ސަލްމާން ރަސްގެފާނު މިސްކިތުގައި އަލަށް ތަރައްޤީކުރެވުނު އިސްލާމީ ކުތުބުޚާނާ މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
މިރޭ ބޭއްވުނު ރަސްމިއްޔާތެއްގައި ކުތުބުޚާނާ ހުޅުވައިދެއްވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައިގެ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އެވުޒާރާގެ އެހެނިހެން އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މިސްކިތްތަކުގައި ލައިބްރަރީތައް ގާއިމުކޮށް، އެތަންތަނަށް ފުރާނަ ލުމަކީ ސަރުކާރުން ވަރަށް މުހިންމުކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ދީނީ ޢިލްމުވެރިންނާއި ދިވެހި އަދީބުންގެ އަގުހުރި ފޮތްތައް މި ލައިބްރަރީއަށް ހަދިޔާކޮށްދެއްވުމަށް އެދިވަޑައިގަތެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އިސްލާމީ ކުތުބުޚާނާ ޙަޤީޤަތަކަށް ވެގެން އައީ ގިނަ ބައެއްގެ މިންނެތް މަސައްކަތުން ކަމަށާއި، މިކަމުގައި އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރުވެރިވާ ކަމުގައި ވިދާޅުވިއެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ހުންނަ މި ކުތުބުޚާނާ ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ބޭނުންކުރާ ފަރާތްތަކަށް ހިތްގައިމު މާޙައުލެއް ޤާއިމުކުރުމަށްފަހު ހުޅުވާލެވިފައެވެ. މި ކުތުބުޚާނާގައި މިހާރުވެސް 15,000 އަށްވުރެ ގިނަ ފޮތް ހުރިކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރުވެސް ހުރި މަރުކަޒުތަކާއި، އަލަށް ބިނާކުރެވެމުންދާ އިސްލާމީ މަރުކަޒުތަކުގައި ގާއިމުކުރާ އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް، އެކުވެރި ގައުމެއްގެ ޔުނިވަރސިޓީއަކުން ހަދިޔާގެ ގޮތުގައި ދޭން ނިންމާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރެއްވި ގޮތުގައި، އެޔުނިވާސިޓީއިން ޖުމްލަ 60 ހާސް ފޮތް ހަދިޔާކުރާނެއެވެ. މި ފޮތްތައް ހއ. ދިއްދޫ، ރ. އުނގޫފާރު، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގެ އިސްލާމިކް ސެންޓަރުތަކުގެ ލައިބްރަރީތަކަށާއި، އަދި އެހެނިހެން އަތޮޅުތަކުގައި އަލަށް ގާއިމުކުރެވޭ އިސްލާމީ ލައިބްރަރީތަކަށް ބެހިގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...