ވާހަކަ

ޕާޓޭއެއް، އިމާމް ބުޚާރީއާއި މުސްލިމްގެ އުސްތާޛަކަށް ވީގޮތް

ވާހަކައަކީ އިބްނު ޤުދާމާ ކިތާބުއް ތައްވާބީންގައި ޛިކުރު ކުރަށްވާފައިވާ ވާހަކައެކެވެ. ވާހަކަ ބިނާވަނީ ޙަޔާތަށް ސަތޭކަ އައްޑިހަ ޑިގްރީގެ ބަދަލެއް ގެނައި މީހެއްގެ ވާހަކައެވެ. އޭނާއަކީ ރަލަށް ދެވިހިފާފައިވާ، ރާބުއިމުގައި ހައްދު ފަހަނައަޅައި ގޮސްފައިވާ މީހެކެވެ. އެއްވެސް ކަހަލަ ތަޢުލީމެއް ލިބިފައި ނެތްތާނގައި ރީތި އުޅުމެއް، އަޚްލާޤެއް، ޢަމަލުކުރާނޭ ގޮތެއްފޮތެއް ދަންނަމީހެއްނޫނެވެ. އޭނާ ވެފައިވަނީ އޭނާގެ އަވަށުގައިވާ އެންމެ ނުބައި ނުލަފާ މީހުންގެ ތެރޭގައެވެ. އަޅުގަނޑުމެންގެ މިއަދުގެ ބަހުރުވައިން ނަމަ ޕާޓޭއެކެވެ.

އެއްދުވަހަކު އޭނާ ރަޙުމަތްތެރިން ތަކަކާއެކު މަގުމަތީގައި ރާ ބޮމުންދިޔައެވެ. އެގުރޫޕުގައިވެސް، އަތުން ރާފުޅި ހިފަހައްޓައިގެން މީސްތަކުންގެ ތެރޭގައި އުޅޭކަށް އޭނާ ފަހެއް ނުޖެހެއެވެ. ރިޔާ ބޮއްކުރައެއްފަދައިން އަރިއަކަށް ހިނގަމުންދާއިރު ވެއްޓި-ނުވެއްޓި ހުންނަނީ ހަމަ ކިރިޔާއެވެ. ލަދުވެތި ކަމުގެ ކަންފުޅެއްވެސް މީނާގެ ކިބައިގައި ނެތެވެ. މިއީ އެދުވަސްވަރުގައި އޭނާގެ ފެންވަރު ހުރިހިސާބެވެ. ލަދެއް ޙަޔާތެއްނެތި މަގުމައްޗަށް ގިނަވެފައެވެ. މީސްތަކުންގެ ނުރުހުމާއި ލަޢުނަތް އަމާޒުވެފައިވާ މީހެކެވެ.

އެގޮތަށް މަގުމަތީގައި ހިނގާފައި ދަނިކޮށް އޭނާއަށް ފެންނަނީ އެއްވެފައިވާ މީސްތަކުންގެ ބައިގަނޑެކެވެ. ރަނގަޅަށް ބަލައިލިއިރު މިމީސްތަކުން އެއްވެފައި މިތިބީ ހިމާރެއްގެ މަތީގައި އިން މީހެއްގެ ވަށައިގެންނެވެ. އެތާނގައި އެތައްބައިވަރު މީހުންނެއް އެއްވެފައި ތިއްބެވެ. އެބައިމީހުން ހިމާރުމަތީގައި އިންމީހާއަށް ވަރަށް އިޚްތިރާމްކުރާތަން ރާބޯ މީހާއަށްފެނުނެވެ. ކޮންމެމީހަކުވެސް ޙިމާރުމަތީގައި ހުރި މީހާއާ ވާހަކަ ދައްކަން ބޭނުންވެފައި ހުރިކަން އެތާނގައި އެއްވެފައިވާ މީސްތަކުންގެ ޝަޢުޤުވެރި މޫނުތަކުން ސާބިތުކޮށްދެއެވެ. އެމަންޡަރު މިއަދުގެ މިސާލަކުން ދައްކާނަމަ އެއީ މަޝްހޫރު ފިލްމީ ތައިއެއް ނުވަތަ ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިއެއް މަގުމަތިން ދާއިރު، އޭނާވަށާލައިގެން މީސްތަކުން އުޅޭ ފަދަ މަންޡަރެކެވެ.

