މުސްނަދު އިމާމް އަޙްމަދު ގައި ޞަޙީޙް ސަނަދަކުން ރިވާވެފައިވާ ޙަދީޘެއްގައި އަޅުގަނޑުމެންނަށް އެތައްބައިވަރު ޢިބްރަތްތެރި ފިލާވަޅު ތަކެއް ލިބިދާނޭ ވާހަކައެއް ޛިކުރު ކުރެވިފައި ވެއެވެ. އެއްދުވަހަކު ދެމީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަރިހަށް ވަޑައިގެން ޝަހާދަތް ކިޔައި އިސްލާމް ދީން ޤަބޫލުކުރިއެވެ. އެއްވަގުތެއްގައި އިސްލާމްވި މި ދެމީހުން ވެސް ވީ ދީނުގެ ކަންކަމަށް ފަރުވާ ބަހައްޓާ ވަރަށް ހެޔޮލަފާ ބައެއްކަމުގައެވެ. ނަމަވެސް އޭގެތެރެއިން އެކަކު އަނެކަކަށްވުރެ ބޮޑަށް ދީނަށް ގޮވާލުމާއި، ޖިހާދު ކުރުމުގައި އަވަދިނެތި އުޅުނެވެ. އެންމެފަހުން އޭނާ މިދުނިޔެއާ ވަކިވެގެން ދިޔައީވެސް ހަނގުރާމާގައި މަރުވެ ޝަހީދެއްގެ ގޮތުގައެވެ. އޭގެ އެއްއަހަރު ފަހުން ދެވަނަ މީހާ މަރުވި އިރު، އޭނާ މަރުވެގެން ދިޔައީ އާދައިގެ މަރަކުންނެވެ.
ދެން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީންގެ ތެރެއިން، ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގަތް ދިހަ ސަޙާބީންގެ ތެރެއިން ބޭކަލެއް ކަމުގައިވާ ޠަލްޙާ އިބްނު ޢުބައިދުﷲ ރަޟީޔަﷲ ޢަންހު އަށް އެއް ދުވަހަކު ހުވަފެނެއް ފެނިވަޑައިގަތެވެ. އެ ހުވަފެނުގައި އެކަލޭގެފާނަށް ފެނިވަޑައިގަތީ، އެކަލޭގެފާނު ސުވަރުގޭގެ ދޮރުކޮޅުގެ ކުރިމަތީގައި ހުންނަވަނިކޮށެވެ. އަދި ކުރިން މި ދެންނެވި ދެމީހުން ވެސް ސުވަރުގޭގެ ދޮރުކޮޅުގެ ކައިރިން ޠަލްޙާ ރަޟިޔަﷲ ޢަންހުއަށް ފެނިވަޑައިގަތެވެ. ދެން އެކަލޭގެފާނަށް ފެނިވަޑައިގަތީ ސުވަރުގޭގެތެރެއިން މަލާއިކަތަކު ނުކުމެވަޑައިގެން ފަހުން މަރުވި މީހާ ގޮވައިގެން ސުވަރުގެ އަށް ވަދެވަޑައިގަތެވެ. އެއަށްފަހު އަނެއްކާވެސް ސުވަރުގޭގެ ތެރެއިން ނުކުމެވަޑައިގެން ފުރަތަމަ މަރުވި މީހާ ގޮވައިގެން ސުވަރުގެ އަށް ވަދެވަޑައިގަތެވެ. އެއަށްފަހު މަލާއިކަތާ އަނެއްކާވެސް ސުވަރުގެއިން ނުކުމެވަދައިގެން ޠަލްޙާ އިންބު ޢުބައިދުﷲ ރަޟިޔަﷲ ޢަންހާ ދިމާލަށް ބުންޏެވެ. "ޠަލްޙާއެވެ. ތިބާ އެނބުރި ދާށެވެ. ތިބާގެ ވަޤުތު އަދި ނުޖެހެއެވެ."
