ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ (އައިޔޫއެމް) ގެ ދެވަނަ ސެމިސްޓަރގައި ފެއްޓެވުމަށް ހަމަޖެހިފައިވާ ކޯސްތައް އިއުލާން ކުރައްވައިފިއެވެ.
އައިޔޫއެމް އިން މިދިޔަ ބުދަ ދުވަހު ގެޒެޓުގައި ކުރައްވާފައިވާ އިއުލާނެއްގައިވާ ގޮތުން އެޔުނިވާރސިޓީއިން މިއަންނަ ސެމެސްޓަރ އަށް ހުޅުވާލައްވާފައިވަނީ މާސްޓާރޒް ފެންވަރުގެ 9 ކޯހާއި، ޕޯސްޓު ގްރޭޖުއޭޓު ފެންވަރުގެ 3 ކޯހާއި، ބެޗްލާރސް ޑިގްރީގެ 11 ކޯހާއި، އެސޯޝިއޭޓު ދިގްރީގެ 1 ކޯހެވެ. މީގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ 9 ކޯހާއި، އެޑްވާންސް ފެންވަރުގެ 8 ކޯހާއި، ސެޓްފިކެޓި ލެވެލް 3 ގެ 4 ކޯސް، ލެވެލް 2 ގެ 3 ކޯސް އަދި ލެވެލް 1 ގެ 4 ކޯހަށް ފުރުޞަތު ހުޅުވާލައްވާފައިވެއެވެ.
މިގޮތުން ހުޅުވާލައްވާފައިވާ ކޯސްތަކުގެ ތެރޭގައި، މާސްޓާރޒް އިން ޤުރްއާނިކް ސައިންސަސް އާއި، މާސްޓާރޒް އިން ޢަޤީދާ އެންޑް އިސްލާމިކް ތޯޓްސް އާއި، މާސްޓާރޒް އިން ޖާރނަލިޒަމް އެންޑް މީޑިޔާ ކޮމިއުނިކޭޝަންގެ އިތުރުން މާސްޓާރޒް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީ ހިމެނެއެވެ. އަދި ޑިގްރީ ފެންވަރުގެ ޤުރްއާނިކް ސްޓަޑީޒް ކޯހާއި އިސްލާމިކް ސްޓަޑީޒް ކޯހާއި، އިސްލާމިކް ބޭންކިންގް އާއި ލޯކަލް ގަވަރނެންސް އެންޑް އިމާމްޝިޕް ގެ އިތުރުން ޝަރީޢާ އެންޑް ލޯގެ އޮނާރޒް ކޯހެއް އިއުލާން ކުރައްވާފައިވެއެވެ.
މީގެ އިތުރުންވެސް ޤާރީ ކޯސްތަކާއި، ޤުރްއާން ހިފްޡު ކުރުމުގެ އެޑްވާންސް، އަދި ޑިޕްލޮމާ ކޯސްތަކާއި، އިމާމް ކޯހާއި، ޢަރަބި ބަސް ދަސްކޮށްދޭ ލެވެލް އަދި ޑިޕްލޮމާ ކޯސްތައްވެސް ވަނީ އިއުލާން ކުރައްވާފައެވެ.
އައިޔޫއެމް އިން އިއުލާން ކުރައްވާފައިވާ ކޯސްތަކުގެ ފުރިހަމަ ލިސްޓު އެޔުނިވާރސިޓިގެ ސައިޓުންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ލިބިވަޑައިގަންނަވާނެއެވެ.
މިކޯސްތަކަށް އެދިލައްވާ ފަރާތްތަކުން އޮންލައިންކޮށް ފޯރމް ހުށައެޅުއްވުމުގެ އެއްމެ ފަހުގެ ތާރީޚަކީ 6 އޯގަސްޓު 2020 ގެ 13:00 ގެ ކުރިންނެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު 3022125، 3022124، 7923247 މިނަންބަރުތަކުން ލިބިވަޑައިގަންނަވާނެއެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީއިންވަނީ މިއަހަރު ކޯވިޑް 19 އާއި ވިދިގެން 2020 ވަނަ އަހަރުގެ ދަރިވަރުންގެ ފީގެ 20% މަޢާފު ކޮށްދެއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...