އެކްސްބޮކްސް ލައިވް، ވިންޑޯސް ފޯން އަދި އައުޓްލުކްއާއިވެސް ސްކައިޕްގެ ޚިދުމަތްތައް ގުޅުވާލާނެކަމަށެވެ. އަދި ފަހަރުގައި ހޮޓްމެއިލް ބޭނުންކުރާ ފަރާތްތަކަށް ސްކައިޕް މެދުވެރިކޮށް ފެންވަރު ރަނގަޅު ވީޑިއޯ ކޯލް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުންވެސް އެކަށީގެންވެއެވެ. އޭގެ އިތުރުން އެޕަލް ފަދަ އެހެން ޕްލެޓްފޯމް ތަކަށް ސަޕޯރޓް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
މިޑީލް އާއި ގުޅިގެން ސްކައިޕްގެ ސީ.އީ.އޯ ޓޯނީ ބޭޓްސް ވަނީ އޮޕަރޭޝަން ޕްރެސިޑެންޓްކަމަށް ހަމަޖައްސާފައެވެ. ޓޯނީ ރިޕޯރޓް ކުރާނީ ސީދާ މައިކްރޯސޮފްޓްގެ ސީ.އީ.އޯ ސްޓީވް ބާރމާއަށެވެ. މައިކްރޯސޮފްޓް އަކީ މިގޮތަށް ވަރަށް ގިނަ މަޝްހޫރު ކުންފުނިތައް ގަންނަމުންދާ ކުންފުންޏެކެވެ. އެގޮތުން ބިންގް، ބިންގް މެޕްސް، ލައިވް ހިމެނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...