އިންސާފުވެރިކަމާއެކު ޙައްޖު ކޯޓާގެ ކަންކަން ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތުގައި އައު އުސޫލުތަކެއް ވަނީ ކަނޑައަޅުއްވާފައިކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. މި ވާހަކަ ވަޒީރު ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.
އަލަށް ކަނޑައެޅުނު އުސޫލުގެ ދަށުން، އަލަށް ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށާއި، ކޮންމެ ފަރާތަކަށްވެސް ކޯޓާ ލިބޭނީ 5 އަހަރުން އެއްފަހަރު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި 65 އަހަރުން މަތީގެ ފަރާތްތަކަށް ވަކި އިންސައްތައެއް ކޮންމެ އަހަރަކުވެސް ކަނޑައެޅިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި އުސޫލުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޙައްޖުގެ ޢާމިލުންނާއި، ޚިދުމަތްތެރިންނާއި، ޞިއްޙީ މާހިރުން ހިމެނޭކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ. "މި ބަދަލުތައް ގެނެވިފައިވަނީ އިސްލާމީ ދުނިޔޭގައި މިކަމުގައި ޢަމަލުކުރަމުންދާ ގޮތްތައް ދިރާސާކުރުމަށްފަހު" ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި އައު އުސޫލުތައް ފާސްކުރެވިފައިވަނީ 5 ޖެނުއަރީ 2025 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ. އަދި މި އުސޫލުތައް ތަންފީޒުކުރަން ފެށޭނީ 1447 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
މި އައު ބަދަލުތަކާއެކު، ކިއު ތަރުތީބުކުރުމުގައި އުމުރުން ދުވަސްވީ މީހުންނާއި އަލަށް ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް އިސްކަންދެވިގެންދާނެކަން ވަޒީރު ވަނީ ޔަގީންކޮށްދެއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ވަޒީރު ވަނީ ތަފްސީލީ ޖަވާބުތަކެއް ދެއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...