ނަމާދު ވަގުތަށް މަޖްލިސް މެދުކަނޑާނުލާތީ މެންބަރު ނަސީމްގެ ނުރުހުން މަޖިލީހުގެ ރައީސަށް އަމާޒުވެއްޖެއެވެ.
ރައްޔިތުންގެ މަޖްލިހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް، ވިދާޅުވާ ގޮތުގައި ޖަލްސާގެ ބަޙުޘް ކުރިއަށް ދަނިކޮށް، ބަންގި ގޮވުމުން ނަމާދު ވަގުތަށް މަޖްލިސް މެދުކަނޑާނުލުމުން އޭނާ އެކަންތައް މަޖްލިހުގެ ސަމާލުކަމަށް ގެންނަވަން އުޅުއްވި ކަމަށެވެ. އެހެނަސް އޭނާ އެކަންތައް ސަމާލުކަމަށް ގެންނަވަން ނެންގެވި ނިޒާމީ މައްސަލައަށް ވާހަކަފުޅު ދައްކަވަން ފުރުޞަތު ލިބި ވަޑައިގަތީ ފަހުން ކަމުން އެވަގުތު އެކަންތައް މަޖިލީހުގެ ސަމާލުކަމަށް ނުގެންނެވުނެވެ.
މެންބަރު ނަސީމް، ނަމާދު ވަގުތަށް މަޖްލިސް މެދުކަނޑާނުލުން ޞިފަކުރައްވާފައިވަނީ އެއީ ވިޔާނުދާ ޢަމަލެއް ގޮތުގައެވެ.
"އަޅުގަނޑު އޭރު ނިޒާމީ މައްސަލައެއް ނެގީ ބަންގި ގޮވަމުން ދާތީ މެދުކަނޑާނުލައި ޖަލްސާ ކުރިއަށް ގެންދާތީވެ އެކަން ސަމާލުކަމަށްޓަކައި ގެނައުމަށް" މެންބަރު އިބްރާހީމް ނަސީމް ވިދާޅުވިއެވެ.
ޢާއްމު ގޮތެއްގައި 11.00 ގައި މަޖްލިސް ފެށުމަށްފަހު 12.00 ވުމުން މެންދުރު ނަމާދަށް މަޖްލިސް މެދުކަނޑާލެވެއެވެ. އެހެނަސް މަޖްލިސް ފެށުމުގައި ލަސްތަކެއް ދިމާވެގެން 11.15 ގައި މަޖްލިސް ފެށުމުން، 12.15 އާއި ހަމައަށް މަޖްލިސް ކުރިއަށް ގެންދިޔުމަށް ރައީސް ނިިންމިއެވެ. މިހެންކަމުން މިއަދުގެ މެންދުރުގެ ވަގުތު ވީ މަޖްލިހުގެ ފުރަތަމަ ބިލްގެ ބަޙުޘް ކުރިއަށްދަނިކޮށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...