އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ބައްޕަ އަލްމަރުޙޫމް އަބްދުއްރަހްމާން މުހައްމަދުގެ ހަނދާނުގައި އެއްވަނައަށް ދާ ފަރާތަކަށް ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމްލިބޭ ޤުރުއާން މުބާރާތެއް ބޭއްވުމަށް އެއާއިލާއިން ނިންމައިފިއެވެ.
މިމުބާރާތާއި ގުޅޭގޮތުން އެއާއިލާއާއި ހަވާލާދީ އޭދަފުށި ޓައިމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ އޭދަފުށީގައި ތަޖްވީދު މަގަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް އުފެއްދުމާއި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއެކު ޤުރުއާން ކިޔެވުމުގެ އާދަ އަށަގެންނެވުމެވެ.
އޭދަފުށީގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބާއްވާ މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.
އެއްވަނައަށް ދާ ފަރާތަށް ބައިލައްކަ ރުފިޔާގެ އިތުރުން ކޮންމެ ކެޓަގަރީއަކުންވެސް އެއްވަނަ އާއި ދެވަނަ އަދި ތިން ވަނައަށް ވެސް އަގުހުރި އިނާމުތަކެއް ކަނޑައެޅިފައިވާ މިމުބާރާތުގައި ބައިވެރިވެވޭނީ ބައިވެރިވުމަށް އެދި ފޯމް ހުށަހަޅައި ފަރާތްތަކުގެ މެދުގައި ބާއްވާ އޮޑިޝަނުން ހޮވޭ ފަރާތްތަކަށެވެ.
މިމުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 16 އަހަރުން މައްޗާއި 16 އަހަރާއި 10 އަހަރާ ދެމެދާއި 10 އަހަރުން ދަށުގެ ބައެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...