އެއްބައިވަންތަކަމުގެ ކިއްލާ ފުޑުފުޑު ވެގެން ދާނެ އެންމެހާ ކަންކަން އިސްލާމް ދީނުގައި ވަނީ ޙަރާމް ކުރައްވާފައި ކަމަށް އައްޝައިޚް އިބްރާހީމް ރާފިޢު ވިދާޅުވެއްޖެއެވެ.
ޝެއިޚް ރާފިޢު މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ އައްނިދާއުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަަމަ ޙަދީޘް ކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ރަސޫލާ ދެ ޤަބުރެއްގެ ކައިރިން ވަޑައިގެންނެވިއެވެ. އެހިނދު އެތަނުން ވަޑައިގަންނަވަމުން އެ ދެޤަބުރަށް އިޝާރާތް ކުރައްވައި ޙަދީޘް ކުރައްވަނީ މި ދެޤަބުރަށް ޢަޛާބު ދެވެމުން އެބަ ދެއެވެ. އެމީހުންނަށް އެސަޒާ ލިބެމުން އެދަނީ އެމީހުން ދެކެފައިވާ ގޮތުގައި މާ ބޮޑު ކަމަކު ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ﷲ ގެ ޙަޟްރަތުގައި އެއީ ވަރަށް ބޮޑުވެގެންވާ ފާފައެކެވެ. އާދެ އޭގެ ތެރެއިން އެކަކަކީ ދެބައޮޑުވަމުން ހިނގާ މީހެކެވެ. ދެވަނަ މީހަކީ އެއީ އޭނާ ފާހަނަ ކުރާއިރު އޭނާގެ ގަޔަށް އެބުރާ ތަކެތިން ރައްކާތެރި ނުވާ މީހާއެވެ.
މީގެ އިތުރުން ޝެއިޚް ވިދާޅުވެފައިވަނީ ދެބައޮޑުވުމަކީ ކޮންމެހެން އެކެއްގެ ވާހަކަ އަނެކެއްގެ ގާތަށް ގޮސް އަނެއްކާ އެމީހާގެ ވާހަކަ ހިފައިގެން އަނެކެއްގެ ގާތަށް ދިއުން އެކަންޏެއް ނޫން ކަމުގައެވެ. އަދި މީހަކު ވާހަކައެއް ދައްކާފިނަމަ އޭގެ ސަބަބުން އެކުވެރިކަމަށް ބުރު އަރާނަމަ، މީހުންގެ މެދުގައި އޮންނަ ލޯތްބާއި ގުޅުމަށް ބުރު އަރާނަމަ އެކަން ވާނީ ދެބައޮޑުވުމުގެ ތެރެއިންނެވެ. އަދި މިއީ މިހުންގެ ޙައްޤާވެސް ގުޅިފައިވާ ކަމެކެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންނަކީ ވެސް މިފަދަ އެންމެހާ ފާފަތަކުން ސަލާމަތްވެ އަޅުގަނޑުމެންގެ ހިތް ސާފުކޮށް ބެހެއްޓުމަށް މަސައްކަތް ކުރާ ބައެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރެއްވިއެވެ.
ޚިޔާލު