ދިވެހިންނަކީ ޒަމާނުއްސުރެ ކީރިތި ޤުރުއާނަށް ލޯބިކުރާ ބައެކެވެ. ރިވެތިކޮށް ޤުރުއާން ކިޔެވުމަށާއި ރިވެތިކޮށް ޤުރުއާން ތިލާވާ ކުރާ އަޑު އެހުމަށް ދިވެހިން ލޯބިކުރެއެވެ. އަދި ރިވެތި ކޮށް ޤުރުއާން ތިލާވަތު ކުރާ މީހުންނަށް އިޙްތިރާމް ކުރާ ޤަދަރު ކުރާ ބައެއް ކަމުގައި ދިވެހިންވެއެވެ.
ދިވެހި ޖައްވުގައި ޤުރުއާނުގެ އާދަޔާ ޙިލާފަށް ކީރިތި ޤުރުއާނުގެ އަޑު ގުގުމާލައިފައި މިވަނި އެކިއެކި ފަރާތްތަކުން އެކި ގޮތްގޮތަށް ޤުރުއާން ކިޔެވުމާއި ޤުރުއާން އުގަންނައި ދިނުމުގެ ޕްރޮގްރާމްތަކެއް ވަނީ ފަށައިގެން ކުރިއަށް ގެންދަން ފަށައިފައެވެ. ރީތިކޮށް ޤުރުއާން ކިޔަވާ އަދި ޤުރުއާން ކިޔަވަން ދަސްކުރަން ބޭނުން ވާ ފަރާތްތަކުގެ އިތުރުން ޤުރުއާންއަށް ލޯބިކުރާ ފަރާތްތަކަށް މިއީ ހުޅުވިފައިވާ އަގުހުރި ފުރުޞަތެކެވެ.
ޑރ ޝަޙީމް ފެއްޓެވި ޤުރުއާން ޗެލެންޖް
ޑރ ޝަޙީމް ފޭސްބުކްގައި އެމަނިކުފާނުގެ ރަސްމީ ޕޭޖުގައި ޤުރުއާން ޙަތިމް ކުރުމުގެ ޗެލެންޖެއް ވަނީ ފައްޓަވާފައެވެ. އެގޮތުން އެމަނިކުފާނުގެ ރިވެތި އަޑުން ސޫރަތުލް ބަޤަރާގެ ފުރަތަމަ ޞަފްހާ ތިލާވަތު ކުރެއްވުމަށް ފަހު އަޕްލޯޑު ކުރައްވައި އެމަނިކުފާނު ވަނީ ޗެލެންޖެއްގެ ގޮތުގައި 3ބޭފުޅަކު ނޮމިނޭޓްވެސް ކުރައްވާފައެވެ. އެ3ބޭފުޅުންނަކީ އަލްޙާފިޞް ސުލްޠާން މުޙައްމަދު ލަޠީފާއި ޙަސަން ޒާހިރު އަދި އަޙްމަދު ރަފީޤެވެ.
ޑރ ޝަޙީމް މި ޗެލެންޖު ފައްޓަވަމުން އެދި ލައްވާފައިވަނީ ސޯޝަލް މީޑިއާ ކީރިތި ޤުރުއާނުން ފުރާލުމަށެވެ. އަދި މިކަން ވަނީ ވަރަށް ކާމިޔާބުވެސް ވެފައެވެ. 5ގަޑިއިރުތެރޭގައި 50 ވަރަކަށް ބޭފުޅުންގެ ތިލާވާގެ ވީޑިއޯ އަޕްލޯޑުވެގެން ދިޔައެވެ. އަދި ޢާންމުންގެ ކިޔެވުންތައް އަޕްލޯޑު ކުރަމުން ދިޔަވަރަކަށް އެމަނިކުފާނު ވަނީ ރަސްމީ ފޭސްބުކް ޕޭޖުގައި އެވީޑިއޯތައް އަޕްލޯޑު ކުރައްވާފައެވެ.
އެކި ޢުމުރުގެ ބޭފުޅުންގެ ޤުރުއާން ކިޔެވުމުގެ ހުނަރު ފެނިގެން ދިޔައީ ވަރަށް ވެސް ހަލުވިމިނެއްގައެވެ. ތުއްތު ކުދިންގެ ފަރާތުން ޙާއްސަ ތަރުޙީބެއް މިކަމުގައި ފެނިގެން ދިޔަކަން ފާހަގަވެއެވެ. ޢާންމުންގެ އިތުރުން ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވަވާ ބައެއް ބޭފުޅުންވެސް ވަނީ މިޗެލެންޖުގައި ޙިއްސާވެލައްވާފައެވެ.
ޤުރުއާން ޗެލެންޖުގައި މުފްތީ މެންކު ބައިވެރިވެލެއްވުން
ޑރ ޝަޙީމް ފެއްޓެވި ޤުރުއާން ޗެލެންޖުގައި ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކުވެސް ވަނީ ބައިވެރިވެވަޑައި ގަނެފައެވެ.
ޑރ ޝަޙީމް އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖުގައި މުފްތީ މެންކުގެ ރިވެތި ތިލާވާގެ ވީޑީއޯ އަޕްލޯޑު ކުރައްވަމުން ވިދާޅުވެފައި ވަނީ މުފްތީ މެންކު މިޗެލެންޖުގައި ބައިވެރިވެޑައިގަތީ އެމަނިކުފާނުގެ އެދިލެއްވުމަކަށް ކަމަށެވެ. އަދި އެކަމަށްޓަކައި މުފްތީ މެންކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޑރ ޝަޙީމް ޝެއަރ ކުރެއްވެވި މުފްތީ މެންކުގެ ތިލާވާ ވަރަށް ގިނަބަޔަކު ވަނީ ފޭސްބުކްގައި ޝެއަރ ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.
"ކްލެވަރ ކިޑްސް" ގެ ނަމުގައި ކުޑަކުދިންނަށް ޤުރުއާން ޕްރޮގްރާމެއް އަލްއަޚް އަލީ ރަމީޒު ފެއްޓެވުން
"ކްލެވަރ ކިޑްސް" ގެ ނަމުގައި އަލްއަޚް އަލީ ރަމީޒު ފެއްޓެވި މިޕްރޮގްރާމަކީ އަލީ ރަމީޒްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޑަކުދިންނަށް ޙާއްސަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި 10އަހަރުން ދަށުގެ ކުދިންނަށް ބައިވެރި ވެވޭގޮތަށް ހަމަޖެހިފައި ވާއިރު މިޕްރޮގްރާމްގައި ބައިވެރިވުމަށް 10އަހަރުން ދަށުގެ ކުދިންގެ 1މިނެޓަށް ވުރެ ދިގު ނުވާހެން ދުޢާ އެއް ނުވަތަ ޤުރުއާނުން މިންވަރެއް ކިޔަވައި ވީޑިއޯ ރިކޯޑިން ހަދައި ކުއްޖާގެ މަޢުލޫމާތާއި އެކު އަލީ ރަމީޒްގެ ޓެލެގްރާމް އެކައުންޓަށް ފޮނުވުމުން ޔޫޓިއުބް ޗެނަލް އަށް އަޕްލޯޑު ކުރެވޭނެ ކަމަށް އަލީ ރަމީޒް ވަނީ ވިދާޅުވެފައެވެ. އަދި ވީޑިއޯ ލޭންޑްސްކޭޕް ކޮށް ހެދުމަށް އަލީ ރަމީޒު އެދިފައިވެއެވެ.
މިޕްރޮގްރާމް 2މަސް ދުވަހަށް ދެމިގެން ދާނެކަމަށާއި މިޕްރޮގްރާމްގެ މަޤްސަދަކީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުން ކަމަށާއި އަދި އެކުދިންނަށް ހިތްވަރު ދިނުން ކަމަށް އަލީ ރަމީޒް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ޤުރުއާން ސަފީރަކަށް ވުމުގެ ފުރުޞަތު ހުޅުވާލުން
ސަފީރުލް ޤުރުއާންގެ ނަމުގައި ޕްރޮޖެކްޓެއް ފައްޓަވައި އޭގައި ޙިއްސާ ވުމުގެ ފުރުޞަތު ޑރ މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވަނީ ހުޅުވާލައިފައެވެ.
މިފުރުޞަތު ޑރ ޝަޙީމް ހުޅުވާލައްވާފައިވަނީ ފޭސްބުކް މެދުވެރިކުރައްވައެވެ. އެގޮތުން ޤުރުއާން ސަފީރަކަށް ވުމުގެ ފުރުޞަތު ދެޖިންސުގެ އެކި ޢުމުރުގެ މީހުނަށް އޮތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޤުރުއާން ސަފީރަކަށް ވާންއެދޭ މީހާގެ ކިބައިގައި ހުރުމަށް އެދޭ ޝަރުތުތަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެދެއްވާފައެވެ. އެޝަރުތުތަކަކީ ޤުރުއާން ދެކެ ލޯބިވާ، ހިލޭ ސާބަހަށް ޤުރުއާން ސޯޝަލް މީޑިޔާގައި ޕްރޮމޯޓްކުރުމުގެ ޤާބިލްކަން ހުރުމާއި ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ އިސްލާމްދީނުގެ ޙުކުމްތަކަށް ބޯލަނބައި ޙުރުމަތްތެރިކޮށްހިތާ އަޚުލާޤު ރަނގަޅު މީހަކަށްވުން ކަމަށްވެސް ޑރ. ޝަހީމް ފޭސްބުކްގައި ވިދާޅުވެފައި ވެއެވެ.
ޤުރުއާން ސަފީރުގެ މަސްޢޫލިއްޔަތު ތަކެއް ކަމުގައި ވަނީ އެކި ޤާރީންގެ ކިޔެވުން ސޯޝަލްމީޑިޔާގައި ދޭތެރެ ދޭތެރެއިން ޝެއަރ ކުރުމާއި ޤުރުއާންގެ އާޔަތެއްގެ ތަރުޖަމާ އެކި ބަސްބަހުން މަދުވެގެން ކޮންމެ ހަފްތާއަކު އެއްފަހަރު ޝެއަރކުރުމާއި ޤުރުއާން ކިޔެވުމަށް ހިއްވަރު ދިނުން ފަދަ ކަންކަމެވެ.
މީގެ އިތުރުން ޤުރުއާން ހިތު ދަސްކުރަން ހިތްވަރު ދިނުމާއި ޤުރުއާން މުދައްރިސެއް ނަމަ ފޭސްބުކް މެދުވެރިކޮށް މަދުވެގެން ދެމަހުން އެއްފަހަރު ޤުރުއާން ގަޑިއެއް ނަގައިދިނުމާއި އިސްލާމް މުދައްރިސެއް ނަމަ، މަދުވެގެން ދެމަހުން އެއްފަހަރު ފޭސްބުކް މެދުވެރިކޮށް އިސްލާމް ގަޑިއެއް ނަގައިދިނުމާއި މީގެ އިތުރުން ވެސް ޤުރުއާނާ ގުޅޭ ކަންކަން ސޯޝަލްމީޑިޔާގައި އެކި ބަސްބަހުން ފެތުރުން ކަމަށްވެއެވެ.
ޑރ ޝަޙީމް ވިދާޅުވެފައިވަނީ މިއީ ހިލޭ ސާބަހަށް ކުރެވޭ ފަޚުރުވެރި މަސައްކަތެއް ކަމަށެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކުން އެކަން ފާހަގަކޮށް ކޮމެންޓު ކުރުމަށާއި އޭރުން އެބޭފުޅަކު ޤުރުއާން ސަފީރެއްކަމަށް ޢައްޔަނު ކުރާނެ ކަމަށެވެ.
ތަޖުވީދު ކިޔަވައިދޭ އޮންލައިން ކްލަސްތަކެއް ސަލަފުން ފެށުން
ތަޖުވީދު ކިޔަވައިދޭ އޮންލައިން ކުލާހެއް ޖަމްޢިޔަތުއް ސަލަފުން ވަނީ ފަށާފައެވެ. އޮންލައިންކޮށް ކިޔަވައިދޭ މިކުލާހުގައި ތަޖުވީދު ފިލާވަޅުތަށް އުގަންނައި ދެއްވާނީ އަލްޤާރީ މުޙައްމަދު ތައުފީޤެވެ. އަލްޤާރީ މުޙައްމަދު ތައުފީޤު ޢަލީއަކީ، ކީރިތި ޤުރްއާން ތަޖުވީދު މަގުން ކިޔަވައިދިނުމުގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
މި ކުލާސްތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖަމްޢިއްޔަތުއް ސަލަފްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުންނެވެ. މިކުލާސް ކުރިއަށް ދަނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00ން 14:30 އަށެވެ. މިކުލާހަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ.
އުތީމު ޣާޒީބަންޑާރައިން ސްކޫލުން އޮންލައިން ޤުރުއާން މުބާރާތެއް ފެށުން
ހއ އުތީމު ޣާޒީބަންޑާރައިން ސްކޫލުން އޮންލައިންކޮށް ޤުރުއާން މުބާރާތެއް ވަނީ ފަށާފައެވެ. މިމުބާރާތުގައި ދަރިވަރުން ބައިވެރިވާ ކޮންމެ ޢުމުރުފުރާއަކުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވޭނެއެވެ. މިމުބާރާތުގެ ފަނޑިޔާރުކަން ކުރައްވަނީ އެސްކޫލުން ހޮއްވަވާފައި ތިއްބެވި ފަނޑިޔާރުންނެވެ.
މި މުބާރާތް ބޭއްވުމުގެ މަޤްސަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި، ކޮވިޑް 19 ގެ ސަބަބުން ދަރިވަރުން ގޭގައި ތިބޭ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، މި ޙާލަތުގައި ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބިފައިވާ ހިތް ނުތަނަވަސްކަމާއި މާޔޫސްކަމުން އަރައިގަތުމަށް އެހީތެރިވެދިނުން ކަމަށް އެސްކޫލުން މަޢުލޫމާތު ދެއެވެ.
ޣާޒީބަންޑާރައިން ސްކޫލުގެ 70ދަރިވަރަކު މިމުބާރާތުގައި ބައިވެރިވެފައިވާ އިރު މުބާރާތުގައި ދަރިވަރުން ކިޔަވާނީ ބަލައިގެން ކަމަށް ސްކޫލުން މަޢުލޫމާތު ދީފައިވެއެވެ.
ޑރ ޝަޙީމްގެ ޤުރުއާން ޗެލެންޖަށް ތަރުތީލުލް ޤުރުއާނުން ބޮޑު ތަރުޙީބެއް
ޑރ ޝަޙީމް ފެއްޓެވި ޤުރުއާން ޗެލެންޖުގައި އެންމެ ބޮޑު ތަރުހީބަކާއި އެކު ބައިވެރިވި އިންސްޓިޓިއުޓަކަށް ވެފައި މިވަނީ ނ ލަންދޫގައި ހިންގާ ތަރުތީލުލް ޤުރުއާންއެވެ. މިއިންސްޓިޓިއުޓުގެ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިނާއި މުދައްރިސުންގެ އިތުރުން އެޑްމިން ސްޓާފުންވެސް މިވަނީ މިޗެލެންޖުގައި ބައިވެރިވެ އާދާޔާ ޚިލާފު ހިތްވަރެއް ދައްކާލައިފައެވެ. އަދި މީގައި ތަފާތުވި ކަމަކީ ހުރިހާ ކިޔެވުމެއްވެސް ފެންވަރު ރަނގަޅުކޮށް ވީޑިއޯ ކުރެވިފައިވާ ކަމެވެ. އަދި މިހާރު އެވީޑިއޯ ތަށް ވަނީ ޔޫޓިއުބަށް އަޕްލޯޑުވެސް ކުރެވިފައެވެ.
ޤުރުއާން ކިޔެވުމާއި އަޑުއެހުމަށް ދިވެހިން ހުންނަ ޝައުޤުވެރިކަން ޢާންމުކޮށް ހުޅުވާލެވޭ މިފަދަ ކަންކަމުން އެނގިގެންދެއެވެ. އަބަދުވެސް ދިވެހިންނަކީ އެގޮތުގައި ތިބޭ ބައެއް ކަމުގައި ލައްވާށިއެވެ. މިއަދު މުޅި ސޯޝަލް މީޑިއާ ވަނީ ޤުރުއާނުން ފުރާލާފައެވެ. ކޮވިޑްގެ ސަބަބުން ގޭ ބަންދުވެފައި ތިބި އެތައް ބަޔަކަށް ޤުރުއާނުގެ މާހައުލުގައި އުޅުމަށް އެތައް ފުރުސަތުތަކެއް މިއަދު ވަނީ ފަހިވެފައެވެ. އެކި ސިފަ ސިފައިގައި ފެނިގެން މިއަދު މިދަނީ ދިވެހިންގެ ހިތުގައި ޤުރުއާނާއި މެދު އޮތް ސާފު ލޯތްބެވެ. އޮތް ގާތް ކަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...