މުސްލިމުންގެ ދެ ވަނަ ޚަލީފާ އުމަރު ބިން ޚައްޠާބުގެ ހަޔާތްޕުޅުގެ މައްޗަށް ހަދާފައިވާ ސީރީޒްކަމުގައިވާ "އުމަރު ސީރީޒް"ގެ ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެ ޓީވީން ގަނެ މިއަހަރުގެ ރަމަޟާން މަހު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗެނަލް އިން ބުނެފިއެވެ.
"ރާއްޖެޓީވީ" އިން ބުނީ މިސީރީޒްގެ އެކްސްކްލޫސިވް ރައިޓްސް ގަނެ ދިވެހި ބަހުން ޑަބްކޮށްގެން މިއަހަރުގެ ރަމަޟާން މަހު ގެނެސްދިނުމަށް ނިންމާފައިވާ ކަމަށާއި ކޮންމެ ރެއަކުވެސް މިސީރީޒް ގެނެސްދޭއިރު ކޮންމެ ދެ ރެއިން އެއް ރޭ އައު އެޕިސޯޑެއް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޖުމްލަ 31 އެޕިސޯޑް ހިމެނޭ މިސީރީޒް ދައްކާނީ ކޮންމެ ރެއެއްގެވެސް 10:30 ގައެވެ.
އުމަރު ސީރީޒްގެ ބްރޯޑްކާސްޓިން ރައިޓްސް ގަނެ މިސީރީޒް އާންމުންނާ ހަމައަށް މި ގެނެސްދެނީ ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުންނާއި އަދި މަޝްހޫރު ސީރީޒްއެއް ދިވެހި ބަހުން ޑަބްކޮށް ދިވެހި އޯޑިއަންސާ ހަމައަށް ގެނެސްދިނުމަކީވެސް މިކަމުގެ މަގްސަދެއް ކަމަށް "ރާއްޖެ ޓީވީ" އިން ބުނެއެވެ.
Muslimunge Dhevana Khalifa Umar ibn al-Khattab ge Hayaaiypulhuge Mahchah Hadhaafaivaa “Umar Series” Dhivehi Bahun Dub Koggen mi Roadhamahu RaajjeTV in Genesdhenee. pic.twitter.com/JWlr6sFuZo
— RaajjeTV (@Raajje_tv) March 11, 2021
އުމަރު ސީރީޒްއަކީ ގަތަރު ޓީވީގެ އުފެއްދުމެކެވެ. ގަތަރު މީޑިޔާ އެޖެންސީ (ގަތަރު ޓީވީ) އާއި މިޑްލް އީސްޓް ބްރޯޑްކާސްޓިން ސެންޓަރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އުފައްދާފައިވާ މިސީރީޒްއަކީ އަރަބް ޕްރޮޑަކްޝަނަކުން މިހާތަނަށް އުފެއްދި އެންމެ ބޮޑު ޕްރޮޑަކްޝަން ކަމަށް މިޑްލް އީސްޓް ބްރޯޑްކާސްޓިން ސެންޓަރުން ވަނީ ބުނެފައެވެ. މިސީރީޒްގައި 30،000 އެކްޓަރުން ހަރަކާތްތެރި ވެފައިވާއިރު 10 ގައުމަކުން ޓެކްނިކަލް ޓީމުތައް ވަނީ ބައިވެރިވެފައެވެ.
އެންމެ ފުރަތަމަ މިސީރީޒް ދައްކާފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އެއަހަރުގެ ރަމަޟާން މަހުއެވެ. 200 މިލިއަން ސައުދީ ރިޔާލުގެ ބަޖެޓަކުން ހަދާފައިވާ މިސީރީޒް ޝޫޓްކޮށްފައިވަނީ މޮރޮކޯގައެވެ.
މިސީރީޒް އެކި ބަހުން ޑަބްކޮށްގެން މިހާތަނަށް ގެނެސްދީފައިވާއިރު އިނގިރޭސި ބަހުން ސަބްޓައިޓަލް އަރުވައިގެން ޔޫޓިޔުބަށްވެސް މިސީރީޒް ވަނީ އަޕްލޯޑްކޮށްފައެވެ. މިހާތަނަށް އައިއިރު 10 ގައުމެއްގެ ޓީވީ ސްޓޭޝަންތަކުން އެގައުމުތަކުގެ ރަސްމީ ބަހުން ޑަބްކޮށްގެން މިސީރީޒް ގެނެސްދީފައިވެއެވެ. އޭގެތެރޭގައި ތުރުކީ، އިންޑޮނީޝިޔާ، އިރާން އަދި މިސްރު ހިމެނެއެވެ. މިއީ ދިވެހި ބަހުން ޑަބްކޮށްގެން މިސީރިޒް ގެނެސްދޭ ފުރަތަމަ ފަހަރެވެ.
ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މިސީރިޒްގައި އުމަރުގެފާނު އިސްލާމްވުމުގެ ކުރީގެ ހާދިސާތަކުން ފެށިގެން ޝަހީދުކޮށްލުމާ ހަމައަށް ގެނެސްދީފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...