ފާޙިޝް ޢަމަލުތަކާ ދުރުހެލިވުމުގެ މުހިންމުކަމުގެ މައްޗަށް މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލައިފިއެވެ.
ޚުޠުބާގައި ވިދާޅުވީ އިސްލާމްދީންވަނީ ފާޙިޝްކަންތައްތަކާ ދުރުހެލިވުމުގެ އިތުރުން އެފަދަ ކަންތައްތައް ފެތުރުމާއި، އެކަންކަމަށް މަގުފަހިކޮށްދޭ ހުރިހައި ކަމެއް ވެސް ޙަރާމްކުރައްވާފައިވާ ކަމަށެވެ. އިސްލާމްދީނުގައި އަފުރާދުންނާއި މުޖުތަމަޢު ފާޙިޝު ކަންތައްތަކާ ދުރުހެލިކުރުމަށް ހުރިހައި ގޮތަކުން ބާރުއަޅުއްވައިފައެވެ.
ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، ޒިނޭ ފަދަ ހަޑިމުޑުދާރު ފާޙިޝް ޢަމަލުތައް ޙަރާމްކަމުގެ ވާހަކަ ބަޔާންކުރުމުގެ ކުރިން ވެސް، އެކަމަށް މަގުފަހިކޮށްދޭ ޙަރާމް ބެލުންތަކުން ދުރުހެލިވުމަށް ވަނީ އަންގަވައިފައެވެ. މީގެ އިތުރުން، ފާޙިޝްކަންތައްތަކަށް އަރައިނުގަތް ކަމުގައިވީ ނަމަވެސް، އެފަދަ ކަންތައްތައް މުސްލިމުންގެ ތެރޭގައި ފެތުރުމަށް ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް ބޮޑުވެގެންވާ ޢަޛާބުހުރިކަން ވަނީ އަންގަވައިފައެވެ.
ޚުޠުބާގައި ވަނީ މިކަމާ ގުޅޭގޮތުން ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނަ ހިއްސާކޮށްފައެވެ: "ހަމަކަށަވަރުން، އިމާންވީ މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކަ ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެއާއި آخرةގައި ވޭންދެނިވި عذاب އެ މީހުންނަށް ހުށްޓެވެ. الله ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ."
ޚުޠުބާގައި އިޝާރާތްކުރެއްވި ގޮތުގައި، ޤައުމެއްގައި ފާޙިޝް ކަންތައްތައް ފެތުރި ޢާންމުވުމަކީ އެތަނަކަށް ﷲގެ ކޯފާ އަންނާނޭ ސަބަބެކެވެ. އަދި އަދުގެ މުޖުތަމަޢުތަކުގައި ފާޙިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަމުންދަނީ މީސްމީޑިއާގެ ވަސީލަތްތައް ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި، އިޖުތިމާޢީ އެކިއެކި މަންސަތައް މެދުވެރިކޮށް މިފަދަ ކަންތައްތައް ފެތުރެމުންދާއިރު، މިކަމުގެ ސަބަބުން ކުޑަކުދިންނާއި ޒުވާނުންނަށް ލިބިދާނެ ގެއްލުމަށް ފިކުރުކުރުމެއް ނެތި ޝަރުޢީ މިންގަޑުތަކަށް ބެލުމެއް ނެތި ޢަމަލުކުރާކަން ފާހަގަކުރެއްވިއެވެ.
ޚުޠުބާގައި ވަނީ މީސްމީޑިއާ ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް އިންޒާރު ދެއްވާފައެވެ. އެފަދަ ޢަމަލުތައް ކުރާ ފަރާތްތަކުން އެބައިމީހުންގެ މި ޢަމަލުތަކަށް ﷲ ތަޢާލާ ފާރަވެރިވެ ބައްލަވައިވޮޑިގެންވާކަން ހަނދުމަނެތިކަމަށް ޚުޠުބާގައި ސުވާލު އުފެއްދިއެވެ. އެހެންކަމުން، ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި އިޖުތިމާޢީ އެކިއެކި މަންސަތަކުގެ މަސްއޫލުވެރީންނާއި އެޑިޓަރުން މިކަންކަމަށް ފަރުވާތެރިވެ، ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި ޢާންމުކުރުމުން ދުރުހެލިވާންޖެހޭނެ ކަމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...