އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު، ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ (އައިޔޫއެމް) ގެ ވައިސް ޗާންސެލަރ އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، އެޔުނިވާރސިޓީގެ އިސް ބޭފުޅުންނަށް ބައްދަލު ކުރައްވައިފިއެވެ.
މިދިޔަ ހޯމަ ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވުނު މިބައްދަލުވުމަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ލަރނިންގ ސެންޓަރއެއް ޤާއިމުކުރުމާ ބެހޭގޮތުންނާއި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މަސައްކަތްތަކާ ބެހޭގޮތުންނާ އަދި ކިންގ ސަލްމާން މިސްކިތުގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެބޭފުޅުން ބާއްވަވާފއިވާ ބައްދަލުވުމެކެވެ.
މިގޮތުން އައިޔޫއެމްގެ ވައިސް ޗާންސެލާ ޑރ އިބްރާހީމް ޒަކަރިއްޔާ މޫސާގެ ވާހަކަފުޅުގައި އިސްލާމީ ޔުނިވާރސިޓީގެ މަސައްކަތް ފުޅާކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަވާކަން ފާހަގަ ކުރައްވާފައިވެއެވެ. މިގޮތުން ރ.އުނގޫފާރުގެ އިސްލާމީ މަރުކަޒުގައި ލާރނިން ސެންޓަރެއް ޤާއިމްކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، މިކަމުން އަތޮޅުތަކުގައި ތިބޭ ދަރިވަރުންނަށް ޢިލްމު ފޯރުކޮށްދިނުމަށް އިތުރު މަގެއް ފަހިވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ޑރ އަޙްމަދު ޒާހިރު މިބައްދަލުވުމުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީއާއި މިނިސްޓްރީގެ މުވައްޒަފުންގެ ކުރިއެރުމަށް އިސްލާމީ ޔުނިވަރސިޓީ އަކީ ވަރަށް މުހިއްމު ތަނެކެވެ. އަދި ހަމަ މިއާއި އެކު އިމާމުން ތަމްރީނު ކުރުމުގައި ޔުނިވާރސިޓީގެ އެހީތެރިކަން ބޭނުންވެ ވަޑައިގެންފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި އައިޔޫއެމުން މިނިސްޓްރީ އަށް ދެއްވަވާ އެއްބާރުލުން ފާހަގަ ކުރައްވާ، އެކަމަށް ޝުކުރު އަދާ ކުރައްވާފައިވެސް ވެއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވާ ކަންކަމަށް ބައްލަވާލައްވާ، ޑރ ޒަކަރިއްޔާ ވިދާޅުވެފައިވާ ގޮތުގައި އިމާމުން ޑިގްރީ ފެންވަރަށް އައިޔޫއެމްގައި ކިޔަވައިދިނުމަށް ހަމަޖައްސަންޖެހޭ މަސައްކަތަކުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިފަދަ ތަމްރީނުތަކަށް އައިޔޫއެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވައިސް ޗާންސެލާ، މިނިސްޓަރަށް ވަނީ އަރުވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...