ރާއްޖޭގެ ޚަބަރު ރޯދަ މަހު ސަލްމާން މިސްކިތް ހުޅުވޭތޯ ބަލާނަން - ރައީސް

ރޯދަ މަހު ސަލްމާން މިސްކިތް ހުޅުވޭތޯ ބަލާނަން - ރައީސް

ސަލްމާން މިސްކިތް - ފޮޓޯ: ވަގުތު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސައުދީ ސަރުކާރާއި ގުޅިގެން މާލޭގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް ރޯދަ މަހު ބޭނުން ކުރަން ފަށަން މަޝްވަރާ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިބައްދަލުވުމުގައި ރައީސް ވިދާޅުވީ، ސަލްމާން މިސްކިތުގެ ހުރިހާ ކަމެއް ހުރީ ގާތްގަނޑަކަށް ނިމިފައި ކަމަށާއި މީގެ ކުރިން އެތަން ހުޅުވުން ނިންމާފައިވަނީ ސައުދީގެ އިސްބޭފުޅުން ވަޑައިގެން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކަމަށެވެ. ކޮވިޑް-19 އާއި ހެދި މިސްކިތް ލަސްވެގެން ދިޔަ ކަމަށާއި އެހެން ނަމަވެސް ކުރިއަށް މިއޮތް ރަމަޟާން މަހު އެތަން ހުޅުވުމާއި މެދު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަ ގެންދަން ނުރަސްމީކޮށްވެސް ކުރިއަށް މިއޮތް ރޯދަމަސް ތެރޭގައި އެތަނުގެ ބޭނުން ކުރެވޭނެ ގޮތްވޭތޯ މަޝްވަރާ ކުރެވެމުން އެބަދޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚަރަދުގައި މިސްކިތް އިމާރާތް ކުރި ނަމަވެސް، ސަރުކާރުގެ ބަޖެޓުންވެސް ބޮޑު ހަރަދެއް މިހާތަނަށް މިސްކިތް އިމާރާތް ކުރުމަށް ގޮސްފައިވާ ކަމަށެވެ.

ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާ ކޮށްފައިވާ "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް ކޮށްފައިވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއް ކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. މި މިސްކިތަކީ ކުރިން 6 ފަންގިފިލާއަކަށް އިމާރާތް ކުރަން ނިންމާފައިވާ މިސްކިތެކެވެ. އެހެން ނަމަވެސް މިހާރު މިސްކިތް އިމާރާތް ކޮށްފައިވަނީ 5 ފަންގިފިލާއަކަށެވެ.

ކިންގް ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާގައި ޖުމްލަ 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސް ރޫމާއި 5 ސެމިނާ ރޫމުގެ އިތުރުން އިސްލާމިކް ލައިބްރަރީއެއް ވަނީ ގާއިމު ކޮށްފައެވެ. 4 ވަނަ ފަންގިފިލާއަކީ ސެމިނާތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމެކެވެ. މިސްކިތުގެ 5 ވަނަ ފަންގިފިލާ ތަރައްޤީ ކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، އެހެނިހެން ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށް ހޯލެއްގެ ގޮތަށެވެ.

ޓެގް

މިސްކިތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.