މި1441 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ނުދެވޭނެކަން ރަސްމީކޮށް އިސްލާމިކް މިނިސްޓްރީން އިޢުލާން ކުރައްވައިފިއެވެ.
އިއްޔެގެ ވަޤުތެއްގައި އިސްލާމިކް މިނިސްޓްރީން ނެރުއްވާފައިވާ ބަޔާނެއްގައި ވާގޮތުގައި، ސަޢޫދީ ޢަރަބިއްޔާގެ ހައްޖު މިނިސްޓްރީން ނިންމަވާފައިވަނީ، ފެތުރެމުންދާ ކޯވިޑް 19ގެ ޢާލަމީ ވަބާއާއި ގުޅިގެން މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސަޢުދީ ޢަރަބިއްޔާގެ ރައްޔިތުންނާއި، އެޤައުމުގައި މިވަގުތު ދިރިއުޅޭ އެހެން ޤައުމުތަކުގެ މަދު ޢަދަދެއްގެ ޙައްޖާޖީންނާއި އެކު ހައްޖު ކުރިއަށް ގެންދެވުމަށެވެ. އަދި ސަޢޫދީ ޢަރަބިއްޔާއިން މިފަދައިން ނިންމެވުމާއި ގުޅިގެން، ދިވެހިރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީއިން މިނިސްޓްރީއަށް މިކަން ރަސްމީކޮށް އަންގަވާފައިވާ 1441 ވަނަ އަހަރު ދިވެހިރާއްޖެއިން ހައްޖަށް ނުދެވޭނެކަމަށްވެސް މިބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިބަޔާނުގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި ސަޢުދީ ޢަރަބިއްޔާއިން މިނިންމެވި ނިންމެވުމަކީ ޙައްޖާޖީންގެ ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށްޓަކައި ނިންމެވި ނިންމެވުމެކެވެ. އަދި ސަޢުދީ ސަރުކާރުން އަބަދުވެސް އެއްމެ އިސްކަމެއް ދެއްވަނީ ޙައްޖުގެ މަތިވެރި އަޅުކަން ބޭއްވެވުމަށް ކަމުގައިވީ ނަމަވެސް ޙައްޖާޖީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަމާލުކަން ދެއްވާކަމަށްވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި އެބޭފުޅުން އެއްމެ ފަހު ވަގުތާއި ޖެހެންދެންވެސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޙައްޖަށް ދެވޭނެގޮތް ފަހިކޮށްދެއްވުމަށް ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ.
"އެއްމެ ފަހު ވަގުތު ހުއްދަ ލިބުނު ނަމަވެސް ދިވެހިން ޙައްޖަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ރޭވެމުން ދިޔަ ކަމުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ." މިނިސްޓްރީގެ މިބަޔާނުގައި ލިޔުއްވާފައިވެއެވެ.
ސަޢުދީ ޢަރަބިއްޔާއިން ވަނީ މިދިޔަ މާރޗް މަހު، އެޤައުމުގައި ތިއްބެވި ޢުމްރާވެރިން ފިޔަވާ އިތުރު ބޭފުޅުންނަށް ޢުމްރާގެ އަޅުކަމަށް އެޤައުމަށް ވަދައިނުގެންނެވޭނެ ކަމަށްވެސް އިޢުލާން ކުރައްވާފައެވެ. ސަޢުދީ ޢަރަބިއްޔާގއި ހަލުވިކަމާއިއެކު ކޯވިޑް 19 ފެތުރެމުންދިޔަ ދިޔުން މިހާޜު ކޮންމެވެސް ވަރަކަށް ކޮންޓްރޯލު ކުރެވިފައިވާއިރު، މިހާތަނަށް އެޤައުމުގެ 158000 ފަރާތެއް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...