ރިޕޯޓް ދިވެއްސަކަށް ވީތީ ފަޚުރުވެރި ވަމު ހެއްޔެވެ؟

ދިވެއްސަކަށް ވީތީ ފަޚުރުވެރި ވަމު ހެއްޔެވެ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ޞައްފާޙު މުޙައްމަދު (އިބްނު މުޙައްމަދު)

ދިވެއްސަކަށް ވީތީ ފަޚުރިވެރިވުމޭ ބުނެލުމަކީ ކުރިން އަޅުގަނޑުމެންގެ ފަޚުރެކެވެ. ނަމަވެސް މިއަދު މިޖުމްލަ ދުލުން ބޭރުކޮށްލުމަށް ކެރޭ ކިތައް ދިވެހިން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިހެއްޔެވެ؟ ނެތްނަމަ، ނެތުމަށް މެދުވެރި ސަބަބުތަކަކީ ކޮބައިތޯއެވެ. މި ސުވާލުތަކަކީ މިއަދު އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާ ކޮށްލަންޖެހިފައިވާ ސުވާލުތަކެކެވެ. 900 އެތަކެއް އަހަރުއްސުރެ އިސްލާމީ ވަހުދަތުގެ ތެރޭގައި އުޅެމުން އައި މި ދިވެހި ދީބުގެ ދަރިންނަކީ މުޅި ދުނިޔެއަށް ލާމަސީލު މިސާލުތަކެއް ދައްކަމުން އައި ބައެކެވެ. ޚާއްސަކޮށް އިޖްތިމާޢީ ގޮތުންނާއި އަޚްލާޤީ ގޮތުންނެވެ. މުޅި ދުނިޔޭގައި ރާއްޖެ ފާހަގަ ކުރެވިފައިވަނީ އިޖްތިމާޢީގޮތުން އެކުވެރި މުޢާޚާތުގެ ތެރޭގައި ދިރިއުޅޭ އަޚްލާޤީގޮތުން މާތް އަޟަމަތްތެރި އަޚްލާޤެއްގެ ވެރި ބައެއްގެ ގޮތުގައެވެ. މިފަދަ ރިވެތި ނަންތަކެއް އަޅުގަނޑުމެންނަށް ލިބުނީ ނުވަތަ މިފަދަ ފަޚުރުވެރި ވާހަކަތަކެއް އަޅުގަނޑުމެންނާއި މެދު ދެކެވެމުން ދިއައީ އިސްލާމް ދީނުގެ މަތިވެރި އުޞޫލްތަކުގައި އަޅުގަނޑުމެންގެ އޭރުގެ ދިވެހީން ހިފަހައްޓައިގެން ތިބީމައެވެ. މިއީ އިސްލާމް ދީނުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިފައިވާ ކަންތައްތަކެއްކަން ޚުދު އިސްލާމް ދީނުގެ ދުޝްމަނުންވަނީ ހާމަކޮށްފައެވެ. މިތާގައި މި ނަކަލު ކޮށްލަނީ އެމެރިކާގެ ސައިޓެއްގައި ރާއްޖެއާއި ބެހޭގޮތުން ލިޔެފައިވާ ލިޔުންކޮޅެކެވެ.

Close community relationships and a strict adherence to Islamic precepts have historically

helped keep crime low and under control….

(http://www.state.gov/r/pa/ei/bgn/5476.htm)

ނަމަވެސް މިއީ މިއަދު ހަޤީގަތުގައިވެސް ރާއްޖެއާއި ދޭތެރޭ ބުނުން ޙައްޤު ވާހަކަތަކެއް ހެއްޔެވެ؟ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން، އަދި ޤައުމުގެ މިއަދުގެ ޙާލަތާއިމެދު ފުންކޮށް ވިސްނާ ޒުވާނެއްގެ ހައިސިއްޔަތުން އަޅުގަނޑު ހިތާމައާއި އެކު ދަންނަވާނީ ދިވެއްސަކަށް ވީތީ ފަޚުރުވެރި ނުވަމެވެ. ނަމަވެސް މިއަދު ދިވެއްސަކަށް ވީތީ ލަނދުވެތިކަން އިޙްސާސްކުރަމެވެ. ދެރަވަމެވެ. ހިތާމަކުރަމެވެ.

