ދިވެހި އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ދޭން މޮރޮކޯގެ ސަރުކާރުން ނިންމަވައި، ދިވެހި ސަރުކާރަށް ރަސްމީކޮށް އެކަން އަންގަވައިފި އެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނެފައިވާގޮތުގައި، މި ފުރުޞަތު ފަހިވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވެވި ސިޓީފުޅަކާ ގުޅިގެންނެވެ.
މޮރޮކޯގެ ސަރުކާރުން ދިވެހި އިމާމުންނަށް މި ފުރުސަތު ދޭން ނިންމަވައި، މިކަމާ ގުޅޭ އެއްބަސްވުން މިހާރު ދިވެހި ސަރުކާރަށް ފޮނުއްވާފައިވާކަމަށާއި ވަރަށް އަވަހަށް މިއެއްބަސްވުމުގައި ސޮއިކުރެވިގެންދާނެކަމަށް ވެސް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އިމާމުން ޢަރަބި ބަސް ކިޔެވުމަށް ހަމަޖެހިގެންދާނީ މޮރޮކޯގެ ރަސްގެފާނުގެ ޚާއްސަ ބެއްލެވުމުގެ ދަށުން ހިންގަވާ އިންސްޓިޓިއުޓަކުންކަމަށާއި، އެ އިންސްޓިޓިއުޓްގައި ކިޔަވާ ފަރާތްތަކަށް އެކޮމޮޑޭޝަންގެ އިތުރުން ޕޮކެޓްމަނީ ވެސް ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ދިވެހި އިމާމުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިތުރު ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ނިމިދިޔަ 2024 ވަނަ އަހަރު 100 އަށްވުރެ ގިނަ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާގެ ފުރުޞަތު ހޯދައިދީފައިވާކަމަށް ވެސް މިނިސްޓްރީއިން ބުނެފައިވެއެވެ.
ޚިޔާލު