ވާހަކަ

ހުޅުކޮޅެއްގެ ނިވަލުގައި ޒިނޭއަށް ފަރުދާވެގެން

ރަސްކަލަކަށް ވަރަށް ރީތި އަންހެން ދަރިޔަކު ލިބިގެންވިއެވެ. މިއަންހެން ކުއްޖާ އެއްފަހަރަކު އޭނާގެ ބައްޕަމެންނާއި އެކީ ޝިކާރަކުރަން ގޮސް އުޅުމުގެ ތެރޭގައި ގެއްލިއްޖެއެވެ. ދެން މިއަންހެން ކުއްޖާ ހިނގަމުން ހިނގަމުން ދަނިކޮށް ފެނުނީ ވަރަށް ނިކަމެތި ޖިފުޓިގަނޑެކެވެ. އެތަނުގެ އެތެރެ ބަލާލިއިރު ވަރަށް ޒުވާން، ފިރިހެން ކުއްޖަކު ނަމާދު ކުރަން ހުއްޓެވެ. ޒުވާނާ ގެ ނަމާދު ނިމެންދެން އަންހެން ކުއްޖާ އެތަނުގައި މަޑުކުރިއެވެ.

އެ ޒުވާނާއަށް އެއީ ގެއްލިފައިވާ ކުއްޖެއްކަން އެނގުމުން ކާނެ އެއްޗެހީގެ އިތުރަށް، ނިދުމަށްޓަކައި އޭނާގެ އަމިއްލަ އެނދު ވެސް ދިނެވެ. ރޭގަނޑުވުމުން އޭނާ އަނެއްކާވެސް ނަމާދުކުރަންފެށިއެވެ. އަދި ކައިރީގައި އުއްބައްތިއެއް ބެހެއްޓިއެވެ.

އަނެއް ދުވަހު ރަސްގެފާނުގެ ސިފައިން އެ ކުއްޖާ ހޯދުމަށްފަހު ގަނޑުވަރަށް ގެންދިޔައެވެ. އަންހެން ކުއްޖާ ކަންތައް ހިނގާދިޔަގޮތް ކިޔައިދިނެވެ. އަދި އެ ފިރިހެން ކުއްޖާ އެތަނަށް ހާޒިރުކުރުމަށް އެދުނެވެ. ދެން އެ ޒުވާނާ ގެނައުމުން އެ އަންހެންކުއްޖާ އަށް ދެރަގޮތެއް ހެދިންތޯ ސުވާލުކުރަން ފެށިއެވެ. އަންހެން ކުއްޖާ އޭނާގެ ބައްޕަގެ ގާތުގައި އެ ޒުވާނާގެ ކިބައިން ރޭގަނޑު ހޭދަކުރީ ކިހިނެއްތޯ ސުވާލުކުރުމަށް އެދުނެވެ. ޖަވާބުގައި އޭނާ ނަމާދުކުރީކަމަށް ބުންޏެވެ. އަންހެން ކުއްޖާ އެއީ ތެދެއް ކަމުގައި ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އެހެނަސް ރޭގައި އުއްބައްތި އަކުން ތިން ފަހަރު މަތީން އަމިއްލަ އަތާއި ކައިރިކޮށް ހޫނުކުރީ ކީއްކުރަންތޯ ސުވާލުކުރުވިއެވެ.

ދެން އެ ތަޤްވާވެރި ޒުވާނާ ކިޔައިދިނެވެ. "އަހަރެން ނަމާދުކުރަން ހުރި ކަމުގައި ވިޔަސް އިރުއިރު ކޮޅުން އަހަރެންގެ ހިތަށް އަރަމުން ދިޔައީ ﷲ ތަޢާލާ ޙަރާމްކުރެއްވި ޢަމަލަކަށް އަރައިގަތުމަށެވެ. އެހެން ނުވާނީވެސް ކިހިނެއް ހެއްޔެވެ؟ ޖިފުޓި ތެރޭގައި އޮތީ ރީތިކަމުގައި ދެވަނައެއް ނެތް އަންހެން ކުއްޖެކެވެ. އަހަރެން ކޮންމެ ކަމެއް ކުރިޔަސް ހުއްޓުވާނީ ކާކު ހެއްޔެވެ؟ އެކަމަކު އެ ވަސްވާސްތައް އުފެދޭ ކޮންމެ ފަހަރަކު އަހަރެން އަމިއްލަ ނަފުސާއި ސުވާލު ކުރަމެވެ. ނަރައިގެ އަލިފާނަށް ކެތްކުރެވޭނެ ހެއްޔެވެ؟ ދެން އަހަރެން އެ އުއްބައްތި އަތާއި ދިމާކޮށްފައި ކެތްކުރެވޭތޯ ބަލަނީއެވެ. އިސާހިތަކު އަހަރެންނަށް ޖެހުނީ އަތް ދަމައިގަންނާށެވެ. ދެން އަނެއްކާވެސް ނަމާދުކުރަން ފަށަނީއެވެ. އޭގެ ފަހުން އެތައް އިރެއް ވުމުން އަނެއްކާވެސް އެ ވަސްވާސްތައް އާދެއެވެ. މިކަންތައް މުޅި އެރޭ ތިންފަހަރު ހިނގިއެވެ."

********************************

"ހަމަކަށަވަރުން މުއުމިނުންނަށް ކާމިޔާބު ލިބިއްޖެއެވެ. އެމީހުންނަކީ އެމީހުންގެ ނަމާދުގައި ﷲ އަށް ބިރުވެތިކަމާއެކު މަޑުމޮޅިވެގެން ތިބޭ މީހުންނެވެ. އަދި، އެމީހުންނަކީ ބޭނުން ނެތް ބަސްތަކާއި ކަންތަކުން އެއްކިބާވެ، ދުރުހެލިވެގެންވާ މީހުންނެވެ. އަދި، އެބައިމީހުންނަކީ ޒަކާތްދިނުމާއި މެދު ކުރާން އޮތްގޮތަށް ކަންތައްކުރާ މީހުންނެވެ. އަދި އެމީހުންނީ އެމީހުންގެ ލަދުވެތި ގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ. އެބައިމީހުންގެ އަނބީން ނުވަތަ އެމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ ހަމަކަށަވަރުން އެމީހުންނަކީ މަލާމާތްލިބޭނޭ ބަޔަކު ނޫނެވެ."[1]

[1] އަލްމުއުމިނޫން ސޫރަތު އެއްވަނަ އާޔަތުން ފެށިގެން ހަވަނަ އާޔަތުގެ ނިޔަލަށް.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