މި ދިވެހި ފަސްގަނޑުގައި މިއަދު ނުކުރަނީ ކޮން ނުބައިކަމެއްހެއްޔެވެ؟ ﷲ ޞުބުޙާނަހޫ ވަތަޢާލާ މި ބިންމަތީގައި ލެއްވިހައި ފާފައެއްގެ އަހުލުންނަށްވެ، އެކަންތައްތައް ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރުވަމުން، ދުނިޔޭގެ ފެންވަރުގައި މެޑަލްތަކެއް ހޯދަމުން ދަނީއެވެ. ތިމާގެ އަނެއް އަޚާގެ ލޭ ކޮށާލަނީ އެއްވެސްކަހަ ޣީރަތްތެރިކަމެއް ނެތިއެވެ. ތިމާގެ އަނެއް އަޚާގެ ފުރާނަ ދުއްވާލުމަކީ ނުވަތަ މިއަދު "ފަޚުރުވެރި ޒުވާނުންގެ" ބަހުން ނަމަ "ޝިފްޓް ޑިލީޓް" ކޮށްލުމަކީ ފެންތައްޓެއް ބޯލުން ހާ ފަސޭހަކަމެކެވެ. މުޅި ޤައުމުގައިވަނީ ޚިޔާނާތާއި ފޭރުމާއި ރިޝްވަތާއި ވައްކަމުގެ ނުބައި އާދަތައް ޢާންމުވެފައެވެ. ޤައުމުގެ ޒުވާނުންގެ ތިންބައިކުޅަ ދެބައި ވަނީ "އުއްމުލް ކަބާއިރު" ނުވަތަ މަސްތުވާތަކެތީގެ ތެރެއަށް ވަދެ ފީނާފައެވެ. ޤައުމުގެ އެންމެ ތުއްތު ތުއްތު ކުއްޖާއިން ފެށިގެން ޤައުމުގެ އެންމެ މުސްކުޅި މީހާގެ އިއްފަތްތެރިކަން ފޭރިގަތުމަށް ވަނީ ފަށާފައެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވަނީ كل مؤلود يولد على الفطرة  ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. މި ފިޠުރަތުގެ ސާފުކަންމަތީގައި އުފަންވާ ޢިފަތްތެރި ކުދިންގެ ޢިއްފަތްތެރިކަން ނަގާލަނީ އެކުދިންގެ އުމުރުން އެންމެ ތިން މަހުގައެވެ. މައިންބަފައިން ދަރިންގެ އިއްފަތްތެރިކަން ނަގަނީއެވެ. ދަރިން މައިންބަފައިންގެ އިއްފަތްތެރިކަން ނަގަނީއެވެ. ނުވިތާކަށް ޤައުމުގައި އުޅޭ ޖަނަވާރުންގެ "އިއްފަތްތެރިކަން"ވެސް ނިގުޅައިގަންނަން ފަށައިފިއެވެ. މިއެންމެންގެ ޙައްޤުތައް ގެއްލިގެން ހިގައްޖެއެވެ. ދެން އޮތް ސުވާލަކީ މަރުވެ ކަށްވަޅުގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން މި ފަދަ ލަދުޙަޔާތްކުޑަ މީހުންގެ ޝިކާރައަކަށް ނުވާނެތޯއެވެ؟ މިހާ ހިސާބުން މިއަދު އަޅުގަނޑު މެންނާއި މެދު އެމެރިކާއިން ދެކޭގޮތް މިތާގައި ނަކަލުކޮށްލަމެވެ.

However, a growing heroin addiction problem and the emergence of youth gangs, especially in Male, have increased the crime rate and the incidence of street violence.

(http://www.state.gov/r/pa/ei/bgn/5476.htm)

ލޮބުވެތި އަޚުންނާއި އުޚުތުން! މިހިސާބަށް އަޅުގަނޑުމެންގެ ކަންތައް ދިއައީ ކީއްވެތޯއެވެ؟ އަޅުގަނޑުމެން މިހައި ދަށު ދަރަޖައަކަށް ވެއްޓެން ޖެހުނީ ކީއްވެތޯއެވެ؟ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަވާލުކުރި މި ސާފުޠާހިރު ބިން، ނުބައިކަން އޭގެ އިންތިހާއަށް ގޮސްފައިވާ، ފާޙިޝް ނުބައި ޢަމަލްތަކުން ކިލަބުވާން ޖެހުނު ސަބަބަކީ ކޮބައިތޯއެވެ؟ މިއީ މިއަދު ޤައުމުގެ އެންމެ އިސްވެރިއާއިން ފެށިގެން، ޤައުމުގެ އެންމެ ތުއްތުކުއްޖާވެސް އަމިއްލަ ނަފްސާއި ކޮށްލަންޖެހިފައިވާ ސުވާލުތަކެކެވެ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އެންމެންގެ އިހްމާލުވުން މިކަމުގައި ވެއެވެ. އަދި ހަމައެހެންމެ މިހުރިހާކަމެއްގެ ޙައްލުވެސް އަޅުގަނޑުމެންގެ އަތުގައި އެބައޮތެވެ. ނަމަވެސް އެ ޙައްލަށް ރުޖޫޢަވާން އަޅުގަނޑުމެން އަދިވެސް ބޭނުމެއް ނުވެއެވެ. އާދެ! އެ ހައްލަކީ އިސްލާމް ދީނުގެ މަތިވެރި އުޞޫލްތަކެވެ.

