ރިޕޯޓް

ރާވިއްކުން ހުއްދަކުރަން ބޭނުންވާ ފަރާތްތަކުގެ ވިންދުތައް 2

ދިވެހި ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގައި އިމާރާތްކުރެވޭ ވަކިފަންތީގެ ހޮޓާތަކުގައި ރާވިއްކުން ހުއްދަކުރުމަށް ސަޕޯޓްކޮށް މިބައިމީހުން ދައްކާ އަނެއްވާހަކައަކީ، އެ ބޯނީ ބޯން ބޭނުންވާ މީހުންނެވެ. ބޭނުން ނުވާމީހަކު ނުބޯނެއެވެ. އެއީ އެބަޔެއްގެ މިނިވަންކަމާއި ގުޅިފައިވާ ކަމެކެވެ. 'ހައްދުފަހަނަ' އަޅާފައިވާ 'މުއްލާއިންނަށް' މި މިނިވަންކަން ހަޖަމު ނުކުރެވެނީ ތޯއެވެ؟
މިބައިމީހުންގެ މި 'އިމޯޝަނަލް' ވާހަކަތަކާއިމެދު އަޅުގަނޑު ދަންނަވާނެ ވާހަކައަކީ، ރާބުއިމަކީ ނުވަތަ ވިއްކުމަކީ ވަކިބައެއްގެ މިނިވަންކަމޭ ކިޔާފައި ދޫކޮއްލެވޭވަރުގެ ކުޑަކަމެއް ނޫނެވެ. އެއީ މައިގަނޑު 2 ސަބަބަކަށްޓަކައެވެ.
ފުރަތަމަ ސަބަބަކީ އެއިންލިބޭ ނޭދެވޭ އަސަރުތަކާއި ގެއްލުންތަކާއި ގުޅިފައިވަނީ ރާބޯމީހާއަށް އެކަންޏެއް ނޫނެވެ. އެއީ އެއްވެސް ކުށެއްނެތް އެތައްބަޔަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާކަމެކެވެ. ރާބުއިމަކީ ނުވަތަ ތަނެއްގައި ރާ އާންމުވުމަކީ، އެހެނިހެން ޖަރީމާތަކަށްވުރެ ނުރައްކާތެރިކަން ބޮޑު ޖަރީމާއެކެވެ. ސަބަބަކީ ރާބުއިމަށްފަހު ބުއްދިއެއް ނުހުރެއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނޭނގެއެވެ. މަސްތުގެ އެހާލަތުގައިތިބެ ވައްކަން ކުރެއެވެ. ރޭޕްކުރެއެވެ. ވަޅިއަޅައެވެ. މިހެންގޮސް ކިޔާނެކަމެއް ނެތެވެ. އަނިޔާލިބެނީ ހަމައެކަނި މަސްތުވެގެން ތިބޭ މީހުންނަކަށް ނޫނެވެ. ކުށެއްނެތް އެތައްހާސް ބަޔަކަށެވެ. ދުނިޔޭގައި ރާބޯ ބަޔެއް ޤައުމުތަކުގައި ކުރެވިފައިވާ ބަޔެއް ސަރވޭތަކުގެ ރިޕޯޓްތަށް ބުނާގޮތުން 2.1 މިލިޔަންމީހުން ރާ ބޯކަމަށް ރިޕޯޓްކުރެވޭނަމަ، އެމީހުންގެ ސަބަބުން 4 ނުވަތަ 5 މިލިޔަން މީހުނަށް އެކަމުގެ ނުރައްކާތެރިކަން ތަހައްމަލް ކުރަންޖެހޭކަމުގައި ވެއެވެ.
ޤަވާއިދެއް ހެދިދާނެއެވެ. ނަމަވެސް މަސްތުވުމަށްފަހު ޤަވާއިދު ހަދާނެއް ނުހުރެއެވެ. ބަނގުރާ އާންމުކޮށް ވިއްކާ ޤައުމުތަކުގައި މިހާރުވެސް 'ހަރުދަނާ' ޤަވާއިދުތައް ހެދިފައި އެބަހުއްޓެވެ. މިސާލަކަށް ރާ ބޮއިގެން ހުރެ ދުއްވާ އެއްޗެހި ދުއްވުން މަނަލެވެ. ނަމަވެސް، ރާވިއްކުން އާންމުކުރެވިފައިވާ ޤައުމެއް ކަމުގައިވާ އެމެރިކާގައި، ރާބޮއި މަސްތުވުމުގެ ސަބަބުން ދުއްވާއެއްޗެހި ދުއްވުމުން ހިނގާ އެކްސިޑެންތަކުގައި އެވްރެޖްކޮށް އަހަރަކު 25000 މީހުން މަރުވެއެވެ. އެފަދަ އެކްސިޑެންޓްތަކުގައި މަރުވާ ގިނަ މީހުންނަކީ އެއްވެސް ކުށެއްނެތް މީހުންނެވެ. ރޭޕްކުރުމާއި މީހުންމެރުންފަދަ ޖަރީމާތައްވެސް ހަމަ އެފަދައެވެ. އަނިޔާގެ ޝިކާރަވެރިންނަކީ ގިނަފަހަރު ކުށެއްނެތް މީހުންނެވެ. ވީމާ މިއީ އެބައިމީހުން އެބުނާފަދަ ބޯ މީހުންގެ ނުވަތަ ހިއްޕަވާ ބޭފުޅުންގެ މިނިވަންކަމޭ ކިޔާފައި ދޫކޮށްލެވެން އޮތް ކަމެއް ނޫނެވެ.
