ރާއްޖޭގެ ޚަބަރު

އުތެމައިން ނެރެފައިވާ ރިޕޯޓު ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމަށް ޖަމްޢިއްޔަތުއް ސަލަފުން ގޮވާލައްވައިފި

Uthemain Nerefaiva Report Thahqeeqkoh Fiyavalhu Elhumah Jamiyyathul Salafin Govaalavvaifi

އުތެމައިން ނެރެފައިވާ ރިޕޯޓު ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމަށް ޖަމްޢިއްޔަތުއް ސަލަފުގެ ޢިލްމުވެރިންގެ މަޖްލީހުން ގޮވާލައްވައިފިއެވެ.

އިއްޔެގެ ވަޤުތެއްގައި ޖަމްޢިއްޔަތުއް ސަލަފުގެ ސޯޝަލް މީޑިޔާ ޕޭޖުތަކުގައި އެބޭފުޅުން ޢާއްމު ކުރައްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އަޅުގަނޑުމެން ދިވެހިންނަށް ލިބިފައިވާ އެއްމެ އަގުބޮޑު ނިޢުމަތަކީ އިސްލާމްދީނެވެ. އަދި މިލޮބުވެތި ދީނުގެ އޯގާތެރިކަމާއި ލުއިފަސޭހަކަން ކައިބަފައިންނަށް ވިސްނުނީއްސުރެން، އެބައިމީހުންގެ އަންނަން އޮޔް ޖީލުތަކަށް މިދީން ފޯރުކޮށްދެއްވުމަށާއި، މިދީން ދިވެހި ފަސްގަނޑުން ފިލައިދިޔަނުދީ ބޭއްވުމަށްޓަކައި ވަރުގަދަ ޖިހާދުތަކެއް ކުރައްވާފައިވާކަން ތާރީޚުން ފެންނަން އެބައޮތެވެ.

އެހެނަސް، އިސްލާމްދީނުގެ ޢަދާވާތްތެރިން، މިސަމާޙަތްތެރި ދީނާއިމެދު ޙަސަދަވެރިވެ، އަޅުގަނޑުމެންގެ ތެރެއިން އިސްލާމްދީން ފޭކޮށްލުމަށް އެބައިމީހުންދަނީ ރެޔާއި ދުވާލު މަސައްކަތްކުރަމުން ކަމަށް މިރިޕޯޓުގައި ފާހަގަ ކުރައްވާފައިވެއެވެ. މިގޮތުން މަދަނީ ޖަމްޢިއްޔާތަކުގެ ޞިފަޞިފައިގައްޔާއި، ތަފާތު އެކި ޞިފަޞިފައިގައި މިދިވެހި ފަސްގަނޑުގައި އެފަދަ މަސައްކަތް ކުރެވެމުންދާކަން ދިވެހި ރައްޔިތުން ދަނެ، ހުޝިޔާރުވާން ޖެހޭކަމަށްވެސް މިބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަބުރުފުޅަށް އަރައިގަނެ، ދީނުގެ އަސާސްތަކަށް ފާޑުކިޔާ، އެމްޑީއެން ޖަމްޢިއްޔާއިން ނެރެފައިވާ ރިޕޯޓު ލިޔުނު މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީސް، އަންހެނުންގެ ހައްޤުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި "އުތެމަ" ޖަމްޢިއްޔާއިންވަނީ އދ ގެ ސީޑޯ ކޮމިޓީއަށް އިސްލާމްދީނުގެ ޙުކުމްތަކާއި އުޞޫލުތަކަށް ފާޑުކިޔާ، މަލާމާތްކުރާ ރިޕޯޓެއް ހުށައަޅާފައެވެ.

"އިސްލާމްދީނުގެ ހައިބަތާއި ކަރާމާތް ނަގާލާ، އެދީނުގެ އަސާސްތަކަށް ގޮންޖަހާ، ﷲ ގެ ޙުކުމްފުޅުތަކަށް ފާޑުކިޔާ، އިސްލާމްދީނާއި މީސްތަކުން ދުރުކުރަމުންދާ މިފަދަ ޖަމާޢަތްތައް އިންޞާފުގެ ކުރިމައްޗަށް ގެނެސް އެކަމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް ޙައްޤު އަދަބު ނުދެވޭ ނަމަ މިފަދަ ކަންކަން މުޖްތަމަޢުގައި ތަކުރާޜުވާނޭކަން ކަށަވަރެވެ. އަދި ފަސާދަ އިތުރުވެގެންދާނެއެވެ." ޖަމްޢިއްޔަތުއް ސަލަފުން މިރިޕޯޓުގައި ވިދާޅުވެފައިވެއެވެ.

ޖަމްޢިއްޔަތުއް ސަލަފުންވަނީ ޢަލްމާނީ ފިކުރާއި އިދިކޮޅަށް މީގެ ކުރިންވެސް އަޑު އުފުލައްވާފައެވެ، މިގޮތުން މިދިޔަ ހޯމަ ދުވަހުގެ ރޭ، ސަލަފުގެ ޔޫޓިޔުބް ޗެނަލާއި، ފޭސްބުކް ޕޭޖުން ލައިވް ކުރައްވައިގެންވަނީ "މިޙާލަތުގައި؛ ސެކިއުލަރ ފިކުރުތަކަށް ޖާގަ ނުދެމާ" މިނަމުގައި ޕްރޮގްރާމެއް ވަގުތުން ގެންނަވާފައެވެ. މިޕްރޮގްރާމު މިހާރުވެސް ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުން ފެނިވަޑައިގަންނަވާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *