ރާއްޖޭގެ ޚަބަރު ރައްޔިތުންގެ މަޖިލިހަށް އިސްރާއީލުގެ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ގޮވާލައްވާ ޤަރާރެއް

ރައްޔިތުންގެ މަޖިލިހަށް އިސްރާއީލުގެ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ގޮވާލައްވާ ޤަރާރެއް

Rayyithunge Majlihah Israelge Laainsaany Amaluthah Huttuvumah Govaala Qaraareh

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީނުގެ ބިންތަކުގައި، ފަލަސްޠީނުގެ ރައްޔިތުންނާއި އިދިކޮޅަށް އިސްރާއީލުން ކުރަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް އެއަނިޔާތައް ހުއްޓާލުމަށް ގޮވާލައްވާ ޤަރާރެއް ރައްޔިތުންގެ މަޖްލިހަށް ހުށައަޅުއްވައިފިއެވެ.

މިޤަރާރު ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ވިލިނގިލީ ދާއިރާގެ މެންބަރު އަލްފާޟިލް ސަޢުދު ޙުސައިންނެވެ.

މިޤަރާރުގައި ފާހަގަކުރައްވާފައިވާ ގޮތުގައި އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްޠީނުގެ ރައްޔިތުންނާއިމެދު ހިންގާ ލާއިންސާނީ ޢަމަލުތައް ތަކުރާރުވަމުން ދިއުމަކީ އިންސާނީ ކަރާމަތާއި، އިންސާނީ ޝަރަފް ނަގާލުމުގެ ޢަަމަލެކެވެ. އަދި ހަމަ އެފަދައިން މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ކަނޑައެޅިގެން ޚިލާފް އަމަލުތަކެއްކަމުން، އެޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލުމަކީ އިސްރާއިލުގެ އަނިޔާވެރި ޢަމަލުތަށް ހުއްޓުވުމަށް ކުރެވޭނެ މަސައްކަތެއްކަމުގައިވެސް އެ ޤަރާރުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މެންބަރު ސަޢުދު ޙުސައިން ފާހަގަ ކުރައްވާފައިވާ ގޮތުގައި 1967 ވަނަ އަހަރު ކަނޑައެޅިފައިވާ ފަލަސްޠީނުގެ ސަރަޙައްދީ އިމުގެ ތެރޭގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރެއެވެ. އަދި އިސްރާއީލުން އިތުރު ބިންތައް ފޭރިގަނެ، އެބިންތަކަށް ވެރިވުމަކީ ފަލަސްޠީނާއި އިސްރާއީލު ސުލްޙަވެ ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށްވެސް ފާހަގަ ކުރައްވާފައިވެއެވެ.

މިޤަރާރުގައިވާ ގޮތުން އިސްރާއީލުން އދ ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކަށް ބޯނުލަނބާ މައްސަލައިގައި އިސްރާއީލް ޖަވާބުދާރީކުރުވުމަށް، ރާއްޖެ ހިމެނޭ އޯގަނައިޒޭޝަނެއް ކަމަށްވާ އދ ގެ ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލުމަކީވެސް މުހިއްމު ކަމެކެވެ. އަދި ދިވެހިރައްޔިތުންނަކީ އަބަދުވެސް ފަލަސްޠީންގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ލޯބިކުރާ، އަދި އަޚްވަންތަ ކަމާއި އުޚުއްވަތްތެރިކަން ދެމެހެއްޓުމަށް ކެނޑިނޭޅި އެތަކެއް މަސައްކަތްތަކެއްކުރާ ބަޔަކަށް ވީހިނދު، މިފަދަ ހިތްދަތި ވަގުތެއްގައި ދިވެހި އެންމެހާ ލޮބިވެތި ރައްޔިތުން ތިއްބެވީ ފަލަސްޠީންގެ އަނިޔާ ލިބެމުންދާ ރައްޔިތުންނާއި އެކުގައިކަން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީހުން ހާމަކުރުމަކީ ފަލަސްޠީނުގެ ބިންތަށް ފޭރިގަތުން ހުއްޓުވުމާއި، ފަލަސްޠީނުގެ މިނިވަންކަމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ ހައްޤުތަށް ކަށަވަރު ކޮއްދިނުމަށް މަސައްކަތްކުރަމުންދާ ގައުމުތަކާއި، ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އިތުރު ކުރިއެރުމަކަށް ވެގެންދާނެ މުހިއްމު ކަމެއް ކަމަށް ވެގެންދާނެ ކަމަށްވެސް މެންބަރު ސަޢުދު ފާހަގަ ކުރައްވާފައިވެއެވެ.

އިސްރާއީލުގެ ދައުލަތް އުފެދުމާއިއެކު، އެބިމުގެ ފަލަސްޠީނުގެ އަހްލުވެރިންނަށް ދަނީ ކެނޑިނޭޅި ލާއިންސާނީ އެތައް އަނިޔާތަކެއް ދެވެމުންނެވެ. މިގޮތުން، ދާދިފަހުން، ފަލަސްޠީނުގައި ޤައިދީންނާއި ގުޅޭ ޖަމްޢިއްޔާއިން ކުރެއްވި ދިރާސާއަކުން ދައްކާ ގޮތުގައި، އޮސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ 95% ޤައިދީންނަށް ދަނީ އެކި ވައްތަރުގެ އަނިޔާ ކުރެވެމުންނެވެ.

ޓެގް

ރައްޔިތުންގެ މަޖްލިސް އަރަބި ސަރުކާރު ދިވެހިން ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.