ކޮލަމިސްޓް

ޙާފިޡުންގެ ބަގީޗާއިން އަލްޙާފިޡް މުޙައްމަދު ޝަފްޢާން ސުލައިމާން

މާފަންނު ހެޕީކޯނަރ މުޙައްމަދު ޝަފްޢާން ސުލައިމާން އަކީ ޢުމުރުން 15އަހަރުގައި ޙާފިޡްކަމުގެ ސަނަދު ޙާސިލް ކޮށްފައިވާ 21އަހަރުގެ ޒުވާނެކެވެ. މާފަންނު ހެޕީކޯނަރ މަރިޔަމް ޝަފާޒާ ޝަމީމްގެ ޝަފްޢާން   ޙާފިޒް ކަމުގެ ސަނަދު ޙާސިލް ކުރީ 2015ވަނަ އަހަރުއެވެ.

ޢުމުރުން 10އަހަރުގައި ޤުރުއާން ހިތުދަސް ކުރަން ފެށި ޝަފްޢާން ބުނާ ގޮތުގައި ޤުރުއާން ހިތުދަސް ކުރުމަށް ޝައުޤުވެރިކަން އުފެދުނީ އޭނާގެ އުސްތާޡެއް ކަމަށްވާ އުސްތާޡް އަޙްމަދު މުޖްތަބާ އެކަމަށް ހިތްވަރު ދެއްވުމުންނެވެ.

ޤުރުއާން ހިތުދަސް ކުރަމުން ދަނިކޮށް ޢާއިލީ މައްސަލަތަކެއް ދިމާވިއެވެ. މައިން ބަފައިންގެ ކައިވެނި ރޫޅި ޢާއިލީ މައްސަލަތަކެއް ދިމާވުމުން ޤުރުއާން ހިތުދަސް ކުރުން ހުއްޓާލިކަމަށް ޝަފްޢާން ބުނެއެވެ. އަދި އޭގެފަހުން މަންމަ އަލުން ކައިވެނިކޮށް ދޮންބައްޕަ ގަލޮޅު މެދުފަރު ޙުސެއިން ރަމީޒް ދެއްވި ހިތްވަރާއި އެކު އަލުން އެމަސައްކަތް ފަށައި 2އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައި ޙިފްޡުކޮށް ނިންމައިލައިފިއެވެ.

ޤުރުއާން ހިތުދަސް ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މަންމަފަރާތު މާމައާއި، މަންމައަދި ދޮންބައްޕަގެ ފަރާތުން ކަމަށް ޝަފްޢާން ފާހަގަ ކުރެއެވެ. ޤުރުއާން ހިތުދަސް ކުރަމުން ދިޔައީ މަދަރަސީ ދައުރުގައި ކަމުން ކިޔެވުމަށް ކޮންމެވެސް ވަރެއްގެ ދަތިކަމެއް ދިމާވިނަމަވެސް ޝަފްޢާން އަކީ ތަޢުލީމީ ގޮތުން ފާހަގަ ކުރެވިފައިވާ ޒުވާނެކެވެ. އިސްކަންދަރު ސްކޫލުން ޖީސީއީ އޯލެވެލް ޙާސިލް ކުރިއިރު ޖީސީއީ އޯލެވެލްގެ ގަދަ ދިހައެއްގެ ދެވަނައިގައި ހިމެނިފައިވެއެވެ. އަދި ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން އިން ޖީސީއީ އޭލެވެލް އަށް ކިޔަވައި ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނިފައިވާއިރު އެމަދަރުސާ ނިންމި އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރުކަންވެސް ޝަފްޢާން ހޯދައިފައިވެއެވެ.

ޤުރުއާން ހިތުދަސް ކުރެވުމަކީ ޙަޔާތުގައި ޙާސިލް ކުރެވުނު އެންމެ ބޮޑު ކާމިޔާބުކަމަށް ޝަފްޢާން ބުނެއެވެ.

މުސްތަޤްބަލުގައި ޤުރުއާންގެ ދާއިރާއިން ޙާސިލް ކުރަން ބޭނުން ވާކަމަކީ ކޮބައިތޯ ސުވާލުކުރުމުން ޝަފްޢާން ބުނީ ޤިރާއަތްތަށް ދަސްކުރުމަށް އުއްމިދުކުރާކަމަށެވެ. ފިނޭންސްގެ ދާއިރާ، ޕޮލިސީ އެކުލަވައި ލުމުގެ ދާއިރާއިން ނުވަތަ އުނގަންނައި ދިނުމުގެ ދާއިރާއިން މުސްތަޤަބަލުގައި ފެނިގެން ދާނެކަމަށް އަލްޙާފިޡް ޝަފްޢާން ބުނެއެވެ.

