މިއަހަރުގެ ފިޠުރު ޒަކާތް ދޫކުރެވޭނީ މިދިޔަ އަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓަށްކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާހިރު މިހެން ވިދާޅުވީ ޕީ އެސް އެމް ނިޔުސްގެ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޑރ އަޙްމަދު ޒާހިރު ވިދާޅުވާ ގޮތުގައި މިދިޔަ އަހަރުގެ ލިސްޓަށް މިއަހަރު ޒަކާތް ބެއްސެވުމަށް ނިންމެވީ ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް 19ގެ ސަބަބުން، ފަޤީރުންގެ އާލިސްޓެއް އެކުލަވާލެއްވުމަށް ދަތިތަކެއްހުރުމުން ކަމަށެވެ.
މިނިސްޓަރ އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ޒަކާތުގެ ފައިސާ ފަޤީރުންގެ ލިސްޓުގައި ތިއްބެވި ބޭފުޅުންނަށް ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވަނީ އެކައުންޓަށް ފައިސާ ޖަމާކުރާ އުޞޫލުންނެވެ. "ކުރީ އަހަރުތަކުގައި މިނިސްޓްރީއަށް އެމީހުން ގެނެސް ފައިސާ ހަވާލުކުރަނީ. ނަމަވެސް މިހާލަތުގައި އެމީހުންގެ އެކައުންޓަށް ޢީދު ނަމާދުގެ ކުރިން ފައިސާ ޖަމާ ކުރާގޮތަށް މި ހަމަޖައްސަނީ." މިނިސްޓަރ ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގެ ފަޤީރުންގެ ލިސްޓުގައި ނަންނޯޓު ކުރެވިފައިވަނީ މާލޭ ސަރަޙައްދުން 1717 ފަރާތަކާއި، ރާއްޖެތެރެއިން 7047 ފަރާތެކެވެ. އަދި މިއަހަރު މާލޭ ސަރަޙައްދުން 53597 ފަރާތެއް ޒަކާތް ދައްކަވާފައިވާއިރު، ޖުމްލަ ދެމިލިއަން ހަތަރު ލައްކަ އައްޑިހަ ދެހާސް ދިވެހި ރުފިޔާ (2482000) ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ. މިއީ އެހެން އަހަރުތަކަށް ބަލާއިރު ނިސްބަތުން މަދު ޢަދަދެއް ކަމުގައިވިޔަސް އިސްލާމިކް މިނިސްޓަރ ވިދާޅުވާ ގޮތުގައި، ދަނޑިވަޅާއި ޙާލަތަށް ބަލާފައި މިއީ ރަގަޅު ޢަދަދެކެވެ.
ކޯވިޑް 19 ގެ ސަބަބުން މިއަހަރު އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ބީއެމްއެލް، އެމްއައިބީ، ދިރާގިު، އުރީދޫ، އަދި އުރިދޫ އެމް ފައިސާ މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި މާލެ ނޫން އެހެނިހެން ރަށްރަށުގައި ކައުންސިލުގެ އެކައުންޓް ނަންބަރަށްވެސް ފައިސާ ޖަމާކުރެއްވުމުގެ އިންތިޒާމު މިހާރުވަނީ ހަމަޖައްސަވާފައެވެ. އަދި އިންޓަނެޓު މެދުވެރިކޮށް ޒަކާތް ދައްކަވަން ދަތިވާ ފަރާތްތަކަށް، ޟަރޫރީ ބޭނުމަށް ބޭރަށް ނިކުތުމަށް ދެވޭ ހުއްދަ ފާހާއި އެކު ބޭރަށް ނިކުމެވަޑައިގެން ޒަކާތް ދެއްކެވޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރު ފިޠުރު ޒަކާތް ދެއްވޭނެ އެއްމެ ފަހުގެ ތާރީޚަކީ 28 ރަމަޟާން 1441 (21 މެއި 2020) އެވެ. ފިޠުރު ޒަކާތް ދެއްކެވުމަށް ޢަމަލު ކުރައްވަންޖެހޭ ގޮތުގެ މަޢުލޫމާތު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި، ސޯޝަލް މީޑިއާ ޕްލެޓްފޯރމްތަކުން (ފޭސްބުކް، ޓްވިޓާރ) އިން ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...