ޤަތަރުގެ ވެރިރަށް ދޯހާއަށް ޔަހޫދީ ދައުލަތުން ދިން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތައް ދެވުނު ހަމަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ޤަތަރުގައި މިހާރު ކުރިއަށްދާ އަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ފަލަސްޠީނުގެ މައްސަލައިގައި ޤަތަރުން އަދާކުރަމުންދިޔައީ ސުލްހަ ޤާއިމްކޮށްދިނުމަށް މެދުވެރިއެއްގެ ދައުރު ކަމަށް ފާހަގަކުރައްވާފައެވެ. އަދި އެ ޤައުމުން ކުރަމުންދާ މަސައްކަތް ބަލައިގަނެ އަގުވަޒަން ކުރަން ޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެން މިއަދު މި ބާއްވާ އެމެޖެންސީ ސަމިޓަކީ ހަމައެކަނި ޤަތަރަށް ދެވުނު ހަމަލާއާ ހެދި ބާއްވާ ސަމިޓެއް ނޫން. މިއީ މުޅި އަރަބި ޤައުމުތަކަށާއި މުޅި އިސްލާމީ އުއްމަތަށް ދެވުނު ހަމަލާއެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ އިސްރާއީލުން ޢައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ފާހަގަކުރައްވައި، ޑޮކްޓަރުންނާއި ނޫސްވެރިންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އާންމުންގެ އެތައް ބަޔަކު މަރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިކަންކަމުގައި އިސްރާޢީލަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކޮށް، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ޔަހޫދީ ދައުލަތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އަދި "މި އުއްމަތުގެ އެއްވެސް ޤައުމެއް މިފަދަ ހަމަލާތައް އެކަނި ތަހައްމަލު ކުރަން ނުޖެހޭނެ" ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒު ވަނީ އެއް އުއްމަތެއްގެ ގޮތުގައި ގުޅިގެން މިފަދަ ހަމަލާތަކާ ދެކޮޅަށް ތެދުވުމަށް ގޮވާލައްވައި، ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް އަބަދުވެސް އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލާނެ ޤައުމެއްކަން ފާހަގަކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...