ޝަފްޢާން ޝުކުރު ދަންނަވާލަން ބޭނުންވަނީ ކާކަށްތޯ ސުވާލު ކުރުމުން ޝަފްޢާން ބުނީ އެންމެ ފުރަތަމަ ޝުކުރުވެރިވަނީ ﷲސުބްޙާނަހޫ ވަތަޢާލާއަށް ކަމަށެވެ. އަދި އެއަށްފަހު ޝަފްޢާންގެ މަންމަ ޝަފާޒާއަށެވެ. މާމައާއި ދޮންބައްޕަ އަދި ޝަފްޢާންގެ އަންހެންކޮއްކޮ މި ލިސްޓަށް އިތުރު ކުރިއެވެ. އެއަށް ފަހު ކާފަ އަދި އެންމެ ގާތް ދެއެކުވެރިންނާއި މުދައްރިސުންގެ ނަން ފާހަގަ ކުރިއެވެ.

ޤުރުއާން ކިޔެވުމުގެ ދާއިރާއިން ގިނަ ވަނަ ތަކެއް ޙާސިލް ކޮށްފައިވާ ޝަފްޢާންގެ ކާމިޔާބީތަށް ފާހަގަ ކޮށްލަން ޖެހެއެވެ. އެގޮތުން ފަލާޙް ޤުރުއާން މުބާރާތުން ހިތުން ކިޔުމުގެ ގޮފިން ޢުމުރުފުރައިގެ 5ވަނަ 2011ވަނަ އަހަރު ޙާސިލް ކުރިއެވެ. އަދި 2013ގައި ހަތަރުވަނަ 2014ގައި އެއްވަނަ ޙާސިލް ކޮށްފައިވެއެވެ. 2016ވަނަ އަހަރު ވެސް އެއްވަނަ އަދި 2017ގައި 2ވަނަ ޙާސިލްކޮށްފައިވެއެވެ.

އަދި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ހިތުން ކިޔުމުގެ ގޮފިން ޢުމުރުފުރާއިން 2011ވަނަ އަހަރު 2ވަނަ، 2012ވަނަ އަހަރު އެއްވަނަ އަދި 2014 ވަނަ އަހަރު އެއްވަނަ އަދި 2014ވަނަ އަހަރު މުޅި މުބާރާތުން އެއްވަނަ ޙާސިލް ކޮށްފައެވެއެވެ.

އަލްކައުން މުބާރާތުން ވެސް ހިތުން ކިޔުމުގެ ގޮފިން ޢުމުރުފުރާއިން 2017ވަނަ އަހަރު އެއްވަނަ އަދި މުޅި މުބާރާތުން އެއްވަނަ ހޯދައިފައިވެއެވެ. އަދި އިއުފަވި ޤުރުއާން މުބާރާތުން ހިތުން ކިޔުމުގެ ގޮފިން ޢުމުރުފުރާއިން، 2013ވަނަ އަހަރު އެއްވަނަ އަދި 2014ވަނަ އަހަރުވެސް އެއްވަނަ ޙާސިލް ކޮށްފައިވެއެވެ.

ޙިފްޡުކުރާ ކުދިންނަށް އަލްޙާފިޡް ޝަފްޢާން ބުނެލީ ހިތްވަރު ދެރަ ނުކުރުމަށެވެ. އަދި ޕޮޒިޓިވް ވިސްނުމެއް ގެންގުޅުމަށާއި ހުވަފެން ދެކި އެހުވަފެން ހަޤީޤަތަކަށް ހެދުމުގެ ޢަޒުމް ވަރުގަދަކޮށް އެކަން ޙާސިލް ކުރަން މަސައްކަތް ކުރުމަށެވެ. ދިރި އުޅުމުގައި ދަތިތަކާއި ތުރާތަކާއި ދިމާވިނަމަވެސް އެކަންކަމާއި ވެސް ހިތްވަރާއި އެކު ކުރިމަތިލުމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *