މިއަންނަ 2026 ވަނަ އަހަރަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ކާމިޔާބު އަހަރަކަށް ވެގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި އެކްޓިވިޓީ ކަލަންޑަރު އިފްތިތާޙްކުރުމަށް މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، 2026 ވަނަ އަހަރުގެ ތެރޭގައި ވުޒާރާއިން ފާއިތުވެދިޔަ ދެ އަހަރު ކުރެވުނު މުހިންމު މަސައްކަތްތަކުގެ ހަޤީޤީ މަންޒަރު ފެނިގެންދާނެކަމަށާއި، ވުޒާރާއިން ކުރިއަށް ގެންދާ މުހިއްމު ޕްރޮގުރާމުތަކަށް ވެސް އިތުރު ކުރިއެރުންތައް އަންނާނެކަމަށެވެ. އެގޮތުން، މިހާރު ފެށިފައިވާ ވަޤްފު މަޝްރޫޢުތަކުގެ މަންޒަރު ފެނިގެންދިއުމާއި، ބިންގާ އެޅި މަސައްކަތް ކުރިއަށްދާ މިސްކިތްތަކުގެ މަސައްކަތްތަކުގެ ބޮޑުބައި ވެސް ނިމިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޒުވާން ޚަޠީބުން ޕްރޮގުރާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޕްރޮގުރާމުގެ އިތުރު ބުރުތަކާއެކު އިތުރު ޒުވާން ޚަޠީބުންތަކެއް އުފެދިގެންދިއުން ވެގެންދާނީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއަކަށް ކަމަށެވެ. މީގެ އިތުރުން، އެކްޝަން ޕްލޭނެއްގެ ދަށުން މަސައްކަތްތައް ބައްޓަންކުރުމަކީ ވުޒާރާގެ މަސައްކަތްތައް ތަރުތީބުކަމާއެކު، ހަރުދަނާކޮށް ކުރިއަށްގެންދިޔުމަށް ލިބޭ ބޮޑު ބާރެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ފާއިތުވެދިޔަ ދެ އަހަރު ވުޒާރާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައިވަނީ މުވައްޒަފުންގެ ބުރަ މަސައްކަތުންކަން ފާހަގަކުރައްވައި، ވަޒީރު ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި 2026 ވަނަ އަހަރުވެސް މުވައްޒަފުންގެ ކުރިއެރުމަށް ތަފާތު އެކި ޕްރޮގުރާމުތަކާއި ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...