ރާއްޖޭގެ ޚަބަރު

ކަލްޗަރަލް މުޢާހަދާގައި ބައިވެރި ނުވުމަށް ޢިލްމުވެރިން ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވައިފި

Cultural Muaahadhaiga Baiveri Nuvumah Ilmverin Raeesah Dhannavaifi

ކަލްޗަރަލް މުޢާހަދާގައި ބައިވެރި ނުވުމަށް ޢިލްމުވެރިން ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވައިފިއެވެ.

ޢިލްމުވެރިންގެ ގުޅުމުގެ ރަސްމީ މީސްމީޑިޔާ ޞަފްޙާތަކުގައި ޢާއްމުކުރެވިފައިވާ މިސިޓީގައި ޢިލްމުވެރިންގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ އުނިވާރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސަޓްޑީޒްގެ ޑީން އައްޝައިޚު ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމާއި، ޖަމްޢިއްޔަތުއް ސަލަފުގެ ރައީސް އައްޝައިޚު ޢަބްދު ﷲ މުޙައްމަދާއި، އައްޝައިޚު ނިމާލު މުޙައްމަދާއި، އައްޝައިޚު އިބްރާހީމު ފަރީދުގެ އިތުރުން ޑރ ޢިޔާޟެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދި އިންޓަނޭޝަނަލް ކޮވްނަންޓު އޮފް އިކޮނޮމިކް، ސޯޝަލު، އެންޑް ކަލްޗަރަލް ރައިޓްސް (އޯޕީ.އައި.ސީ.އީ.އެސް.ސީ.އާރު) އަކީ މިއަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ވަޒީރުންގެ މަޖްލީހުން ބައިވެރިވާން ނިންމާ، ރުހުން ދިނުމަށްފަހު ރައްޔިތުންގެ މަޖްލިހަށް ފާސްކޮށްދިނުމަށް އެދި ފޮނުވާފައިވާ މުޢާހަދާއެކެވެ.

އިންސާނީ އަދި ޘަޤާފީ ޙައްޤުތައް ރައްކާތެރިކުރުމުގެ ނަމުގައި އުފެއްދިފައިވާ މިބައިނަލްއަޤްވާމީ މުޢާހަދާއަކީ އިޚްތިޔާރީ މުޢާހަދާއެކެވެ. މިގޮތުން ޢިލްމުވެރިން ފޮނުއްވާފައިވާ މިސިޓީގައި ވިދާޅުވެފައިވާ ގޮތުގައި މިމުޢާހަދާ ތަޞްދީޤުކުރުމަކީ އޭގެ ނުރައްކާތެރިކަން ކުރިމަތިވެދާނެ ކަމެއްކަމަށް އެބޭފުޅުން ދެކިލައްވާ ކަމަށާއި، އެމުޢާހަދާ ތަޞްދީޤު ކުރުމާއި ވިދިގެން ނިކުންނާނޭ މާލީ، ޤާނޫނީ، ދެޖިންސުގެ ހަމަހަމަކަން، އަދި ތިމާވެށީގެ އަޘަރުތައް ދިރާސާ ކުރެވިފައިވާއިރު، ދީނީ ގޮތުން ކޮށްފާނޭ އެއްވެސް އަޘަރަކާއިމެދު ކަމާބެހޭ ފަރާތްތަކުގެ ލަފައެއް ހޯއްދަވާފައިނުވެއެވެ. އަދި ހަމަ މިފަދައިން އެކަމުން ދިވެހިންގެ ޢަޤީދާއަށް ކޮށްފާނޭ ނޭދެވޭ އަޘަރަތަކަށްވެސް ބަލާލެވިފައިނުވާކަން މިސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ.

މިސިޓީގައި އިތުރަށް ފާހަގަ ކުރައްވާފައިވާ ގޮތުގައި، ޢިލްމުވެރިން ބެއްލެވި ބެއްލެވުމުގައި، އިސްލާމީ އެކި ޤައުމުތަކުން މި އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރ. ތަޞްދީޤު ކުރުމަށް ދަނީ އިންކާރު ކުރަމުންނެވެ. ހަމައެއާއިއެކު، މިއީ އިޚްތިޔާރީ މުޢާހަދާއެއްކަމުން، ކޮންމެހެން އޭގައި ބައިވެރުވުމުގެ ބޭނުމެއް، ނުވަތަ އެއަށް ޢަމަލުކުރުމުގެ މަޖުބޫރުކަމެއް، އަދި ރައްޔިތުންގެ މަޞްލަޙަތެއްވެސް އޭގައި ނެތް ކަމަށް ފާހަގަވެފައިވާތީ، އެފަދަ ޕްރޮޓޮކޯލަކަށް ޢަމަލުކުރުން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މައްޗަށް ލާޒިމުކޮށްގަތުމަކީ ރަނގަޅު ކަމެއްކަމަކަށް ދެންނެވޭނެ އެއްވެސް ހަމައެއް ފެންނާކަށް ނެތް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަދި އެ މުޢާހަދާގައި ސޮއިކޮށްފި ނަމަ، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ދެމި އޮތް އިސްލާމީ އުޞޫލުތަކަށާއި، ދިވެހި ޤައުމުގައި އޮތް ރިވެތި ހަރުދަނާ އިސްލާމީ ޘަޤާފަތަށް ވެސް ބޮޑެތި ނުރައްކާތަކެއް ކުރިމަތި ކުރުމަށް ބޭނުންކުރެވިދާނެ ނުރައްކާތެރި ހަތިޔާރަކަށް މި ޕްރޮޓޮކޯލް ހެދުމުގެ ފުރުސަތު އޮތްކަމަށާއި، ޝިރުކުގެ ނާމާންކަން އެންމެހާ އިސްލާމީ ބިންތަކުގެ ތެރެއަށް ވައްދަން މަސައްކަތް ކުރަމުން އަންނަ މީހުންނަށް މި ދިވެހިރާއްޖޭގައި ވެސް ފައްޅިތަކާއި ބުދުކޯލުތައް އެޅުމަށް ދެވޭ ދަޢުވަތެއް ކަމުގައި ވެގެން ދިއުމުގެ ބިރު އޮތްކަމަށް ވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ. އަދި މާތް ނަބިއްޔާ ޞާއްލަ ﷲ ޢަލައިހި ވަސައްލަމަގެ މުޅި ޙަޔާތްޕުޅު ހޭދަކުރައްވާފައިވަނީ ޝިރުކުގެ ނާމާންކަމުން އުއްމަތް ސަލާމަތްކުރެއްވުމަށްކަމަށްވެސް މިސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ.

މީގެ ކުރިންވެސް، ގިނަ މަދަނީ ޖަމްޢިއްޔާތަކަކުން އުފެދިފައިވާ ރައްޔިތުންގެ އިއްތިޙާދުންވެސް ވަނީ މިމުޢާހަދާގައި ބައިވެރިވާން ވޯޓު ނުލައި މަޑުޖައްސާލުމަށް އެދި ރައްޔިތުންގެ މަޖްލިހަށް ސިޓީ ފޮނުއްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *