ރިޕޯޓް އަޅުގަނޑުމެންގެ ކުރިއެރުމަށްޓަކައި ތިޔަބޭފުޅުންގެ އެއްބާރުލުން ބޭނުންވެއެވެ!

އަޅުގަނޑުމެންގެ ކުރިއެރުމަށްޓަކައި ތިޔަބޭފުޅުންގެ އެއްބާރުލުން ބޭނުންވެއެވެ!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

"އަޅުގަނޑުމެންގެ ކުރިއެރުމަށްޓަކައި ތިޔަބޭފުޅުންގެ އެއްބާރުލުން ބޭނުންވެއެވެ. އަޅުގަނޑުމެންނަށް ޚިޔާލުދެއްވާށެވެ. މިއަހަރުގެ ރަމަޟާން މަހުގެ ޙާއްޞަ ޕްރޮގްރާމްތައް ބައްޓަންކުރުމުގައި އަޅުގަނޑުމެންނަށް އެހީވެދެއްވާށެވެ. ތިޔަބޭފުޅުންގެ ޚިޔާލްތައް އެސް.އެމް.އެސް އާއި އީމެއިލް މެދުވެރިކޮށް ފޮނުއްވާށެވެ."

ދަޢުލަތުގެ މީޑިއާ ޗެނަލެއް ކަމުގައިވާ އެމް.އެން.ބީ.ސީ ވަން އަށް މިރަމަޟާން މަހުގެ ޕްރޮގްރާމްތައް ބައްޓަންކުރުމަށް ރައްޔިތުންގެ ޚިޔާލް ބޭނުންވާ ކަމަށް ބުނެ މިފަދަ ޢިބާރާތަކުން މިހާރު ދަނީ އިޝްތިހާރު ފޮނުވަމުންނެވެ. ދިވެހި މީޑިއާތަކުގައި ފޮނުވަމުންދާ ޕްރޮގްރާމްތައް ރަމަޟާން މަހުވެސް އަދި އެނޫން ހުރިހާ ދުވަސްތަކެއްގައިވެސް ބައްޓަން ކުރެވިފައި ހުންނަން ޖެހޭނީ އިސްލާމްދީނުގެ އުޞޫލްތަކާއި އެއްގޮތަށެވެ. ނަމަވެސް، ޒަމާނުއްސުރެ އެޒަރީޢާތަކުން ފޮނުވަމުން އަންނަ ގިނަ ޕްރޮގްރާމްތަކަކީ މުސްލިމް މުޖްތަމަޢަކަށް އެއްގޮތަކަށްވެސް އެކަށީގެންނުވާ ފަދަ ޕްރޮގްރާމްތަކެއްކަން ކަށަވަރެވެ.

މުޖްތަމަޢުގައި ތަފާތު އެކި ޖަރީމާތައް ދަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. ފިތުނަ ފަސާދަ ޢާއްމުވެއްޖެއެވެ. ޒިނޭއާއި ޖިންސީ ޖަރީމާތައް އިތުރުވެ ހައްދުފަހަނައަޅާފައިވާ މިންވަރަކީ ޖަނަވާރުންނާއި ނިކަމެތި ދުވަސްވީ މުސްކުޅި އަންހެނުންނާއި، ކުޑަކުދިންނާއި އެކު ގަދަކަމުން މިނުބައި ފާޙިޝް ޢަމަލްތައް ހިންގަން ފެށުމެވެ. އިންސާނުންގެ ވިސްނުން ޖަނަވާރުންނަށްވުރެ ދަށުދަރަޖައަކަށް ވެއްޓިއްޖެއެވެ. ގްރޭޑް އެކެއްގެ ދަރިންވެސް ފާޙިޝް ޢަމަލްތައް ކުރަން ފަށައިފިއެވެ. މިއަދު ޤައުމުގެ ޙާލަތު މިހެން އޮތް އިރު މިޖަރީމާތަކާއި ފިތުނަ ފަސާދަ އަށް ޙައްލެއް ލިބުން އެދި ގިސްލާރޮމުންދަނީ ކިތައް ކިތައް މީހުންތޯއެވެ؟

މިކަންތައްތައް ޙައްލުކުރުމަށްޓަކައި މީޑިއާތަކުން އެކަށީގެންވާ އެއްވެސް ރޯލެއް އެބައަދާ ކުރޭތޯއެވެ؟ ޚާއްޞަކޮށް ރޭޑިއޯ އަދި ޓީވީ ޗެނަލްތަކުން މިޖަރީމާތައް ޙައްލުކުރުމަށްޓަކައި އެއްވެސް މަސައްކަތެއް އެބަކުރޭ ބާވައެވެ؟ ނުވަތަ މިބައިމީހުން މިޖަރީމާތަކަށް ހިތްވަރު ނުދޭތޯއެވެ؟ ނުރައްކާތެރި ޖަރީމާތައް އިންތިހާއަށް ގިނަވެފައިވާތީ އިހަކަށްދުވަހު އެމް.އެން.ބީ.ސީ ވަން އިންވަނީ ޤައުމީ ކެމްޕޭނެއް ފަށާފައެވެ. މިކެމްޕޭނެއް މިފެށީ ދާދިފަހުން އެޗެނަލްގެ ނޫސްވެރިއަކަށް ތޫނު އެއްޗަކުން ބަޔަކު ޙަމަލާ ދިނުމާއި ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ.