ރާބޯ މީހާއަށް މިކަންވީ ވަރަށް އާދަޔާ ޚިލާފު ކަމަކަށެވެ. އެހިނދު އޭނާ، މިވެގެން އުޅޭގޮތް ބަލައިލާ ހިތްވިއެވެ. އެއާއެކު އެއްވެފައިތިބިމީހުންގެ ދެމެދުން ޖާގަހަދަމުން، ޙިމާރުމަތީގައި އިންމީހާއާހަމައަށް ރާބޯމީހާ ގޮސް، އެހިމާރު ހުއްޓުވައިފިއެވެ. އަދި ވަގުތުން ޙިމާރުމަތީ އިންމީހާއާ ސުވާލުކުރިއެވެ. "ކަލޭތީ ކާކު؟" އެއްވެސް އިޚްތިރާމެއް އަދަބެއް ސަދަބެއް ނެތި ކުއްލިއަކަށް މީހަކު އައިސް މިފަދައިން ސުވާލުކުރުމުން މުޅި ޖަމާޢަތަށްވެސް ވެރިވެގަތީ ކުއްލި ޙައިރާން ކަމެކެވެ. އަނެއްކާވެސް އޭނާ ސުވާލުކުރިއެވެ. "ކަލޭތީ ކާކު؟" އޭނާގެ ސުވާލަށް ޖަވާބު ދިނީ އެއްވެފައި ތިބި މީހުންނެވެ. "މިއީ އިމާމް ޝުޢުބާ އިބުނުލް ޙައްޖާޖު އެވެ." އެހިނދު ރާބޯމީހާ އަނެއްކާވެސް އެހިއެވެ. "ކާކު ޝުޢުބާއަކީ އަކީ؟" މިހެން އެހުމާއެކު އެއްވެފައިވާ މީހުންނަށް އިތުރު ޙައިރާންކަމެއް ގެނުވިއެވެ. " ކަލެއަށް އިމާމް ޝުޢުބާ ނޭނގޭ ހެއްޔެވެ. މިކަލޭގެފާނު ނުދަންނަ މީހަކު މިހިސާބުގަނޑަކުއެއް ނުހުންނާނެއެވެ. މިއީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، އަލް މުޙައްދިޘް އިމާމް ޝުޢުބާ އިބުނުލް ޙައްޖާޖެވެ." އެހިނދު އަނެއްކާވެސް ރާބޯމީހާ ސުވާލުކުރިއެވެ. "ތިމީހަކީ ކީއްކުރާ މީހެއްހެއްޔެވެ؟" އެއްވެފައިތިބި މީހުން ޖަވާބުދިނެވެ. "އެއީ މުޙައްދިޘެކެވެ." އެއްވެފައި ތިބިމީހުންގެ ޖަވާބުތަކުން ރާބޯމީހާގެ ސުވާލުތައްވަނީ ހައްތަހާވެސް އިތުރެވެ. އޭނާއަށް އިވެންފެށީ ކުރިން ނުދަންނަ ބަސްތަކެކެވެ. ވީމާ އަނެއްކާވެސް ސުވާލުކުރިއެވެ. "މުޙައްދިޘަކީ ކޯއްޗެއް؟" މީސްތަކުން ޖަވާބުގައި ބުނި "މުޙައްދިޘުންނަކީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްތައް ހިތުދަސްކޮށް، އުނގެނި، މީސްތަކުންނަށް އެޙަދީޘްތައް އުންގަންނައިދީ ޝަރަޙަކޮށްދީ އުޅޭ މީހުންނެވެ."

އެހިނދު ރާބޯމީހާ ގެ ހިތުގައި އިމާމް ޝުޢުބާ އިބުނުލް ޙައްޖާޖަށް ޗެލެންޖެއް ކޮށްލާ ހިތްވިއެވެ. އޭނާ އިމާމާ ދިމާލަށް ބުންޏެވެ. " ތިޔައީ މުޙައްދިޘެއް ކަމުގައިވާނަނަ، އަހަންނަށް ޙަދީޘެއް ކިޔައިދޭށެވެ." އެހިނދު މި ރާބޯމީހާގެ ޙާލަތަށް ވިސްނާފައި، އޭނާއާ ގުޅޭ ވަރަށް އަގުހުރި ޙަދީޘެއް އިމާމް އައް ޝަޢްބީ ވިދާޅުވެދެއްވިއެވެ. عَنْ رِبْعِيِّ بْنِ حِرَاشٍ، حَدَّثَنَا أَبُو مَسْعُودٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ "‏ إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلاَمِ النُّبُوَّةِ الأُولَى إِذَا لَمْ تَسْتَحِي فَاصْنَعْ مَا شِئْتَ ‏"‏(صحيح البخاري 3483, 3484, 6120), (مسند أحمد 17098, 17107, 22345)  މާނަ: ރިބްޢިއްޔު ބުނު ޚިރާޝް ގެކިބައިން ރިވާ ވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަބޫ މަސްޢޫދު (ރަޟިޔައްﷲ ޢަންހު) އަހަރެމެންނަށް ވިދާޅުވެދެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ވިދާޅުވިއެވެ. " ﷲ އެއްމެފުރަތަމަ ފޮނުއްވި ނަބިއްޔުންގެ ވާހަކަތަކުގެ ތެރެއިން މީސްތަކުންނަށް އަންނަނިވި ވާހަކަ އެނގިފައިވެއެވެ. އެއީ ތިބާގެ ކިބައިގައި ލަދުވެތިކަން ނުވާނަމަ. ތިބާ ބޭނުންކަމެއް ކުރާށެވެ."