ޠަލްޙާ އިބްނު ޢުބައިދުﷲ ހޭފުޅު އަރައިވަޑައިގެން ވަރަށް ޙައިރާންވެވަޑައިގަތެވެ. ސަބަބަކީ، އެދެމީހުންނަކީވެސް އެއްދުވަހެއްގެ އެއް ވަގުތެއްގައި އިސްލާމް ވި ދެމީހުންނަށް ވެފައި، ފުރަތަމަ މަރުވި މީހާ ފުރަތަމަ މަރުވުމުގެ އިތުރުން އޭނާ، އޭނާގެ ޙަޔާތުގައި އަނެކަކަށްވުރެ މާ ބޮޑަށް ދީނީ ދަޢުވަތު ފެތުރުމާއި ޖިހާދު ކުރުމުގައި ހޭދަކުރި ކަމުގައި ވީނަމަވެސް ސުވަރުގެ އަށް ވަނުމުގައި އޭނާ، ފަހުން މަރުވިމީހާއަށް ވުރެ ލަސްވެފައި ވީތީއެވެ. ޠަލްޙާ ރަޟިޔަﷲ ޢަންހު މި ހުވަފެނުގެ ޚަބަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ޚަބަރު ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ޠަލްޙާ އެވެ. ތިބާ ޙާއިރާންވަނީ ކޮންކަމަކާ ތޯއެވެ؟ ޠަލްޙާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ " އޭ ﷲ ގެ ރަސޫލާއެވެ. ޞައްލަﷲ ޢަލައިހި ވަސައްލަމް. އެދެމީހުންނަކީ އެއް ދުވަހަކު އިސްލާމް ވި މީހުންނަށް ވެފައި ފުރަތަމަ މަރުވި މީހާ ދީނަށް ގޮވާލުމާއި ޖިހާދު ކުރުމުގައި އަވަދި ނެތި އުޅުނު އިރު އަދި ޝަހީދެއްގެ ގޮތުގައި މަރުވި އިރު، އާދައިގެ މުސްލިމެސްގެ ގޮތުގައި އުޅެ މަރުވި މީހާ ފުރަތަމަ ސުވަރުގެއަށް ވެއްދެވީ ކީއްވެތޯއެވެ؟
އަޚުންނޭ އުޚްތުންނޭ ބައްލަވާ! އެދެމީހުންގެ ތެރެއިން، އެކަކު އަނެކަކަށް ވުރެ ކުރިން ސުވަރުގެ ވަތް ކަމުގައި ވީނަމަވެސް ދެމީހުންވެސް ވަނީ ސުވަރުގެ ޙާޞިލް ކޮށްފައެވެ. ތަފާތަކީ އެކަކު ސުވަރުގެ އަށް ވަނުމުގައި ކުރިއަރައި ދިއުމެވެ. މި ވާހަކަ އަޑު އަހާ މީހަކު ހިތަށް އަރާފާނެއެވެ. އެދެން ޙައިރާން ވާންނީ ކަމެއް ހެއްޔެވެ. ދެމީހުންނަށްވެސް ސުވަރުގެ އަށް ވަދެވިއްޖެ ތާއެވެ. ދަންނާށެވެ! މީގެއިން އަހަރެމެންނަށް އެނގިގެން ދަނީ ސުވަރުގެއަށް ޞަޙާބީން ދަހިވެތިވެފައިވާ މިންވަރެވެ. އާ ފޯނެއް ނުކުންނަ ހިނދު، އެފޯނު އެންމެ ފުރަތަމަ ގަންނަ މީހުންގެ ތެރެއިން ވުމަށްޓަކައި ޕްރީ-އޯޑާ ޖަހަން ދިގު ކިޔު ތަކުގައި އެތައް ގަޑިއިރެއް އަޅުގަނޑުމެން ހޭދަކުރަމު އެވެ. ނަމަވެސް އެންމެ ފުރަތަމަ ސުވަރުގެ އަށް ވަނުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަނީ ކާކު ތޯއެވެ؟
ވާހަކައިގެން ކުރިއަށް ދަމާ! ރަސޫލޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޠަލްޙާ އަށް ވީގޮތް އަންގަވައި ދެއްވުމުގެ ގޮތުން ސުވާލުތަކެއް ކުރިމަތި ކުރެއްވިއެވެ. އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " ދެވަނަ އަށް މަރުވި މީހާ، ފުރަތަމަ މަރުވި މީހާއަށް ވުރެ އިތުރަށް އެއްއަހަރު ދުނިޔޭގައި ނުއުޅޭތޯއެވެ؟" ޠަލްޙާ ޖަވާބުގައި ވިދާޅުވީ، އާދެ އުޅުއްވިއެވެ. ރަސޫލޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަނެއްކާވެސް ޙަދީޘް ކުރެއްވިއެވެ. "ފަހުން މަރުވި މީހާ އިތުރު ފުރިހަމަ ރަމަޟާން މަހެއް ނުދެކޭތޯއެވެ؟ އަދި އޭނާ އަނެކަކަށްވުރެ ގިނައިން ނަމާދު ނުކުރޭތޯއެވެ؟" ޠަލްޙާ ޖަވާބުގައި ވިދާޅުވި: އާދޭހެވެ. އެބަހީ ފުރަތަމަ މަރުވި މީހާއަށް އިތުރު ރަމަޟާން މަހަކާއި އިތުރަށް ނަމާދު ކުރުމުގެ ފުރުސަތު ލިބުނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެން ޙަދީޘް ކުރެއްވިއެވެ. "އިތުރު ރަމަޟާން މަހަކާ ބައްދަލުވެ، ގިނައިން ނަމާދު ކުރުމުގެ ސަބަބުން، (ރަމަޟާން މަހުގައި އޭނާ، ފުރަތަމަ މަރުވި މީހާއަށްވުރެ އިތުރަށް ކުރި އަޅުކަންތަކާއި ފުރަތަމަ މަރުވި މީހާއަށްވުރެ އިތުރަށް އޭނާ ކުރި ނަމާދު ތަކުގެ ސަބަބުން) (ﷲގެ ޙަޟްރަތުގައި) އެދެމީހުންގެ ފަރަޤު އުޑާ ބިން ހާ ތަފާތު ބޮޑެވެ. أو كما قال صلى الله عليه وسلم
އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުން. އެއްމެ ރަމަޟާން މަހަކުން ތިބާ ޝަހީދަކަށްވުރެ ކުރިއަރައި ދިއުމުގެ ފުރުސަތު އެބައޮތެވެ. އެހެނަސް ހަމަ އެކަނި ރަމަޟާން މަސް އެމީހަކާ ބައްދަލު ވުމަކުން އޭނާ އަށް ސުވަރުގޭގެ ދަރަޖަ މަތިވެރިވެ މިފަދަ ގޮތެއް މެދުވެރި ނުވެދާނެއެވެ. އެހެނީ ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ތިމާގެ ފަރަޤު ބޮޑުކުރަން ގަދައަޅައި މަސައްކަތް ކުރި މީހަކަށް މެނުވީ އެކަން ކާމިޔާބެއް ނުވާނެ.















ޚިޔާލު