"ރައްކާތެރިކަން، ޒިންމާދާރުވުން، ޞުލްޙަވެރިކަން" މިނަމުގައި ކިތަންމެ ވަރަކަށް ކެމްޕޭންކުރިޔަސް، މީޑިއާތަކުގައި ހުރި "ލޯވަޅުތައް" ފުރަތަމަ ނުބައްދާ މިކަންކަން ޙައްލުކުރެވޭނެ ހެއްޔެވެ؟ މީޑިއާތަކުގެ ވެރިންނޭވެ. ފުރަތަމަ ތިބޭފުޅުންނާއި، މީޑިއާތައް ޒިންމާދާރުތަނެއްގެ ގޮތުގައި ހަދާށެވެ. މީޑިއާތައް އިޞްލާޙް ކުރާށެވެ. ރައްކާތެރިކަމާއި ޞުލްޙަވެރިކަން ޤާއިމްކުރަން ބޭނުންވާނަމަ މިކަން ފުރަތަމަ ކުރާށެވެ. މީޑިއާ އިން ފަތުރާ ޖިންސީ ޣަރީޒާއަށް މަގުފަހިވާ ނުބައި، ބަދުއަޚްލާޤީ ފާޙިޝް މަންޒަރުތަކާއި، ޙަރާމް މިއުޒިކާއި މިފަދަ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ އެންމެހައި ކަންތައްތައް ފޮނުވުން ހުއްޓާލާށެވެ.

"ގިޓާ އައިޑަލް" އާއި "ވޮއިސް އޮފް ދަ މޯލްޑިވްސް" އާއި "މައިވޭ" އާއި "މެންދުރުފަސް" އާއި "މޯލްޑިވިއަން އައިޑަލް" އާއި "ފިލްމީ އުދަރެސް" ފަދަ ޝޯތަކާއި މެދުކެނޑުމެއް ނެތި ފޮނުވަމުންދާ ފާޙިޝް އިޝްތިހާރުތަކަކީ ހަމަ މުޖުތަމަޢު އިޞްލާޙްކުރުމަށްޓަކައި ތިބޭފުޅުން ކުރައްވާ މަސައްކަތްތޯއެވެ؟ ނޫނެކެވެ. މިއީ ޤައުމުގައި ފަސާދަ ޢާއްމުކުރުމެވެ. އައްނޫރު ސޫރަތުގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން އީމާންވީ މީހުންގެ ތެރޭގައި ފާފަވެރި ޚަބަރުތަކާއި ފާފަވެރި ފާޙިޝް ޢަމަލުތައް ފެތުރިގެން ދިއުމަށް ލޯބިކޮށް އެދޭމީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު ހުއްޓެވެ. މާތް ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ." މީޑިއާތަކުގެ ވެރިންނޭވެ. ﷲ ގެ މިބަސްފުޅާއި މެދު ފަރުވާލެއް ނުބަހައްޓާ ހިތުހުރިހާ ގޮތަކަށް ޕްރޮގްރާމްތައް ބައްޓަން ކުރަނީ ކީއްވެގެން ހެއްޔެވެ؟

މިހާރަކަށް އައިސް އެކި މުއައްޞަޞާތަކުންނާއި ސިޔާސީ ވެރިން ވިދާޅުވަމުން ދަނީ ރައްޔިތުންގެ ޝުޢޫރުތައް އަޑުއަހާ އެއަށް އިޚްތިރާމްކުރާނެ ވާހަކައެވެ. ވީމާ، ދިވެހި ރައްޔިތުންނޭވެ. މިޤައުމުގެ "ލޯވަޅުތައް" ބަންދުކުރަން މަސައްކަތް ކުރައްވާށެވެ. މީޑިއާ އިޞްލާޙްކުރުމަށްޓަކައި އަޑުއުފުއްލަވާށެވެ. ތަކުރާރުކޮށް ޝުޢޫރުތައް ފާޅުކުރައްވާށެވެ. ކެނޑިނޭޅި މަސައްކަތްކުރައްވާށެވެ. ޙާލަތު ރަނގަޅުވާނީ އެތަނެއްގައި އުޅޭ ބަޔަކު މަސައްކަތްކޮށްގެންނެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި، މަދަނީ ޖަމްޢިއްޔާތަކާއި، ސިޔާސީ ޕާޓީތަކާއި ދީނީ ޢިލްމުވެރިންނާއި ޢާއްމުކޮށް އެންމެހާ ފަރާތްތަކުން ދިވެހި ޓީވީ އަދި ރޭޑިއޯ ޗެނަލްތައް އިޞްލާޙްކޮށްދެއްވުމަށް މިހާރަށްވުރެ ބޮޑަށް އެފަރާތްތަކަށް ބާރުއަޅުއްވާ މިކަމަށް މަސައްކަތްކޮށްދެއްވުން އެދި އިޚްލާޞްތެރިކަމާއެކު ދަންނަވަމުން މިލިޔުންކޮޅު ކުރުކޮށްލީމެވެ.

ޓެގް

އެމް.އެން.ބީ.ސީ ވަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.