ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ (އައިޔޫއެމް) އާއި ޣައްޒާގެ އިސްލާމިކް ޔުނިވާރސިޓީ (އައިޔޫޖީ) އާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއި ކުރެވިއްޖެއެވެ.
މިދިޔަ އޯގަސްޓު މަހުގެ 23 ވަނަ ދުވަހު އައިޔޫއެމްގެ ރަސްމީ ފޭސްބުކް ޞަފްޙާގައި ކުރައްވާފައިވާ ޕޯސްޓޭއްގައި ވިދާޅުވެފައިވާ ގޮތުގައި މިއެމްއޯޔޫގެ ސަބަބުން މިދެޔުނިވާރސިޓީއިން ހޯދިފައިވާ ތަޖުރިބާ ބަދަލު ކުރުމާއި، ފޯރަމުތަކާއި، ކޮންފަރެންސްތަކާއި، ސެމިނަރތަކުގައި ބައިވެރިވުމާއި، ޢިލްމުވެރިންނާއި ކަމާއި މިނޫނަސް އެތަކެއް ޢިލްމީ އަދި ދިރާސީ ފައިދާ ކުރާ ފަދަ ޙަރަކާތްތައް ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ.
ޣައްޒާ ޔުނިވާރސިޓީގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، މިއެމްއޯޔޫގެ އެއްބަސްވުމުގައި ދިވެހި ރާއްޖޭގެ އައިޔޫއެމްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އައިޔޫއެމްގެ މުދީރުލް ޖާމިޢާ (ވައިސް ޗާންސެލާ) ޑރ އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. އަދި ޣައްޒާގެ އައިޔޫޖީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ރައީސުލް ޖާމިޢާ (ޕްރެޒިޑެންޓް އޮފް އައިޔޫޖީ) (ޕްރޮފެސަރ) އަލްއުސްތާޛު އައްދުކްތޫރު ނާޞިރު ފަރްޙަތެވެ.
ޒޫމް މެދިވެރިކޮށް އޮންލައިންކޮށް ބޭއްވުނު މިބައްދަލުވުމުގައި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގެ ފަރާތުން ބައިވެރވެލައްވާފައިވަނީ އައިޔޫއެމްގެ ޑެޕިޔުޓީ ވައިސް ޗާންސެލާ (ރީސާޗް އެންޑް އިނުވޭޝަން) ޑރ ދީބާ މޫސާ އާއި، ޑެޕިޔުޓީ ވައިސް ޗާންސެލާ (އެކަޑަމިކް އެފެއާޒް) ޑރ ސަޢުދު ﷲ ޢަލީއާއި، ރެޖިސްޓްރާ އުސްތާޛު އަޙްމަދު ރައޫފު ޢަބްދު ﷲ އާއި، ސީނިޔަރ ލެކްޗަރަރ ޑރ ޙަސަން އަލްކުރްދީއެވެ.
އެޔުނިވާރސިޓީގެ ފަރާތުން މިއެމްއޯޔޫގައި ސޮއި ކުރައްވާފައިވަނީ ޔުނިވރސިޓީގެ ޝުއޫނުލް އިދާރިއްޔާގެ ނާއިބު ރައީސް އައްދުކްތޫރު އަޙްމަދު މުޙައިސިނާއި، ޝުއޫނުލް އަކާދީމިއްޔާ (އެކަޑަމިކް އެފެއާޒް)ގެ ނާއިބު ރައީސް (ޕްރޮފެސަރ) އަލްއުސްތާޛު އައްދުކްތޫރު ޢަލަޔާން އަލްޙައުލީއާއި، އެކްސްޓާނަލް އެފެއާޒްގެ ޢަމީދު (ޑީން) އައްދުކްތޫރު (ޕްރޮފެސަރް) ޚާލިޤު އަލްޙައްލާޤާއި، ޝުއޫނުލް އަކާދީމިއްޔާގެ މުސާޢިދު ނައިބު ރައީސް، (އެސިސްޓަންޓު ވައިސް ޕްރެޒިޑެންޓު) އަލްއުސްތާޛު އައްދުކްތޫރު ޢަބްދުއްރައޫފާއި، ޢިމާދަތު ޝުއޫނިލް ޚާރިޖިއްޔާގެ މުހަންދިސާ، އަމާނީ އަލްމުޤާދަމާ އާއި، ދުކްތޫރު ހިޝާމު މާޟީއެވެ. އަދި މީގެ އިތުރުން އެޔުނިވާރސިޓީގެ ބޯޑް އޮފް ޓްރަސްޓީޒްގެ ޗެއާމަން ޕްރޮފެސަރ ނާޞިރު އަލްމަޒާއިނީވެސް މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.


ކޮމެންޓް (0)
ލޯޑް ކުރަމުން...