އިމާމް އައް ޝަޢްބީ މިޙަދީޘް ކިޔައިދެއްވިއެރު، ރާބޯމީހާގެ ހިތް ވަނީ ﷲ ސުބުޙާނަހޫ ވަޠަޢާލާގެ ރަޙުމަތުން ހުޅުވިފައެވެ. އަދި ދުނިދަނޑިން ދޫކޮށްލި ތީރެއް ފަދައިން ޙަދީޘްގޮސް އޭނަގެ ހިތަށް ވަދެގެން ދިޔައެވެ. ރަލާއި މަސްތުގެ އަގެއްނެއް ޙަޔާތެއްގައި، ގޮތެއް ފޮތެއް، މަޤުސަދެއްނެތި މުޅި އުމުރުގެ ފާއިތުވީތަން ހޭދަކޮށްފައިވާ ﷲ ސުބުޙާނަހޫ ވަޠަޢާލާގެ މި ނިކަމެތި އަޅާއަށް މިހާ އަޘަރުކުރަނިވި އެއްޗެއް ދުވަހަކުވެސް އަޑުއިވިފައެއްނެތެވެ. އަދި އޭނާ، ޙަދީޘުގައި އެ ބުނެވުނު ވާހަކައާ މެދު ވަރަށް ފުންކޮށް ވިސްނަން ފެށިއެވެ. ތެދެކެވެ. އޭނާ އަކީ ލަދު ޙަޔާތުގެ ކަންފުޅެއްވެސް ހުރި އިންސާނެއްނޫނެވެ. އެއާއެކު ހިތުހުރިކަމެއް ކުރަމުން އައި ދުނިޔެއަށް ގިނަވެފައިވާ މީހެކެވެ.

އެއާއެކު މާޟީގައި ފާއިތުވީތަން ހަނދާންނައްތާލައި، އާފެށުމެއް ފަށައި އިޞްލާޙުވާން އޭނާ ބޭނުންވިއެވެ. އަދި ދީން އުނގެނުމަށްޓަކައި މަޝްހޫރު މާލިކީ މަޛްހަބުގެ އިމާމް، އިމާމް މާލިކް އިބްނު އަނަސްގެ އަރިހަށް ގޮސް ޢިލްމު އުނގެނެން ފެއްޓެވިއެވެ. އަދި ޢިލްމު އުނގެނުމަށް އޭނާގެ ހިތުގައިވާ ޝަޢުގުވެރިކަން އިތުރުވެ، ޢިލްމުގެ ދަތުރުގައި އެތައް ކުރިބޯއްޓެއް ގިރާކޮށް އެންމެފަހުން މިމީހާ ބޮޑު ޢިލްމުވެރިއަކަށް ވެގެންދިޔައެވެ.

އަދި ލޮބުވެތި އަޚުންނާއި އުޚުތުންނޭ ވިސްނާލައްވާ! މަގުމަތީގައި ރާފުޅި ހިފައިގެން، ރާބޮމުން ދިޔަ މިމީހާ ވެގެންގޮސްފައިވަނީ، ޤުރްއާނަށްފަހު މިބިންމަތީގައިވާ އެންމެ ސައްޚަ ދެފޮތް ކަމަށްވާ ޞަޙީޙުލް ބުޚާރީ އާއި ޞަޙީހުލް މުސްލިމް ލިޔުއްވި ދެއިމާމުން ކަމަށްވާ އިމާން ބުޚާރީ އާއި އިމާމް މުސްލިމްގެ އުސްތާޛެއްކަމުގައެވެ. އެކަލޭގެފާނުގެ ނަމަކީ ޢަބްދުﷲ އިބްނު މަސްލަމަލް ޤަޢްނަބީއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