ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.
މިއީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢުއެކެވެ.
އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް ސޮއިކުރެއްވީ ފުވައްމުލައް ސިޓީ ރައްޔިތުންނާއި ބަދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި މަސައްކަތް ހަވާލުކުރެވުނު އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދުއެވެ.
މި އެއްބަސްވުމުގެ ދަށުން އިމާރާތް ކުރެވޭ އިސްލާމީ މަރުކަޒަކީ، އެ ސިޓީގެ ރައްޔިތުންނަށް ދީނީ ޢިލްމު އުނގެނުމާއި އަޅުކަން ކުރުމުގެ ފުރުސަތު ފުޅާކޮށްދޭނެ މަރުކަޒެކެވެ. އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން، ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި، ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއް ހިމެނޭނެއެވެ. މީގެ އިތުރުން، މި މަރުކަޒުގައި ސޯލާ ހަރުކުރެވި، މުޅި އިމާރާތް އޭސީ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަކީ ފުވައްމުލައް ސިޓީގެ ދީނީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށް ބެލެވެއެވެ.

















advertisment
ޚިޔާލު