ދެވަނަ ސަބަބަކީ ރަލަކީ އެހެން ހުރިހާ ނުބައިކަމަކަށް މަގުފަހިކުރުވާ އެންމެހާ ނުބައިކަމެއްގެ މަންމައެވެ. ރާވިއްކުން ތަނެއްގައި އާންމުވެއްޖެނަމަ އެތަނެއްގައި އެހެން ހުރިހާ ނުބައި އަމަލުތައް ފެތުރެއެވެ. ރާވިއްކުން އާންމުވެފައިވާ ޤައުމުތަކުގެ ކްރިމިނަލް ރިކޯޑްތައް މިކަމަށް ހެކިވެއެވެ. ރާވިއްކުން އާންމުވެފައިވާ ޤައުމުތަކުގައި، އެޤައުމުތަކުގައި ރިޕޯޓްކުރެވޭ ލާއިންސާނީ ޖަރީމާތަކުގެ %73 ޖަރީމާތަކާއި ރަލާއި ގުޅިފައިވާ ކަމުގައި ރިޕޯޓްތަކުން ދައްކައެވެ. މިފަދަ ބައެއް ޤައުމުތަކުގެ ކޯޓްތަކުން ހާމަކުރާގޮތުގައި ބަޔެއް ކޯޓްތަކަށް ހުށައެޅޭ އާއިލީ، ސިވިލް އަދި ކްރިމިނަލް މައްސަލަތަކުގެ %95 މައްސަލައަކީ ސީދާކޮށް ނުވަތަ ނުސީދާކޮށް މަސްތުވުމާއި ގުޅިފައިވާ މައްސަލަތަކެވެ.
މިސާލަކަށް އެމެރިކާގައި ދުވާލަކު 1870 އަންހެން ކުދިން ރޭޕްކޮށްލެވޭއިރު ގާތްގަޑަކަށް 1365 ކުދިން (%73) ރޭޕްކުރުމާއި ރަލާއި ގުޅިފައި ވެއެވެ. ދުވާލަކު 45 މީހުން ޙައްޤަކާނުލާ މަރާލެވޭކަމަށް އެޤައުމުގައި ރިޕޯޓްކުރެވޭއިރު 37 މީހުން (%83) މަރާލުމާއި ރާބޮއިގެން މަސްތުވުމާއި ގުޅިފައި ވެއެވެ. ކޮންމެ މަހަކު އެތައްލައްކަ އިންސެސްޓް (މަންމަ-ދަރިފުޅު، ބައްޕަ-ދަރިފުޅު ނުވަތަ ބޭބެ-ދައްތަ ޖިންސީ ގުޅުންހިންގުން) ހިނގާއިރު އޭގެ %95 ހާދިސާތަކާ ގުޅިފައިވަނީ ރާބޮއިގެން މަސްތުވެފައި ތިބުމެވެ. މީގެއިތުރުން ރާބުއިމާއި ރާވިއްކުމާމެދު ކަންބޮޑުވުންފާޅުކޮށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯ އިން 2005 އަހަރު ޖެނީވާގައި ނެރިފައިވާ ރިޕޯޓެއް ބުނާގޮތުގައި، ރާވިއްކުން އާންމުވެފައިވާ ޤައުމުތަކުގައި ވައްކަން ކުރުމާއި، ފޭރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، ރޭޕުކުރުމާއި މީހުންމެރުމާއި އަދިވެސް މިފަދަ ޖަރީމާތައް އެންމެ ގިނައިން ހިނގާފައިވަނީ ރާ ވިއްކާ ބާރ ނުވަތަ 'ބްލެކް ރޫމް' ނުވަތަ ނައިޓްކުލަބު ތަކުގައި ކަމުގައެވެ. ނުވަތަ އެތަންތަނާއި ކައިރި ހިސާބުތަކުގައެވެ.
