ރާއްޖޭގެ ޚަބަރު

ޠަލާލް އަލްޖެރީ ފައުންޑޭޝަންގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް މުޞްޙަފް ހަދިޔާ ކުރައްވައިފި

ޠަލާލް އަލްޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒަށް ދިހަ ހާސް މުޞްޙަފް ހަދިޔާކުރައްވައިފިއެވެ.

މި މުޞްޙަފް ތައް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އާ ޙަވާލުކުރެއްވީ އެކަމަށް ޚާއްޞަ ކުރެވިގެން އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ފައުންޑޭޝަންގެ ރައީސް ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދު އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް މިއަހަރުގެ ޖަނަވަރީމަހު ކުވޭތަށް ކުރެއްވި ދަތުރުފުޅުގައި މި ފައުންޑޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓް ޠަލާލް އަލްޖެރީ އާ ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ރާއްޖެއަށް ލިބިގެން ދިޔަ އެހީއެކެވެ.

ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަނަކީ ހިލޭ ސާބަހަށް އިންސާނީ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. އިސްލާމީ ތަޢުލީމާއި ތަރުބަވީ ތަޢުލީމު ފުޅާކުރުމަށް މުޖުތަމަޢަށް އެހީތެރިވުމަކީ ވެސް މި ޖަމްޢިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ޠަލާލް އަލް ޖެރީ އަކީ ކުވޭތުގައި ފުޅާ ދާއިރާއެއްގައި ތަޢުލީމު ފެތުރުމުގެ މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެގޮތުން ކުވޭތުގެ އެކި ސަރަޙައްދުތަކުގައި 20 ސްކޫލް ހިންގަމުންދާކަން ފާހަގަކުރެވެއެވެ. އޭގެތެރޭގައި އިންޓަރނޭޝަނަލް ސްކޫލްތައް ވެސް ހިމެނެއެވެ. ޠަލާލުގެ ނަމަށް ނިސްބަތްވާ "ޠަލާލް އަލްޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަން" އަކީ ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި ޠަލާލް އަލްޖެރީ އާ ގުޅިގެން ހިންގުމަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމްޢިއްޔާއެކެވެ.

ޠަލާލް އަލްޖެރީ އަކީ ކުވޭތުގެ ޗެމްބަރ އޮފް ކޮމާސްގެ މެމްބަރެކެވެ. މީގެއިތުރުން ޠަލާލަކީ ކުވޭތާއި ޢަރަބި ދުނިޔެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ތަޢުލީމު ފެތުރެއްވުމުގައާއި އެނޫންވެސް ކަންކަމުގައި ހިލޭސާބަހަށް ޠަލާލު އަލްޖެރީ ގެންދަވަނީ ފުޅާ ދާއިރާއެއްގައި ޚިދުމަތް ކުރައްވަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *