މިއަހަރު ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހާމަކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން އެފަރާތުން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށެވެ. އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ވަސީލަތްތަކަކީ
- ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓުން
- އިސްލާމިކް ބޭންކުގެ އޮންލައިން ބޭންކިން "ފައިސާ ނެޓް" އިންނާއި މޯބައިލް ބޭންކިން "ފައިސާ މޮބައިލް" މެދުވެރިކޮށް
- އުރީދޫ އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށް
- ދިރާގު ޕޭ އެންޑް ލައިފްސްޓައިލް އެޕްލިކޭޝަން އަދި އެސްއެމްއެސް މެދުވެރިކޮށް
ޒަކާތުގެ ގޮތުގައިި ކަނޑައަޅާފައިވާ މިންވަރަކީ 2.4 ކިިިިިިިިިިިިިިލޯގެ ހަނޑުލެވެ. އެގޮތުން ކޮންމެ މީހަކުވެސް ޒަކާތް ދައްކަންޖެހޭނީ އެމީހަކު ޢާއްމުކޮށް ކައިއުޅޭ ހަނޑުލުގެ ބާވަތުގެ 2.4 ކިލޯ ހަނޑުލަށްޖެހޭ މިންވަރަށެވެ. މާލޭގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 15 ރުފިޔާ، ތައިލެންޑް ހަނޑުލުންނަމަ 48 ރުފިޔާ، ބާސްމަތީ ހަނޑުލުންނަމަ 105 ރުފިޔާއެވެ.
މީގެ އިތުރުން ރަތް ހަނޑޫ ބޭނުންކުރާ ފަރާތްތަކުން 65 ރުފިޔާ، އާދައިގެ ފުށުން ނަމަ 12 ރުފިޔާ އަދި އާޓާ ފުށުން 55 ރުފިޔާ ޒަކާތުގެ ގޮތުގައި ނެރެންޖެހޭ ކަމަށް މިނިސްޓްރީއިން ބުނެއެވެ.
އިސްލާމިކް އެފެއަރޒުން ބުނީ ކޮވިޑް19 ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތު ރަމަޟާންމަހުގެ ތެރޭގައި ރަނގަޅުވެ އާއްމު ހާލަތަކަށް އަތުވެއްޖެނަމަ އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް އިސްލާމިކް މިނިސްޓްރީއިން ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މާލޭ ސިޓީ ފިޔަވައި ރަށް ރަށުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލް ނުތަތަ ސިޓީ ކައުންސިލަކުންނެވެ. އަތޮޅުތެރޭގައި ޒަކާތް ދައްކަން ޖެހޭނީ އެސަރަޙައްދެއްގައި ހަނޑު ވިއްކާ އަގުތަކުގެ މިންވަރަށެވެ.

















advertisment
ޚިޔާލު