ވީމާ ޚުލާސާކޮށް ދަންނަވާލެވޭނީ ރާވިއްކުމުގެ ސަބަބުން ނުވަތަ ބުއިމުގެ ސަބަބުން އޭގެ އަނިޔާ ލިބެނީ ހަމައެކަނި އެ ބޯމީހާއަކަށް ނޫނެވެ. އެއީ މުޖުތަމައުގެ ކުށެއްނެތް އެތައްބަޔެއް މިދުނިޔެއާއި އަލްވަދާއު ކިޔަންޖެހޭ ސުންޕާ ބައްޔެކެވެ. ކުށެއްނެތް އެތައް ބަޔަކު ދާއިމީ ނުކުޅެދުންތެރިންނަށް ހަދާލާކަމެކެވެ. އެތައް އާއިލާއެއްގެ ދިރިއުޅުން ބަރުބާދު ކޮއްލާކަމެކެވެ. އަދި ހަމައެއާއިއެކު ތަނެއްގައި ރާ އާންމުވުމަކީ މުޖުތަމައުގައި ހުރިހާ ނުބައި ބައްޔެއް ފެތުރުމުގެ ޢަލާމާތެވެ. ވީމާ މިއީ ބޯ މީހުންގެ ނުވަތަ ހިއްޕަވާ ބޭފުޅުންގެ މިނިވަންކަމޭ ކިޔާފައި ދޫކޮށްލެވޭވަރުގެ ކުޑަކުޑަ ކަމެއް ނޫނެވެ. މުޖުތަމައުގައި ދިރިއުޅޭ އެހެން އަފްރާދުންގެ މިނިވަންކަންވެސް ރައްކާތެރި ކުރެވެންޖެހޭނެއެވެ. ވީމާ މިނިވަންކަމާއިމެދު 'މުއްލާއިންގެ' ވިސްނުންހުރިގޮތް މާތަނަވަސްވެފައި 'ފެއަރ' ކަމުގައި ދަންނަވަންޖެހެއެވެ.
ހެދިފައިވާ ޤަވާއިދުން ނުކުންނާނޭ ނޭދެވޭ ނަތީޖާއަށް ރިޢާޔަތްކުރުމެއްނެތި އެބައިމީހުން ބުނާ އަނެއް ވާހަކައަކީ، ރާވިއްކުން ނޫނަސް އެހެން ފާފަތައްވެސް ދިވެހިން ކުރެއެވެ. ވީމާ ރާ ބުއިމުގެ ނުވަތަ ވިއްކުމުގެ ފާފައާމެދު މިހާ ދެކޮޅުވެ 'ފޯރިއެއް' އަރައިގެން އެއުޅެނީ ކީއްވެބާއެވެ؟
މިބައިމީހުންގެ މިވާހަކަތަކައް ނިކަން ފުންކޮށް ވިސްނަވާށެވެ. އެމީހުންގެ މަޤްސަދަކީ ކޮބައިކަން ވަރަށް ސާފުކޮށް އެބަ ހާމަވެއެވެ. އެއީ ފާފަތައް އަދިވެސް އިތުރުކުރުމެވެ. އެކަމަށްޓަކައި އިތުރު ދޮރުތައް ހުޅުވާލުމެވެ. މިއީ ޤައުމަށާއި ދިވެހިންނަށް ލާބަޔާއި މަންފާއެދޭ ބައެއް ބާވައެވެ؟ ލާބައާއި މަންފާ އެދޭ ބައެއްނަމަ މަސައްކަތްކުރާނީ އަދި ބުނާނީ ދިވެހިން އެހެން ފާފަތައްވެސް ކުރުން މިދަނީ އިތުރުވަމުންނެވެ. ވީމާ އެކަން އިތުރުވުމަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރާށެވެ. އެހެން ނޫންތޯއެވެ؟
ކުރިންވެސް ދެންނެވިފަދައިން ރަލަކީ ހުރިހާ ނުބައި ކަމެއްގެ މަންމައެވެ. ތަނެއްގައި ރާ އާންމުވެއްޖެނަމަ އެތަނެއްގައި އެހެނިހެން ނުބައި އަމަލުތައް އާންމު ނުވެނުދާނެއެވެ. އެހެންކަމުން ރާއްޖޭގައި އެހެނިހެން ނުބައި އަމަލުތައް އާންމުވެފައި ވުމުންވެސް ދޭހަވާކަމަކީ ރާއްޖޭގައި ރަލާއި މަސްތުވާތަކެތި އާންމުވެފައިވާލެއް ފުޅާކަމެވެ. ވީމާ، ދީނާއި ޤައުމަށް ހެޔޮއެދޭބަޔަކު، ރާވިއްކުން އަދިވެސް އިތުރަށް ފުޅާކޮށް އެކަން އިތުރަށް އާންމުކުރާކަށް މަސައްކަތެއް ނުކުރާނެއެވެ. ސަޕޯޓެއް ނުކުރާނެއެވެ. ނުވަތަ ވީމާ މިހާރަށްވުރެ ފުޅާކޮށް ރާވިއްކުން ހުއްދަކުރުމުގެ ޤަވާއިދަށް ތާއީދުކޮށް މީހުންގެ އީމާންތެރިކަން އެ ގޯސްކުރަނީ، އަދިވެސް އެފަދަ ފާފަތައް މިމުޖުތަމައުގައި ކުރިޔަށްދާވަރު މަދުކަމުން އެކަމާ ހިތްޕުޅާ ހަމަ ނުކުރައްވާތީ ތޯއެވެ؟
-ނުނިމޭ-

 

ލިޔުނީ: ދޮންވެލި

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް