އަދިވެސް އެމްބިއުލާންސް ގެ އަޑު ކަނޑައިގެން ނުދެއެވެ. މުޅި މާލެ ތެރެވަނީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. އެކި އުމުރުފުރައިގެ މީހުންގެ ރުއިމުގެ އަޑެވެ. ބޯ ހިރަފުހާއައި، އަލިފާނާއި ، ލޭގެ ކޯރުތަކެވެ. އަޑަކަށް އިވެނީ ތަކުބީރުގެ އަޑެވެ. ﷲ އަކްބަރް! ﷲ އަކްބަރް!
މުޅި މާލެ ބިމާ ހަމަވެފައިވާ މަންޒަރު ހަމަލޮލަށް ފެންނަން އޮތުން މިއީ ވަރަށް އަސަރުގަދަ މަންޒަރެކެވެ. ނަޒަރު ހިންގާލި ކޮންމެ ދިމާއަކުންފެންނަނީ ވެއްޓިފައިވާ އިމާރާތްތަކެވެ. އެހާމެ ފަހުން އިމާރާތްކޮށް ނިމިފައިވާ ކިތަންމެ އިމާރާތަކާއި ގިނަ ޒަމާންވެފައިވާ އިމާރާތްތައްވެސް މެއެވެ. އާއެކެވެ. ބިންހެލުން އައިތާ އަދި ވީ އެންމެ ވިއްސަކަށް މިނެޓެވެ. އޭގެ ކުރިން މި ވަގުތުކޮޅު އަންނަ ކަމުގެ އެއްވެސް އިންޒާރެއްވެސް ލިބިފައެއް ނުވެއެވެ. ނަމަވެސް ކުރާނީ ކީތްތޯއެވެ؟ ﷲ ގެ އަމުރުފުޅު އަތުވެއްޖެ ނަމަ އެކަމެއް ވާކަށް ލަހެއް ފަހެއް ނުވެތެވެ.
އުންމީދުން ފުރިގެންވާ އެތައް ކަމެއް ކޮށްކޮށް ތިއްބާ މިވީ ކީއްހެއްޔެވެ؟ ހަމަ ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ބިމާހަމަވެ، ފުނޑުފުނޑު ވީއެވެ. ހަލާކު ވީއެވެ. އެއްކޮށްފައިވާ ފައިސާތައް ބޭންކުގައި ހުރީއެވެ. ފައިސާގެ ވެރިމީހާ ވީތަނެއް ނޭނގެއެވެ. ޢިމާރާތްކުރަމުންދިޔަ ގެ ބިމާ ހަމަވީއެވެ. ގޭގެ ވެރިމީހާ ކޮބައިބާވައެވެ؟ ތަޢްލީމް ދޭން މަދަރުސާއަށް ފޮނުވި ޅަދަރީން ކޮބާތޯއެވެ؟
އަހަރެންގެ ހިތުގެ ތެޅުން އަދިވެސް ހުރީ އަވަސްވެފައެވެ. ބޯ ފަޅައިގެން ގޮސްފައިވާކަން އެނގުނީ ލޮލުގެ އެސްފިޔައަށް ލޭގެ ތިއްކެއް ޖެހުމުންނެވެ. ދުއްވަން އިންކާރު މި އޮތީ މަޖީދީ މަގުގައެވެ. ކާރުގެ ވަށައިގެން ވަނީ ފުނޑުފުނޑުވެފައިވާ އިމާރާތްތަކާއި ދުއްވާއުޅަނދު ފަހަރެވެ. އިންސާނުންގެ ގުނަވަންތައް އެކި ތަންތަނުން ފެންނަން އޮތެވެ. އެމަންޒަރުތައް ފެނި އަހަރެންގެ ހިތަށް ވެރިވެގެން ދިޔައީ ބިންހެލުން އައުމުގެ ކުރީގެ ވަގުތުތަކެވެ. މިމާލެ އޮތް ގޮތެވެ. މީހުން އުޅެމުން ދިޔަ ގޮތެވެ.
