ރާއްޖޭގެ ޚަބަރު

މުދަލު ޒަކާތަށް އިހުމާލު ވުމަކީ އާޚިރަތުގައި ތިމާގެ ހަލާކު: ހުކުރު ޚުޠުބާ

Mudhalu Zakathah Ihumaalu Vumaky Akhirathuga Thimaage Halaaku: Hukuru Khutbah
Photo: One

މުދަލު ޒަކާތަށް އިހުމާލު ވުމަކީ އާޚިރަތުގައި ތިމާގެ ހަލާކުކަމަށް ހުކުރު ޚުޠުބާގައި ފާހަގަ ކުރައްވައިފިއެވެ.

މިދިޔަ ފެބްރިއަރީ މަހުގެ 28 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި އޮތް ހުކުރު ޚުޠުބާގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ޒަކާތް ދިނުމަކީ އިސްލާމްކަމުގެ ފަސް ރުކުނުގެ ތެރެއިން ވާ ކަމެކެވެ. އަދި ޒަކާތް ދިނުމަށް އިންކާރު ކުރުމަކީ ތިމާގެ އިސްލާމްކަން ނެތިގެންދާ ފަދަ ކަމެއް ކަމުގައިވެސް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

އިމާމް އިތުރަށް ވާހަކަފުޅު ދައްކަވަމުން ފާހަގަ ކުރައްވާފައިވާ ގޮތުގައި މުދަލަކީ އިންސާނުންގެ ހިތުގައި އެއަށް ގަދަވެގެންވާ ލޯތްބެއް އޮންނަ އެއްޗެކެވެ. އަދި އެއީ ފިޠުރީ އަދި ޠަބީޢީ ކަމެއްކަމުގައިވުން، މުދަލަށް ކުރާ ލޯބީގައި ތިންކަމަކަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ. އެއީ މުދަލަކީ ﷲތައާލާގެ މިލްކެއްކަން ގަބޫލުކުރުމާއި، މުދަލަކީ އަމާނާތެއްކަމުގައި ގަބޫލުކުރުން އަދި ހައްގުވެރި ބަޔަކު ވާކަމަށް ގަބޫލުކުރުމެވެ.

މީގެ އިތުރުން ޝަހާދަތުގެ ދެކަލިމަ ހިތުން ތެދުކޮށް ޤަބޫލު ކުރުމާއެކު، ނަމާދު ކުރުން، ރަމަޟާން މަހުގެ ރޯދަ ހިފުން އަދި ހައްޖުގެ އަޅުކަމަށް އެންމެންވެސް އަހައްމިއްޔަތުކަން ދޭ އިރު ޒަކާތުގެ އަޅުކަމަށް މުސްލިމު އަހުންނާއި އުހުތުން ފަރުވާ ކުޑަކުރާ ކަމަށް ޚުޠުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި ބައެއް ފަހަރު މުދަލަކީ ނުރައްކާތެރި ފިތުނައެއް ކަމަށާއި، ކުރިމަތިވެފައިވާ ބޮޑު އިމްތިޙާނެއް ކަމުގައްޔާއި، މާތް ﷲ އަހަރެމެންނަށް ދެއްވި މުދަލަށާއި ރިޒްޤަށް ޝުކުރުވެރިވުމަށް ގޮވާލައްވާފައިވެއެވެ.

ހަމައެފަދައިން މުދަލު ޒަކާތައް އިހުމާލިވުމަކީ ތިމާގެ މުދަލުގެ ބަރަކާތް ކެނޑި، މުދަލަކީ ވަބާއެއްކަމުގައި ވާ އެއްޗެއް ކަމަށާއި، އެއީ ޤިޔާމަތް ދުވަހު ގަދަފަދަ، ވޭންދެނިވި ޢަޛާބަށް ހުށަހެޅޭނެ ކަމެއް ކަމުގައި ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ކީރިތި ޤުރުއާނުގައި ޒަކާތަކީ ނަމާދާއެކު ވިދިގެން ބަޔާންކޮށްފައިވާ އަޅުކަމެއް ކަމަށް ޚުޠުބާގައި އަޑުއިވިގެންދިޔައެވެ. އަދި ނަމާދަށް އީމާންވެ ނަމާދު ކުރަމުން މުދަލުން ޒަކާތް ނުނެރޭނަމަ، ނުވަތަ ނަމާދު ކުރަމުން ޒަކާތަށް އިހުމާލު ވެވޭނަމަ، ތިމާގެ އިސްލާމްކަން ފުރި ހަމަ ނުވާނެ ކަމަށާއި، މިހެންކަމުން ޒަކާތުގެ މުހިއްމުކަމާއި، ޒަކާތް އަދާކުރުމަށް ކުރަން ހުރި ކަންކަން އޮޅުންފިލުވާ، ލަސްނުކޮށް ޒަކާތް ނެރުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވެ ވަޑައިގެންފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *