ދެޙަރަމްފުޅުގެ ޚާދިމް، ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ ބުނު ޢަބްދުލްޢަޒީޒް އާލްސުޢޫދަށް الملك الإنسانية (އިންސާނިއްޔަތުގެ ރަސްގެފާނު) އާއި ملك القلوب (ހިތްތަކުގެ ރަސްގެފާނު) މި ދެ ލަޤަބުން މުޚާޠަބު ނުކުރުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވައިފިއެވެ.
" ތިޔަބޭފުޅުންގެ އަރިހުން އަޅުގަނޑު އެދެނީ، މި ލަޤަބު އަޅުގަނޑުގެ ކިބައިން މިލަޤަބު ދުރުކޮށްދިނުމަށް. ޙަޤީޤީ މާލިކަކީ ﷲ. އަދި އަޅުގަނޑުމެން އެންމެންނަކީ ﷲގެ އަޅުން. މިލަޤަބު، އަޅުގަނޑު އެދެނީ މިލަޤަބުން އަޅުގަނޑު އެއްކިބާކޮށްދެއްވުން." ރަސްގެފާނު ޢަބްދުﷲ ވިދާޅުވިއެވެ.
ރަސްގެފާނު މިގޮތަށް ވިދާޅުވީ ސުޢޫދީ ޢަރަބިއްޔާގެ މުފްތީ އަދި ބޮޑެތި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ އާލުއްޝައިޚް އާއި ސުޢޫދީ އަމީރުންނާއި އެކު އަލްޔަމާމާ ގަނޑުވަރުގައި ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައެވެ. މި ބައްދަލުވުމުގައި ބޮޑެތި ޢިލްމުވެރިންނާއި ދައުލަތުގެ އިސްބައެއް ވެރިން ބައިވެރިވެ ލެއްވިއެވެ.
ކީރިތި ޤުރްއާނުގެ ބަރަކާތުން ފެށުނު މި ބައްދަލުވުމުގައި ރަސްގެފާނުވަނީ ހާޒިރީންނާއި ސަލާމް ކުރެއްވުމަށްފަހު މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ތިރީގައި މިވަނީ ރަސްގެފާނު ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގެ އަވަސް ތަރުޖަމާއެވެ.
-----
އަޚުންނާއި ދަރިން!!!
ތިޔަ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުންނަށް ތައުފީޤަށް އެދެން. ތިޔަބޭފުޅުންގެ ތެރެއިން، މިއަދު އަޅުގަނޑަށް ފެނި އަޅުގަނޑު ސަލާމްކުރި ކޮންމެ ބޭކަލަކަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް (ތިޔަބޭފުޅުންނާއި އިސްތިޤްބާލުކުރުމަށް) ކޮޅަށް ނުހުރެވުނީތީ މާފަށް އެދެން. ﷲ އިރާދަކުރެއްވިއްޔާ ދުވަސްކޮޅަކަށް ފަހުގައި ނުވަތަ މަސްތަކަކަށް ފަހު (ކޮޅަށްހުރެ އިސްތިޤްބާލު ކުރާނަން).
އަޚުންނޭ! މިތަނުގައި ޢިލްމުވެރިން ތިއްބެވުމާއި އެކު، ދެބަހެއް ބުނެލަން އަޅުގަނޑު ބޭނުން. އެއީ ރައްޔިތުންނަށް ވެސް މުޚާޠަބުކޮށް،
އަޚުންނޭ! ހިތްތަކުގެ ރަސްގެފާނޭ ނުވަތަ އިންސާނިއްޔަތުގެ ރަސްގެފާނޭ އެބަ ބުނެވޭ. ތިޔަބޭފުޅުންގެ އަރިހުން އަޅުގަނޑު އެދެނީ، މި ލަޤަބު އަޅުގަނޑުގެ ކިބައިން މިލަޤަބު ދުރުކޮށްދިނުމަށް. ޙަޤީޤީ މަލިކަކީ ﷲ. އަދި އަޅުގަނޑުމެން އެންމެންނަކީ ﷲގެ އަޅުން. މިލަޤަބު، އަޅުގަނޑު އެދެނީ މިލަޤަބުން އަޅުގަނޑު އެއްކިބާކޮށްދެއްވުން. ޝުކުރިއްޔާ!!
މިފަދަ ޚަބަރުތަކުން ޢިބްރަތް ލިބިގަންނަ ބައެއް ކަމުގައި އަޅުގަނޑުމެންގެ ވެރިންނާއި އަޅުގަނޑުމެން އެންމެންވެސް ލެއްވުން އެދި ދުޢާކުރަމެވެ. ޙިކުމަތާއެކު ޢިލްމުވެރިން ވެރިންނާއި މުޢާމަލާތްކުރާނަމަ، އެބޭކަލުންގެ ބަސް އަހައި ޤަބޫލުކުރާނެ ވެރިން ގިނައެވެ. ބަޔަކު މީހުން ޙައްޤު އެނގި އެއަށް އިންކާރު ކުރިނަމަވެސް، ޙައްޤު ޤަބޫލުކުރާ މީހުންނަކީ މަދު ބައެއްނޫނެވެ.
ﷲ ތަޢާލާ ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނާއި، އެމަނިކުފާނުގެ އަރިހުގައި ތިބި ޢިލްމުވެރިންނަށް، ﷲ ގެ ރުހިވޮޑިގަތުން ލިބޭފަދަ ކަންތަކަށް މަގުފަހިކޮށްދެއްވާށި! އަދި އިސްލާމްދީނަށް ނަޞްރުދޭ ބައެއްކަމުގައި އެބޭފުޅުން ލައްވާށި!

ކޮމެންޓް (0)
ލޯޑް ކުރަމުން...