ލޮބުވެތި އަޚުންނާއި އުޚުތުން.!  އަޅުގަނޑުމެންގެ މިސާލަކީ ކަނޑުގައި ދަތުރުކޮށްފަދާ އުޅަދެއްގައި ތިބި ބައެއްގެ މިސާލެވެ. އެ އުޅަދުގައި ލޯވަޅެއް އެޅި އެއަށް ފެންއަރަން ފެށުމުން، އެންމެން މަސައްކަތްކުރަން ފެށީ ފެންހިއްކޭތޯއެވެ. ނަމަވެސް އެކަމުގެ ހައްލަށް ރުޖޫޢައެއް ނުވެއެވެ. އެކަކުވެސް ފެންއަރަން މެދުވެރިވި ސަބަބުކަމުގައިވި ލޯވަޅު ބަންދުކުރާކަށް މަސައްކަތެއް ނުކުރައެވެ.

ލޮބުވެތި އަޚުންނާއި އުޚުތުން.! ހެޔޮނުވާނެއެވެ. އަޅުގަނޑުމެން އެންމެން، މިކަންކަމުގެ ޙައްލު ކަމުގައިވާ އިސްލާމް ދީނަށް ރުޖޫޢަވަމާ ހިނގާށެވެ. އިސްލާމީ އުޞޫލްތަކާއި އެއްގޮތަށް އަޅުގަނޑުމެންގެ އުޅުމާއި ގުޅުން އިސްލާޙު ކުރަމާ ހިނގާށެވެ. އިސްލާމީ ތަރުބިއްޔަތުން އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރަމާ ހިގާށެވެ. ތަޢުލީމުދޭ މުޢައްސަސާ ތަކުގައި އިސްލާމީ އުޞޫލްތައް އަށަގަންނަވަމާ ހިގާށެވެ. އިސްލާމީ ދީނުގެ ފުރިހަމަ ޤާނޫނެއް މި ޤައުމުގައި ތަންފީޒު ކުރަމާ ހިނގާށެވެ.

ލޮބުވެތި އަޚުންނާއި އުޚުތުން! އަދިވެސް އަޅުގަނޑުމެން ބިރުވެތިވާކަށް ނުވޭހެއްޔެވެ! މިފަދަ ފާޙިޝް ޢަމަލްތަކެއްގެ މަތީގައި އަޅުގަނޑުމެން ތިއްބައި ﷲގެ ކޯފާ އަޅުގަނޑުމެންނަށް އައިސް އަޅުގަނޑުމެން ހަލާކުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ހަމަޔަޤީނުންވެސް މިފަދަ ގޮތަކަށް އަޅުގަނޑުމެން ތިއްބާ އަޅުގަނޑުމެން މަރުއަތުވެއްޖަނަމަ އަޅުގަނޑުމެން ވާނީ ގެއްލި ހަލާކުވެގެންދާ މީހުންގެ ތެރެއިންނެވެ. ﷲ ޞުބުޙާނަޙޫ ވަތަޢާލާ އައްނޫރު ސޫރަތުގެ 19 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ إنّ الذين يحبون أن تشيع الفحشة في الذين آمنوا لهم عذاب أليم في الدنيا والأخرة "އީމާންވި މީސްތަކުންގެ މެދުގައި ފާޙީޝް ޢަމަލްތައް ފެތުރުމަށް ލޯބިކުރާމީހުން ދާންނާށެވެ. އެމީހުންނަށް ހުރީ ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބެވެ."

ލޮބިވެތި އަޚުންނާއި އުޚުތުން! އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަމާ ހިނގަށެވެ. "އަޅުގަނޑު އިސްލާމީ އުޞޫލްތަކަށް ތަބަޢަވާނަން، އަޅުގަނޑުގެ ދަރިން ތަބަޢަވާނެ، އަޅުގަނޑުގެ މަންމަ ތަބަޢަވާނެ، އަޅުގަނޑުގެ ބައްޕަ ތަބަޢަވާނެ، އަޅުގަނޑުގެ އަންހެނުން ތަބަޢަވާނެ، އަޅުގަނޑުގެ ފިރިމީހާ ތަބަޢަވާނެ، އަޅުގަނޑުގެ އަޚުންނާއި އުޚުތުން ތަބަޢަވާނެ، އަޅުގަނޑުގެ ދަރިންނަށް ކިޔަވާދެއްވާ މުދައްރިސުން ތަބަޢަވާނެ، އަދި އަޅުގަނޑުގެ ވެރިން ތަބަޢަވާނެ..." إنشا الله تنجحنا...  އޭރުން ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބުވާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.