މިއަދު ހެނދުނު އެންމެ ފޯރިއާއެކު އެންމެވެސް ހޭބޯނާރާ އުޅެމުންދިޔައީ މި ޤައުމުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ މަސައްކަތުގެވެ. އަނިޔާވެރިކަމާ، ރުޅިވެރިކަމާ، ހަސަދަވެރިކަމުން ހަލަބޮލިވެފައިވާ ސިޔާސީ މައިދާނުގެ އެންމެ ޖޯޝާ ވަޢުދުން ފުރިގެންވާ ދުވަހެވެ. ރިޝްވަތު ދިނުމާއި، އޮޅުވާލުމާއި އަމިއްލައެދުން ތަކުން ފޯވެފައިވާ ޤައުމުގެ ހާލަތު ހަމަ ނޭނގޭ އެކަކުވެސް ނުވެއެވެ. އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާއަށްވެސް މިކަންކަން ދަނެއެވެ. މުޅި ރާއްޖެވެސް ދުވަހަކު ނުދެކޭފަދަ ބޮޑުވެގެންވާ ފިތުނަވެރިކަމެއް ވަނީ ޢާންމުވެފައެވެ.
މި ޤައުމުގައި ދިރިއުޅޭ ކޮންމެ ދިވެއްސަކީ މުސްލިމެއްކަމުގައި ބުނެއެވެ. ނަމަވެސް މިސްކިތަށް އަރާމީހުން އެއީ ހައްދުފަހަނައަޅާފައިވާ ބައެއްކަމުގައި ބުނެ މަލާމާތް ކުރިއެއެވެ. ބަނގުރަލާއި ، މަސްތުވާތަކެއްޗާއި ، ޒިނޭއާއި އަދި އެކި ނަން ނަމުގައި ރިބާ ޢާންމުވެފައިވެއެވެ. އެގޮތުން އަހަރެންވެސް މި ދަތުރުކުރަނީ ސަރުކާރުގެ އިސް ވެރިއެއްގެ އަމުރަށް ބަނގުރާތަކެއް ކާރަށް އަރުވައިގެން އެ ރަށްކާކުރާށެވެ. ހުރި ހިތާމެއްގެ ބޮޑުކަމާއެވެ. އަހަރެމެން މިއީ ހަމަ މުސްލިމުންބާވައެވެ. މިއީ ހަރާމް ކަމެއްކަން އެނގިހުރެ ހަމަ މަނާ ނުކޮށް ރުހިގެން ތިބީއެވެ.
ސަލާމަތްކަން ހޯދަން ބޭރުދުނިޔެއިން މިޤައުމުގައި އެކި ބާވަތުގެ އިންޒަރުދޭ ނިޒާމްތައް ޤާއިމްކުރެވިފައިވެއެވެ. ނަމަވެސް އެޔަކުން ކުރި އެއްވެސް ފައިދާއެއްނެތެވެ. ބިންހެލުމެއް އަންނަން އުޅޭކަން ދަނަހުރި އަކަކުވެސް ނެތެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ﷲ ކަމާމެދު އަހުރެން ޝައްކެއް ނުކުރާނަމެވެ. އަވަހަށް ތަޢުބާވާންވީއެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ އެ އިލާހުއެވެ. އެ ކަލާނގެ އެންގެވި ގޮތަށް ނޫން ގޮތަކަށް އުޅެގެން ސަލާމަތް ވާނެނަމަ، މިއަދު ސަލާމަތްވީހެވެ.
ނޯޓް: މިއީ ޚިޔާލީ ވާހަކައެވެ. ނަމަވެސް މި ފަދަ ކޯފާއެއް އައުމުގެ ކުރިން ތަޢުބާވެ ﷲ އެންގެވި މަގަށް ރުޖޫޢަ ވާށެވެ. އެހެން ނޫންނަމަ، މި ވާހަކައިގާ މި ހިނގާދިޔަ ފަދަ ކަމަކާ މި ވަގުތުވެސް ކުރިމަތިލާން ޖެހިދާނެއެވެ!
ޚިޔާލު