ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ތެރެއިން މިހާތަނަށް 87 ބައިވެރިން ކިޔަވާ ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ. މިމަހުގެ 18 ވަނަ ދުވަހު ފެށުނު މި މުބާރާތުގައި މިހާތަނަށް ކިޔަވާފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮފިން 44 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ގޮފިން 43 ބައިވެރިންނެވެ.
މި އަހަރުގެ މުބާރާތުގައި ޖުމުލަ 1036 ބައިވެރިން ވާދަކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ގޮފީގައި 423 ބައިވެރިންނާއި، އަދި ޙާފިޒުންގެ ގޮފީގައި 31 ޙާފިޒުންނެވެ. މުބާރާތް ކުރިއަށްދާނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގެ ކިޔެވުންތައް ކުރިއަށްދަނީ ކިންގް ސަލްމާން މިސްކިތުގައެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުންތައް ކުރިއަށްދަނީ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކަމަށާއި، ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުންތައް ކުރިއަށްދަނީ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.
މި މުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު، މުޅި މުބާރާތުން ވެސް އެ ވަނަތައް ހޮވާނެއެވެ. އަދި މުބާރާތުގެ ކޮންމެ ބަޔަކުން އެއްވަނަ ހޯދާ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ މުބާރާތް ބާއްވަނީ ދައުލަތުގެ ބަޖެޓުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤުރުއާން މުބާރާތުގެ ފެންވަރު މަތިކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. އެގޮތުން މި އަހަރުގެ މުބާރާތަކީވެސް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...