ދިވެހި ރާއްޖޭގެ 30 މަދަނީ ޖަމްޢިއްޔާއަކުން އުތެމައަށް ފިޔަވަޅު އަޅާދެއްވުމަށް ގޮވާލައްވާ ބަޔާނެއް ނެރުއްވައިފިއެވެ.
މިޖަމްޢިއްޔާތަކުން މިފަދައިން ގޮވާލައްވާފައިވަނީ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އުތެމަ ޖަމްޢިއްޔާއިން ނެރެފައިވާ ބަޔާނަށް އުތެމަ ޖަމްޢިއްޔާއިން ތާއީދުކޮށް، އަދި، އެކަން ބަލައިގަނެ އިތުރު ރިޕޯޓެއް ތައްޔާރުކޮށްފައިވާތީ މިކަމާއި ގުޅިގެންނެވެ.
މިބަޔާނުގައި އެބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށާއި، މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ފުރައްސާރަކޮށްފައިވާ ކަން، ދީނީ ޢިލްމުވެރިންގެ ބަސްފުޅުންނާއި، އަދި ފުލުހުންގެ ރިޕޯޓުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އަދި އެޖަމްޢިއްޔާއާއި އިދިކޮޅަށް ރާއްޖޭގެ ގިނަ ރައްޔިތުންނާއި، ކައުންސިލްތަކުންނާއި، އަދި ޖަމްޢިއްޔާތަކުން އަޑު އުފުއްލެވުމުން 19 ޑިސެމްބަރުގައި ވަނީ އެޖްމޢިއްޔާ އުވާލެވިފައެވެ. އެހެނަސް، ޖެނީވާގައި އޮންނަ ސިޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމުގައި، އުތެމައިންވަނީ އެމްޑީއެންގެ ރިޕޯޓު ބަލައިގަތުމަށް ގޮވާލާފައިވާކަން އެބޭފުޅުން ފާހަގަ ކުރައްވާފައިވެއެވެ.
މީގެ އިތުރުން އެބޭފުޅުން ފާހަގަ ކުރައްވާފައިވާ ގޮތުގައި އުތެމައާއި، އެމްޑީއެން އާއި، ފަރަންސޭސި ވިލާތުގެ އެފް.އައި.ޑީ.އެޗް (ނުވަތަ އިންޓަނޭޝަނަލް ފެޑެރޭޝަން ފޮރ ހިޔުމަން ރައިޓްސް) ކިޔާ މަދަނީ ޖަމްޢިއްޔާއެއް ގުޅިގެން 03 އޮކްޓޯބަރ 2019 ގައި ތައްޔާރުކޮށްފައިވާ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާއި ބެހޭ ރިޕޯޓުގައި ވަނީ ދިވެހިރާއްޖޭގައި ފައްޅި އެޅުމަށާއި ޣައިރު ދީންތަކަށް ފުރުޞަތު ދިނުމަށާއި، ޒިނޭކުރުމުގެ ޙައްދު ޤާނޫނީ ޢުޤޫބާތުން އުނިކުރުމަށާއި ކުށްތަކަށް މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގައި ”ޖިންސީ ގުޅުންތައް“ އެއްވެސް ހުރަހެއް ނެތި ހިންގުމާއި އެފަދަ ކަންތައްތައް ކުރާ މީހުންނަށް ޤާނޫނީ ރައްކާތެރިކަން ދިނުމަށްވެސްވަނީ ގޮވާލާފައެވެ.
"މިއީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވައިދުތަކަށް ގޮންޖަހާ ދިވެހި ދަޢުލަތުގެ ހަމައެކަނި ދީންކަމަށްވާ އިސްލާމްދީނަށް ކޮށްފައިވާ ފުރައްސާރައެއްކަމަށް އަޅުގަނޑުމެން ދެކެމެވެ. އަދި މިފަދަ ޢަމަލުތައް މިފަސްގަނޑުގައި ހިންގިގެން ވާނެކަމަށް އަޅުގަނޑުމެން ނުދެކެމެވެ. އަދި މިގޮތަށް ތަކުރާރުކޮށް އެކި ފާޑުފާޑު ރިޕޯޓުތަކުގެ ނަމުގައި އިސްލާމްދީނާއި އެދީނުގެ ޙުކުމްތަކަށް ފާޑުކިޔުމަކީ މުޖުތަމަޢުގައި ނަފުރަތު އުފެއްދުމުގެ ޢަމަލެއް ކަމާއިމެދު އަޅުގަނޑުމެން ޝައްކެތް ނުކުރަމެވެ." އެބޭފުޅުން ވިދާޅުވެފައިވެއެވެ.
އުތެމައިގެ ދީނާއި ޚިލާފު ރިޕޯޓު ތަޙްޤީޤު ކުރެއްވުމަށް ގޮވާލައްވާ، މިބަޔާން ނެރުއްވުމުގައި ޙަރަކާތްތެރި ވެވަޑައިގެންފައިވަނީ އަންނަނިވި ޖަމާޢަތްތެކެވެ.
- އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނެސް (އަސާ) / ހއ. އުލިގަމު
- ޖަމްޢިއްޔަތު ރިސާލާ / ހދ. ނޮޅިވަރަން
- ކެތި އަރާ / ހދ. ހަނިމާދޫ
- ސާއްބަ އެކުވެރި ކްލަބު / ހދ. ހަނިމާދޫ
- ހޮޅުދޫ އިސްލާމިކް މޫވްމަންޓް / ނ. ހޮޅުދޫ
- ސްމާރޓް ސޮސައިޓީ / ނ. މަނަދޫ
- ނިދާއުލްއިސްލާމް / ނ. ފޮއްދޫ
- ޔުނައިޓެޑް ފޮރ މައި މީދޫ ޔޫތު ޑިވެލޮޕްމަންޓް (އުއްމީދު) / ރ. މީދޫ
- މީދޫ ޖަމްޢިއްޔަތުއްޞަލާޙް / ރ. މީދޫ
- މީދޫ އެކުވެރި ކްލަބު / ރ. މީދޫ
- ލެންޓަރން / ރ. ހުޅުދުއްފާރު
- މާސް އެމަލްގެމޭޝަން އެވެއަރނެސް އެންޑް ޑިވެލޮޕްމަންޓް (މާޑު އެސޯސިއޭޝަން) / ޅ. އޮޅުވެލިފުށި
- ގެދަރިންގ އޮޅުވެލިފުށި އޯލް ލިންކިންގ ސޮސައިޓީ / ޅ. އޮޅުވެލިފުށި
- ތުލުސްދޫ ޒުވާނުންގެ ރޫޙް / ކ. ތުލުސްދޫ
- ޖަމްޢިއްޔަތުލް މަދަދު / އއ. މަތިވެރި
ކޮމެންޓް (0)
ލޯޑް ކުރަމުން...