ކޮލަމިސްޓް

ޙާފިޡުންގެ ބަގީޗާއިން އަލްޙާފިޡު އަޙްމަދް ޒައުލް

އުމުރުން 15އަހަރުގެ އަޙްމަދު ޒައުލްއަކީ ދ ކުޑަހުވަދޫ ޝަބްނަމީގޭ ޢަބްދުﷲ ޙަލީލާއި ހަމަ އެރަށު އެދުރުގޭ ނާހިދާ އިބްރާހިމްގެ ދެދަރިންގެ ތެރެއިން ހަގު ދަރިފުޅެވެ. ޢުމުރުން 9އަހަރުގައި ޤުރުއާން ހިތުދަސް ކުރަންފެށި ޒައުލް ވަނީ މި2020ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ޙާފިޡް ކަމުގެ ސަނަދު ހާސިލް ކޮށްފައެވެ.
އަލްޙާފިޡް އަޙްމަދު ޒައުލް ކީރިތި ޤުރުއާން ހިތުދަސް ކުރަން ޝައުޤުވެރިކަން އުފެދުނީ އޭނާގެ ބޭބެ އަލްޙާފިޡްް މުޙައްމަދު ފިރުޒުލް 2011ވަނަ އަހަރު ޙާފިޡް ކަމުގެ ސަނަދު ޙާސިލް ކުރުމުން ކަމަށް ޒައުލް ބުނެއެވެ. ބޭބެ ނަމޫނާ އަކަށް ބަލައިގެން ޒައުލް ފެށި މަސައްކަތުން އެދެބެންގެ މައިންބަފައިންނަށް ވަނީ އުފާވެރިކަން ގެނެސްދީފައެވެ.
ވާހަކަ ދެއްކުމުގައި ދިމާވި އުނދަގޫތަކަކާއި ހެދި ހިތުދަސް ކުރަން ދަތިތަކެއް ދިމާވިކަމަށް ޒައުލް ބުނެއެވެ. ވާހަކަ ދައްކަން އުނގޫތަކެއް ހުރުމުގެ ސަބަބުން ޓީޗަރުން ވިދާޅުވެ އިރުޝާދު ދެއްވާ ގޮތަށް ދުލުގެ ހަރަކާތްތަށް ނުގެންގުޅެވުމުން ދަތި ކަމެއް ދިމާވިނަމަވެސް ހިތްވަރާއި އެކު ކުރި މަސައްކަތުން ޒައުލް ވަނީ 4އަހަރުގެ މަސައްކަތުން ހިތުދަސްކޮށް ނިންމައިލައިފައެވެ.
ޤުރުއާން ހިތުދަސްކުރަމުން ދިޔަ ދުވަސްވަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރަން ޖެހުނު ނަމަވެސް ޒައުލް ހިތްވަރު އެލުވައި ނުލައި ކުރި މަސައްކަތާއި ޒައުލްގެ ލޮބުވެތި މަންމަގެ ހިތްވަރާއި އެކު ޒައުލް ވަނީ އެބުރަ މަސައްކަތް ނިންމާލައިފައެވެ.
ޤުރުއާން ހިތުދަސް ކުރަމުން ދިޔައިރު އެންމެ ބޮޑު އެހީތެރި ކަމެއް ލިބުނީ ޒައުލްގެ މަންމަގެ ފަރާތުންކަމަށް ޒައުލް ބުނެއެވެ. އަލްޙާފިޡް އަޙްމަދު ޒައުލް އޭނާ ޙާފިޡަކަށް ހެދުމަށް އޭނާގެ މަންމަ ކޮށްދެއްވި ބުރަ މަސައްކަތަށް ޝުކުރުވެރިވަނީ ހިތުގެ އެންމެ ފުންމިނުންނެވެ. އަދި ކިޔަވައި ދެއްވި މުދައްރިސުންނާއި އޭނާގެ ބޭބެ އަލްޙާފިޡް މުޙައްމަދު ފިރުޒުލް އަށް ޙާއްސަ ޝުކުރެއް އަދާ ކުރާކަމަށް ޒައުލް ބުނެއެވެ.
މުސްތަޤަބަލުގައި މިލިޓަރީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒައުލް އަކީ ޤުރުއާން މުބާރާތް ތަކުން ފާހަގަ ކޮށްލެވޭ ވަނަތަކެއް ޙާސިލް ކޮށްފައިވާ ކުއްޖެކެވެ. އެގޮތުން ޕްރީސްކޫލްގައި ކިޔެވި ދުވަސްވަރު ދ އަތޮޅު މުބާރާތުން ދެއަހަރު އެއްވަނަ ޙާސިލް ކޮށްފައިވެއެވެ. އަދި ޤައުމީ މުބާރާތުންވެސް 6އަހަރާއި 7އަހަރާއި ދެމެދުގެ ޢުމުރު ފުރާއިން އެއްވަނަ ޙާސިލް ކޮށްފައިވެއެވެ.

ޙާފިޡަކަށް ވެވުމުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިނު ކަމުގެ އިޙްސާސު ކުރެވުނު ކަމަށް ޒައުލް ބުނޭ

މިހާރު އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް9ގައި ތަޢުލީމު ޙާސިލް ކުރަމުންދާ ޒައުލް އަކީ ކިޔެވުމުގެ އިތުރުން ސްކައުޓް ޙަރަކާތް ތަކުގައިވެސް ބައިވެރި ވަމުން އަންނަ ކުއްޖެކެވެ. ރާއްޖޭގެ ސްކައުޓުންގެ ތެރެއިން އެންމެ ފުރަތަމަ ޤުރުއާން ހިތުދަސް ކުރީ ޒައުލްގެ ބޭބެ އަލްޙާފިޒް މުޙައްމަދު ފިރުޒުލްއެވެ. އަދި ދެވަނަ އަށް މިޝަރަފު ޙާސިލް ކޮށްފައިވަނީ ޒައުލްއެވެ.

ޙާފިޡަކަށް ވެވުމުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިނު ކަމުގެ އިޙްސާސު ކުރެވުނު ކަމަށް ޒައުލް ބުނެއެވެ. އަދި އެކަމުގެ ސަބަބުން ކިޔެވުމަށްވެސް ފަސޭހަ ތަކެއް ވެގެން ދިޔަކަމަށް ޒައުލް ބުނެއެވެ. ޤުރުއާން ހިތުދަސް ކުރާ ކުދިންނަށް އަލްޙާފިޡް އަޙްމަދު ޒައުލް ދިން ނަސޭޙަތަކީ ކޮންމެކުއްޖަކުވެސް ހިތްވަރާއި އެކު މިކަން ކޮށްލުމަށާއި، އަބަދުވެސް މިކަން ވާނެކަމަށް އުންމީދު ކޮށްގެން ވަކި ޓާގެޓެއް ކަނޑައަޅައިގެން މިކަން ކުރުމެވެ. އަދި ހިތްވަރާއި އެކު މަސައްކަތް ކުރަނީނަމަ އިންޝާ ﷲ ކާމިޔާބުވާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *